ގ. ޑްރީމް އޮފް ގާޑަން މުހައްމަދު އަނީލްގެ "ނަސްރު" ދޯނިން ހޮވި 20 ކިލޯ އަށް ވުރެ ބަރު މާވަހަރު ބެހުމާ މެދު ޚިޔާލުތަފާތުވުންތަކެއް އުފެދިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔުމަށް ފަހު އަލުން އެ މައްސަލަ މިއަދު ކޯޓަށް ވައްދައިފި އެވެ.

މާވަހަރު ވިއްކުމާ މެދު ދެ ފަރާތުން އެއްބަސްވެ، ވިއްކާނެ މީހެއް ކަނޑައަޅައި އެމީހާއާ އެކު އޮޑިވެރިޔާ އާއި ކެޔޮޅު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނިކޮށް މިއަދު އެ މައްސަލަ ކޯޓަށް ހުށަހެޅީ ވެސް މާވަހަރު ބަހައި ދިނުމަށް އެދި އެވެ.

ކުރިން ކޯޓަށް ހުށަހެޅި މައްސަލައިގައި ތިންބައިކުޅަ އެއްބަޔަށް މާވަހަރު ބަހާ ގޮތަށް އޮޑިވެރިޔާ އަނިލް ވަނީ އެއްބަސްވެފަ އެވެ. އޭގެ ފަހުން ފަޅުވެރިންނާއި ކެޔޮޅު ޅ. ނައިފަރު، ނޫރާނީމާގޭ، އަބްދުﷲ މުހައްމަދު ވެސް ވަނީ އެގޮތަށް އެއްބަސްވެފަ އެވެ.

ފަޅުވެރިން އެގޮތަށް އެއްބަސްވީ މާވަހަރާ ގުޅޭ ގޮތުންނާއި އަދި ދޯންޏާ ބެހޭ ގޮތުން ދެ ފަރާތުން ވެސް ދައުވާ ނުކުރާނެ ކަމަށް ބުނެ އަނގަބަހުން އޮޑިވެރިޔާ އަނީލްއާ އެކު އެއްބަސްވުމަށް ފަހު އެވެ.

ނަމަވެސް އަލުން މިއަދު އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ފަހު އަބްދުﷲ މުހައްމަދުގެ ބެލުމުގެ ދަށުގައި މާވަހަރު އޮވެއްޖެ ނަމަ އެ އަށް ގެއްލުންދީފާނެ ކަމުގެ ބިރުއޮތް ކަމަށް ބުނެ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން މާވަހަރު ޝަރީއަތުގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އަނީލް ވަނީ ކޯޓުގައި އެދިފަ އެވެ.

ވަގުތީ އަމުރަށް އެދުމުން ކެޔޮޅު އަބްދުﷲ މުހައްމަދުގެ ފަރާތުން ވަނީ ދެ އެގްރީމެންޓެއް ޝަރީއަތަށް ހުށަހަޅައިފަ އެވެ.

ފުރަތަމަ ހުށަހެޅީ އަނިލް ބޭނުންވާ މީހަކަށް މާވަހަރު ވިއްކުމަށް ހަދާފައިވާ އެގްރީމެންޓާއި މާވަހަރު މިހާރު ބާއްވާފައި އޮތީ އަނިލް އެއްބަސްވެފައިވާ ތަނެއްގައި އޭނާގެ ސެކިއުރިޓީންނާ އެކު ކަން އެނގޭނެ އެގްރީމެންޓެވެ.

އެ ދެ އެގްރީމެންޓް ޝަރީއަތަށް ހުށަހެޅުމުން ސިވިލް ކޯޓުގެ އިސް ގާޒީ އައިޝާ ޝުޖޫން މުހައްމަދު ވަނީ އަނީލްގެ ބަޔާނެެއް ނަގައިފަ އެވެ.

އަނީލް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި މިއަދު ކޯޓަށް ދީފައިވާ ބަޔާނުގައި ބުނަނީ ދެ ފަރާތުން އެއްބަސްވެގެން މާވަހަރު ވަކިތަނެއްގައި ބާއްވާފައިވީ ނަމަވެސް ވަގުތީ އަމުރު ހުށަހަޅާފައި ވަނީ އަބްދުﷲ މުހައްމަދުގެ ބެލުމުގެ ދަށުގައި މާވަހަރު ބާއްވަން އަނިލް ނުރުހޭތީ ކަމަށެވެ.

ޝުޖޫން ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަގުތީ އަމުރާ މެދު ބުރާސްފަތި ދުވަހު ގޮތެއް ނިންމަވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.