22 May 2012, 16:18
ރާއްޖޭގައި މަތީ ތައުލީމަށް ހާސިލް ކުރާ ދަރިވަރުނަށް ދާއިމީ ފައިނޭޝަނަލް ސްކީމެއް ތައާރަފްކޮއްދިނުމަށް އެދި ރައީސްލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ޕެޓިޝަނެއް ހުށައަޅައިފި އެވެ.
މި ޕެޓިޝަނުގައި ކޮލެޖްތަކުގައި މަތީ ތައުލީމް ހާސިލް ކުރާ 1507 ދަރިވަރުން ސޮއިކޮށްފައިވެ އެވެ.
ދަރިވަރުންގެ ޕެޓީޝަނުގައި ބުނަނީ 2010 ވަނަ އަހަރުން ފެށިގެން މަތީ ތައުލީމަށް ކިޔަވާ ދަރިވަރުނަށް ދެމުންދިޔަ ހިލޭ އެހީ ކަނޑާލާފައިވާ ކަމަށާއި ބެންކް މެދުވެރިކޮށް ލޯނު ދޫކުރުމުގެ ސިޔާސަތެއް ކަނޑައެޅުމުގެ ސަބަބުން މަތީ ތައުލީމް ހާސިލް ކުރަން ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އަދި ލޯނު ދޫކުރުމުގައި އެކަށީގެންވާ އުސޫލުތަކެއް ނެތުމުން ދަރިވަރުނަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"... ކޯހެއްގައި ބައިވެރިވުމަށް ފަހު އެ ކޯސް ނިންމާ އެހެން ކޯހެއް ހަދަން ބޭނުންވާ ދަރިވަރުނަށް ލޯނު މެދުކެނޑޭނެ އުސޫލެއް ގާއިމްވެފައި ނެތުމާއި އަހަރަކު ވަކި ދުވަސްވަރެއްގައި ފުރުސަތު ހުޅުވާލައި ބަންދުވާ ގޮތަށް ލޯނު ދޫކުރުމުގެ އުސޫލުތަށް އޮތުމުގެ ސަބަބުން ލޯނު ބޭނުންވާ ކުދިންނަކަށް އެފުރުސަތު ގެއްލިގެން ދިއުމާއި، ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސްކީމެއް ގާއިމްކޮށް، އެކަމަށް ހާއްސަ އޮފީހެއް ގާއިމް ކުރެވިފައި ނެތުމުގެ ސަބަބުން ލޯނަށް އުންމީދުކޮށްގެން ކޯހަށް އަންނަ ދަރިވަރުން، ކޯސް ފެށި، މާލީ ގޮތުން ނިކަމެތިވެގެން ދާއިރު ވެސް، ލޯނު ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނޯވެ އެވެ،" އެ ޕެޓިޝަނުގައިވެ އެވެ.
އަދި 2011 ވަނަ އަހަރުން ފެށިގެން "ހަޔާ އެޑިއުކޭޝަން ސްޓޫޑެންޓް ފައިނޭންޝިއަލް އެސިސްޓެންސް ސްކީމް ފޯ ދަ މޯޅްޑިވްސް" ގެ ނަމުގައި ތައާރަފްކޮށްފައިވާ އެ ސްކީމަށް އަމަލު ކުރަމުން ނުދާކަމަށް ވެސް ބުނެފައި ވެއެވެ.
ޕެޓިޝަން މެދުވެރިކޮށް ދަރިވަރުން އެދުނީ ތިން މަތީ ތައުލީމް ހާއްސިލުކުރާ ކުދިނަށް އެހީ ވުމަށް ވަކި އޮފީހެއް ގާއިމްކުރުމަށާއި ލޯނަށް އެދި ހުށައެޅުމަށް ވަކި މުއްދަތެއްނެތި އަބަދުވެސް ހުޅުވާލުމަށާއި ލޯނު އަނބުރާ ދައްކާ މުއްދަތުގައި ލޯނު ނެގި ފަރާތުން އިތުރަށް ކިޔަވަން ބޭނުންވެއްޖެ ހާލަތެއްގައި ނުވަތަ ބާރު ނުފޯރުވޭ ހާލަތެއް މެދުވެރިވެއްޖެނަމަ ލޯނު މެދުކެނޑޭނެ އުސޫލެއް ގާއިމުކޮށް ދިނުމަށެވެ.
ޕެޓިޝަން ހުށައެޅުމުގައި އިސްކޮށް ހަރާކާތްތެރިވި ދަރިވަރު، މޫސާ މާހިރު ބުނީ ޕެޓިޝަން ހުށައެޅީ އެކި ގޮތްގޮތުން މަސައްކަތްކޮށް އެކަމަށް ހައްލެން ނުލިިބިގެން ކަމަށެވެ. އަދި މިހާރު ގާއިމްކޮށްފައިވާ ލޯނު ސްކީމްގެ ދަށުން ލޯނު ލިބެނީ ވަކި ދަރިވަރުނަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"މިހާރު އަޅުގަނޑުމެނަށް ކިޔަވަން ފައިސާ ލިބެނީ ހަމައެކަނި ލޯނު އުސޫލުން އެގޮތުން އެ ލޯނަކީ އިންޓްރެސްޓު ވެސް ހިމެނޭ ލޯނެ ސްކީމެއް އެހެންވީމަ ގިނަ ކުދިން ޖެހިލުންވޭ ލޯނު ނަގަން،" މާހިރު ބުންޏެވެ.
އޭނާ ބުނީ މަތީ ތައުލީމް ހާސިލްކުރާ ހުރިހާ ކުދިންގެ އެދުމަކީ ތައުލީމް ހާސިލްކުރުމަށް ރަނގަޅު ފައިނޭޝަން ސިސްޓަމެއް ގާއިމްކޮށްދިނުން ކަމަށާއި މިކަން ކުރުމަށް ޓަކައި މުޒާހަރާކުރަން ޖެހުނަސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުން ވަނީ މިދިޔަ އަހަރުވެސް ފައިނޭޝަލް ސްކީމެއް ކަނޑައަޅައި ދިނުމަށާއި ޕޮކެޓްމަނީ ދިނުމަށް އެދި ރައީސް ނަޝިދަށް ވެސް ޕެޓިޝަނެއް ހުށަހެޅި އެވެ.