01 Dec 2023, 13:47
ލޮސް އެންޑް ޑެމޭޖް ފަންޑަކީ ރައްޖެ ފަދަ ކުޑަ ގައުމަކަށް ވަރަސް މުހިންމު ފަނޑެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޮޕް 28 ސަމިޓުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ފަންޑު އެކުލަވައިލުމަށް އިންތިގާލީ ކޮމިޓީން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރުވެރިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މޫސުމީ ގޮތުން ކުރިމަތިވާ ކާރިސާތައް ކުޑަ ކުރުމުގައި މިފަދަ މިފަދަ ނިންމުންތައް މުހިންމު ކަމަށާއި ރާއްޖެއަކީ އަބަދު ވެސް މިކަމަށް ވަކާލާތު ކުރާ ގައުމެއް ކަމަށެވެ.
ލޮސް އެންޑް ޑެމޭޖް ފަންޑަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކުން އަރައިގަތުމަށް އެހީ ދޭ ފަންޑެކެވެ. މި ފަންޑު އޮޕްރޭޝަނަލައިޒް ކުރުމަކީ ކޮޕް ސަމިޓެއްގައި، ސަމިޓުގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި ހުރިހާ ގައުމަކުން އެއްބަސްވެގެން ނިންމުމެއް ނިންމި އެންމެ ފުރަތަމަ ފަހަރެވެ.
ބައެއް ގައުމުތަކުން ފަންޑަށް ދޭން ވައުދުވި ފައިސާގެ އަދަދުތައް
އެމެރިކާ - 17.5 މިލިއަން ޑޮލަރު
- އިނގިރޭސިވިލާތް - 75 މިލިއަން ޑޮލަރު
- ޖަޕާން - 10 މިލިއަން ޑޮލަރު
ކޮޕް28 ސަމިޓްގައި ދުނިޔޭގެ 160 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވާއިރު، މި ބައްދަލުމުގައި ރާއްޖެ ތަމްސީލްކޮށް ތަޤުރީރު ކުރައްވާނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.