22 May 2012, 16:38
ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ނެޝަނަލް އިންކްއަރީ ކޮމިޝަނުގައި ހިމެނުއްވުމަށް އަނެއްކާ ވެސް ބޭފުޅެއްގެ ނަން ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހާމިދު އަބްދުލްޣަފޫރު މިއަދު ވިދާޅުވީ އިންކްއަރީ ކޮމިޝަނަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ނަމެއް ހުށަހެޅުއްވީ އިއްޔެ ކަމަށެވެ. އަދި އެ ނަންފުޅަކީ ކޮމިޝަންގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތުތައް ކަމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާތަކަށް ފެތޭ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަންގައި ހިމެނިވަޑައިގެންނެވުމަށް ހުށަހެޅުއްވީ ކޮން ބޭފުޅެއްކަން ހާމިދު ވެސް އަދި އެމްޑީޕީން ވެސް ހާމަކޮށްފައެއް ނުވެއެވެ. އޭނާ ވިދާޅުވީ އެ ނަން އެމްޑީޕީން ހާމަ ނުކުރާނެ ކަމަށާއި އެކަން ކުރާނީ ސަރުކާރުން ކަމަށެވެ.
"ނަޝީދުގެ ފަރާތްޕުޅުން ބޭފުޅެއްގެ ނަން ފުރަތަމަ ހުށަހެޅުއްވުމުން، އަނބުރާ ފޮނުވާލެއްވުމަށްފަހު، ކްރައިޓީރިއާއެއް ކަނޑައެޅީ. އޭގެ ކުރިއަކުން ކްރައިޓީރިއާއެއް ނެތް. މިފަހަރު ހަމަ ޔަގީނުން ވެސް ކްރައިޓީރިއާއަށް ފެތޭ ބޭފުޅެއްގެ ނަން އެ އޮތީ ފޮނުވާފައި،" އެމްޑީޕީގެ ފަރާތުން އޯލް ޕާޓީ ޓޯކްސްގައި ވެސް ބައިވެރިވެވަޑައިގަންނަވާ ހާމިދު އަބްދުލް ޣަފޫރު ވިދާޅުވި އެވެ.
އިންކްއަރީ ކޮމިޝަންގެ މެންބަރެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ސަރުކާރާއި ކޮމަންވެލްތުން އެއްބަސްވެފައި ވަނީ ޔުނިވާސީޓީގެ ޑިގްރީއެއް ހޯއްދަވާފައިވުމާއި މުޖުތަމައުގެ ގަދަރު ލިބިފައިވާ ބޭފުޅަކަށް ވުމާއި ވޭތުވެދިޔަ ދެ އަހަރު ސިޔާސީ ހަރަތާތެއްގައި އުޅެފައި ނުވުމާއި ކެބިނެޓްގެ ވަޒީރަކަށް ވޭތުވެދިޔަ ދެ އަހަރު އުޅުއްވާފައި ނުވުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވޭތުވެދިޔަ ދެ އަހަރު އުޅުއްވާފައި ނުވުމެވެ. އަދި ފެބްރުއަރީ 7، 2012ގެ ހާދިސާއާ ގުޅިގެން ޕަބްލިކް ސްޓޭޓްމަންޓެއް ދެއްވާފައިވާ ނުވާ ބޭފުޅަކަށް ވެސް ވާންޖެހެ އެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން މީގެ ކުރިން ހުށަހެޅުއްވި ނަންފުޅުތަކަކީ ސިޔާސީ ބޭފުޅުންނަށް ވާތީ އެ ނަންފުޅުތައް ވަނީ އަނބުރާ ފޮނުވާލާފަ އެވެ.
ތިން މެންބަރުންގެ މައްޗަށް އުކުލެވޭ ގޮތަށް އުފެއްދި އިންކްއަރީ ކޮމިޝަންގެ މުއްސަގިއްލު ކަމާމެދު އެމްޑީޕީން ސުވާލު އުފައްދަމުންދަނިކޮށް ކޮމަންވެލްތާއި ސަރުކާރާ ދެމެދު ދެކެވުނު ވާހަކަތަކުގައި ކޮމިޝަނަށް އިތުރު މެންބަރުން ލުމަށް އެއްބަސްވި އެވެ. އެގޮތުން މިހާރު ތިއްބެވި ތިން މެންބަރުންގެ އިތުރުން ކޮމިޝަންގެ ކޯޗެއާއަކާއި ބައިނަލް އަގުވާމީ ފަނޑިޔާރަކާއި ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ހިމެނުމަށް އެއްބަސްވެވުނެވެ.