ޔުއޭފާ ޔޫރޮޕާ ލީގު ގްރޫޕް ޑީގައި އެޓަލާންޓާ އާއި ސްޕޯޓިން ލިޒްބަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ސްޕޯޓިންއިންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 23ވަނަ މިނެޓުގައި ޖަހައި ލީޑު ނެގީ އެޓަލާންޓާއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއާންލޫކާ ސްކަމަކާއެވެ.

މި މެޗުގައި ސްޕޯޓިންއިން ކާމިޔާބު ކުރި ލަނޑު މެޗުގެ 56ވަނަ މިނެޓުގައި ޖަހައިދީ މެޗުގެ ނަތީޖާ ހަމަަހަމަ ކޮށްދިނީ މާކަސް އެޑްވާޑްސްއެވެ.

މި މެޗު އެއްވަރުވުމާއެކު އެޓަލަންޓާއަށް މިހާރުވަނީ ގްރޫޕް ޑީގެ އެއްވަނަ މަގާމު ކަށަވަރުވެފައެވެ. އެގޮތުން އެ ޓީމަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފައެވެ.

ސްޕޯޓިންއަށް މި މެޗުން ލިބުނު ޕޮއިންޓާއެކު ދެވަނަ ބުރުގެ ޕްލޭ އޮފް ޖާގައެއް މި ވަނީ ޔަގީންވެފައެވެ. އެ ޓީމަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ.