01 Dec 2023, 23:42
ޔުއޭފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން އޮލިމްޕިކް މާސޭ އާއި ބްރައިޓަން އެންޑް ހީވް އެލްބިއަން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ދެވަނަ ބުރުން މި ދެ ޓީމު ޖާގަ ހޯދީ ގްރޫޕް ބީގައި ރޭ މި ދެ ޓީމު ބައްދަލުކުރި ދެ މެޗު ކާމިޔާބުކޮށްގެންނެވެ. މާސޭ އާއި އަޔެކްސް އެމްސްޓަޑަމް ރޭ ބައްދަލުކުރި މެޗު މާސޭ ކާމިޔާބުކުރީ 3-4ގެ ނަތީޖާއަކުންނެވެ.
މާސޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ޕިއޭ އެމެރިކް އައުބަމެޔާންގްވަނީ މާސޭއަށް ހެޓްރިކެއް ވެސް ހަދައިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ނުވަވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖަހައި ލީޑު ނެގީ މާސޭއިންނެވެ.
މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައުބަމެޔާގްއެވެ. ނަމަވެސް މި ލަނޑު ޖެހިތާ މިނެޓެއްފަހުން އަޔެކްސްގެ ބްރައަން ބްރޮބޭ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ.
މެޗުގައި ދެވަނަ ފަހަރަށް މާސޭއިން ލީޑު ނެގީ މެޗުގެ 26ވަނަ މިނެޓްގައި ޗާންސެލް އެމްބެމްބާ މަންގޫލޫ ޖަހައިދިން ގޯލާއެކުގައެވެ.
އަދި ދެން ފެނުނީ މެޗުގެ 30ވަނަ މިނެޓްގައި އަޔެކްސްގެ ބްރޮބޭ ލަނޑެއް ޖަހައި އަނެއްކާ ވެސް މެޗުގެ ނަތީޖާ ހަމަހަމަކުރި މަންޒަރެވެ. މި މެޗުގައި މާސޭގެ ތިންވަނަ ލަނޑު މެޗުގެ 47ވަނަ މިނެޓްގައި ޖަހައިދީ އެ ޓީމަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އައުބަމެޔާންގްއެވެ.
މި މެޗުގެ 63ވަނަ މިނެޓްގައި އަޔެކްސްގެ ސްޓީވެން ބާގުއިސްއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެހެންވެ، މެޗުގެ ބާކީ ބައި އަޔެކްސްއިން ކުޅެފައިވަނީ ކުޅުންތެރިއަކު މަދުކޮށެެވެ.
އަޔެކްސްގެ ތިންވަނަ ލަނޑު ޖަހައިދިނީ މެޗުގެ 79ވަނަ މިނެޓްގައި ޗޫބާ އެކްޕޮންއެވެ.
މެޗު މާސޭއަށް ކަމިޔާބުކޮށްދިން ލަނޑު ޖަހައި އައުބަމެޔާގް ހެޓްރިކް ހެދީ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ކާމިޔާބު ކުރި ޕެނަލްޓީއަކުންނެވެ.
މި ކަމީޔާބީއާއެކު މާސޭއަށް މިހާރުވަނީ ފަސް މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނައަށް އަރައިފައެވެ. އަދި އަޔެކްސް އޮތީ ދެ ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.