ރާއްޖޭގައި މުޅިން އަލަށް ބާއްވާ އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލް އާންމުންގެ ބޮޑު ތަރުހީބަކާއެކު މިއަދު ފަށައިފިއެވެ.

މި ކަމާ ގުޅިގެން އިވެންޓުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމްޖަދު "ސަން"އަށް ވިދާޅުވީ، އާންމުންގެ ފަރާތުން އުންމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް މި އިވެންޓަށް ލިބިފައިވާ ކަމަށެވެ.

މި މުބާރާތުގައި ދިހަ ގައުމެއްގެ މެޖިޝަނުންގެ ހުނަރު ފެންނާނެކަމަށް އަމްޖަދު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮތް މެޖިކް މުބާރާތުގައި ހަތް ފަރާތަކުން ބައިވެރިވެފައިވާއިރު ގެސްޓު ޕާފޯމަރުން ވެސް މުބާރާތުގައި ހުށަހެޅުންތައް ވަނީ ދައްކައިލަފައެވެ.

މެޖިކް ފެސްޓިވަލްގައި މެޖިޝަނެއް ހުށައަޅަނީ---

"ވަރަށް ކާމިޔާބުކޮށް ޕްރޮގްރާމް ދިޔައީ. ވަރަށް ގިނަ ކުޑަކުދިނާއި އާންމުން އެންޖޯއީ ކުރި އިވެންޓެއް މިއީ" އަމްޖަދު ފާހަގަކުރެއްވިއެވެ.

މާދަމާ އޮންނަ ގާލާ އެވޯޑް ނައިޓުގައި ހުރިހާ މެޖިޝަނުން ބައިވެރިވާއިރު ވަރަށް ކުލަގަދަކޮށް މި އިވެންޓު ބާއްވަން ތައްޔާރުވަމުން އަންނަކަމަށް ވެސް އަމްޖަދު ފާހަގަކުރެއްވިއެވެ.

މެޖިކް ފެސްޓިވަލްގެ މީޑީއާ ޕާޓްނަރެއްގެ ގޮތުގައި އެސްއެސްޓީވީން މަސައްކަތްކުރާއިރު މި ފެސްޓިވަލް ކުރިއަށްގެންދިޔުމުގައި އިތުރު ސްޕޮންސަރުންގެ އެހީތެރިކަން ލިބިމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަރަކާތުން ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމާއި، ޓްރޮފީ ލިބޭނެއެވެ.

މި ފެސްޓިވަލަށް ވަދެވޭނީ ޓިކެޓު ގަނެގެންނެވެ. އޮލިމްޕަހުންނާއި އޮންލައިންކޮށް ވެސް ޓިކެޓް ބުކް ކުރެވޭނެއެވެ.