އާބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ފަންޑު ރައިޒިން އިވެންޓެއް މިއަދު ހުޅުމާލޭ ރުއްގަނޑު ދޭއްގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި އިވެންޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ، ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00- 10:00 އަށެވެ.

މި އިވެންޓްގައި ފަންޑުރައިޒް ކުރުމުގެ އިތުރުން ފަލަސްތީނުގެ ހާލަތާ މެދު ހޭލުންތެރިކުރުމަށް މައުލޫމާތު ދެވިގެންދާނެއެވެ. އަދި، މަޢުރިބް ނަމާދުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ދުޢާއެއް ކުރެވިގެންދާނެއެވެ. މި އިވެންޓް ނިންމައިލަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އަށް ޗެކް ހަވާލުކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވާން ވީހާ ވެސް ގިނަ ބޭފުޅުން މި އިވެންޓްގައި ބައިވެރިވުމަށް އާބަންކޯއިން ވަނީ އެދިފައެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަައް މިހާރު މެދުކަނޑާލައިފައި އޮތް ނަމަވެސް އެ މުއްދަތުގެ ތެރޭގައި 20،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.