02 Dec 2023, 12:47

އެންމެ ފަހުން ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން އުފެއްދި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ އެންމެ ފުރަތަމަ އެތެރޭގެ އިންތިޚާބު ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މި އިންތިޚާބު ފަށާފައި ވަނީ، މިއަދު ހެނދުނު 10 ޖެހިއިރުއެވެ. އަދި އިންތިޚާބު ކުރިއަށް ދާނީ ހަވީރު ހަތަރަކާ ހަމައަށެވެ.
މި އިންތިޚާބުގައި ޕާޓީގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 35 މަގާމަކަށް މީހުން އިންތިޚާބު ކުރާނެއެވެ.

އެ ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދާއި އެ ޕާޓީގެ އިންޓަރިމް ޗެއާގެ މަގާމުގައި ހުންނެވި ހަސަން ލަތީފެވެ.
ޕާޓީގެ ނައިބު ރައީސުންގެ މަގާމުގައި ޒުވާން ނައިބު ރައީސަކާއި އަންހެން ނައިބު ރައީސެއް ހިމެނޭ އިރު، ޒުވާން ނައިބު ރައީސްގެ މަގާމަށް ކުރިމަތި ލައްވާފައި ވަނީ ހުސައިން ފިރުޝާން، މުހައްމަދު އަންސަރު އަދި މުހައްމަދު އަލާނެވެ.

ޕާޓީގެ އަންހެން ނައިބު ރައީސްގެ މަގާމަށް ކުރިމަތި ލައްވާފައި ވަނީ، މަރިޔަމް ރީހާން ނާޒިމާއި، އައިޝަތު އަލައިކާ އަދުނާނެވެ.
އެމްޑީޕީއާއެކު އުފެދުނު ޚިޔާލު ތަފަތުވުންތަކަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންތަކެއް އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ، މިއަހަރު މެއި މަހުގެ 24 ވަނަ ދުވަހުއެވެ.