ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް މިހާރު އޮތް ހިސާބުން މަސައްކަތް ހުއްޓުވައިފިނަމަ ދައުލަތަށް ގެއްލުންވެދާނެތީ، ދައުލަތާއި ނެކްސްބިޒަށް ގެއްލުން ނުވާނެ ގޮތަށް އޭސީސީއާ މަޝްވަރާކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދަން އެދޭ ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އޭސީސީން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އެންމެ ފަހުގެ އަޑު އެހުމުގައި މިއަދު އެވެ. މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބަންޑާރަ ނާއިބު އޮފީހުގެ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ ބޯޑާ ސިސްޓަމްގެ މަސައްކަތް އޮތް ހިސާބުން މަސައްކަތް ހުއްޓުވައިފިނަމަ ދައުލަތަށް ގެއްލުންވެދާނެ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތާއި މެލޭޝިޔާގެ ނެކްސްބިޒަށް ގެއްލުން ނުވާނެ ގޮތަށް އޭސީސީއާ މަޝްވަރާކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

ޖެނުއަރީ 24، 2011 ގައި އޭސީސީން އިމިގްރޭޝަނަށް ފޮނުވި ސިޓީގައި އެ މަސައްކަތް ހުއްޓާލުމަށްފަހު ވަޒީރުންގެ މަޖިލީހާއި ނޭޝަނަލް ޕްލޭނިން ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެ މަސައްކަތް ކުރިއަށްގެންދިޔުމަށް އަންގާފައިވާތީ އެކަމާ ގުޅިގެން ޝަރީއަތުން މިއަދު ވަނީ އޭސީސީއާ ސުވާލުކޮށްފަ އެވެ.

އެ މަސައްކަތް ހުއްޓާލުމަށްފަހު ވަޒީރުންގެ މަޖިލީހާއި ނޭޝަނަލް ޕްލޭނިން ކައުންސިލުން އަންގާ ގޮތުގެމަތިން މަސައްކަތް ކުރިިއަށް ގެންދިޔުމަށް އިމިގްރޭޝަނަށް އެންގީ ކީއްވެގެންތޯ ފަނޑިޔާރު އެއްސެވުމުން އޭސީސީގެ ވަކީލުންގެ ޓީމުން ބުނީ އެގޮތަށް އިމިގްރޭޝަނަށް އެންގީ އާންމުގޮތެއްގައި ސަރުކާރުން އެފަދަ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަނީ ޕްލޭނިން ކައުންސިލާއި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށްވާތީ ކަމަށެވެ.

ނެކްސްބިޒުގެ ވަކީލު އިސްމާއިލް ވިޝާމް ވިދާޅުވީ އޭސީސީން އެ ސިޓީ ފޮނުވި ފަހުން ވެސް ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއްބަސްވުމެއް ރޫޅާލުމުގެ ބާރަކީ އޭސީސީއަށް ލިބިގެންވާ ބާރެއް ނޫންކަމަށާއި ސިވިލް ކޯޓުން އެ މައްސަލަ ނިންމާފައި ވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނެކްސްބިޒުން ވަނީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް ނެރެފައިވާ ވަގުތީ އަމުރު މުރާޖާ ކުރުމަށް ހުށަހަޅާފަ އެވެ.

ވަގުތީ އަމުރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނެކްސްބިޒުގެ ވަކީލު ވިޝާމް ވިދާޅުވީ އެ ޕްރޮޖެކްޓަކީ ދައުލަތުން އެއްވެސް ޚަރަދެއްކުރާ ޕްރޮޖެކްޓެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ސިސްޓަމަކީ ނެކްސްބިޒުން ހިލޭ ބަހައްޓާ ސިސްޓަމެއް ކަމަށާއި އެސިސްޓަމް ބެހެއްޓުމަށްފަހު ނެކްސްބިޒަށް ލިބޭ ހަމައެކަނި އާމްދަނީއަކީ ބިދޭސީންގެ އަތުން ނަގާ ފީ ކަމަށެވެ. އޭގެ ސަބަބުން ދިވެހި ދައުލަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްދުގައި އޭސީސީން ބުނީ ބިދޭސީންގެ އަތުން ނަގާ ފީއަކީ މިހާރު ދައުލަތަށް ލިބޭ އާމްދަނީއެއް ކަމަށާއި އެހެންކަމުން އެ ޕްރޮޖެކްޓް ނެކްސްބިޒާއި ހަވާލުކުރުމުން ދައުލަތަށް ގެއްލުން ލިބޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލާ ޝުނާނާ ވިދާޅުވީ ވަގުތީ އަމުރާ ބެހޭގޮތުން ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އެ އޮފީހުން ޖަވާބުދާރީވެފައިވާ ކަމަށާއި އެހެންކަމުން މިއަދު އެއަށް ޖަވާބުދޭން ބޭނުންނުވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރު ވިދާޅުވީ ވަގުތީ އަމުރަށް ބަދަލު ގެންނަން ޖެހިއްޖެނަމަ އެކަން އަންގާނެ ކަމަށެެވެ. އޝަރީއަތުގެ މަޖިލީސް ނިންމާލައްވަމުން ވިދާޅުވީ އެ މައްސަލައިގެ ދެން އަޑުއެހުމެއް ބާއްވާނީ މައްސަލަ ދިރާސާ ކުރުމުގައި އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަނި ކަމަށެވެ.