މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ބަޔާންކޮށް މަސްވެރިއަކު ސޯޝަލް މީޑިއާގައި ސިޓީއެއް އާންމު ކުރުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މި ވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާ މައްސަލައަކީ މަސްވެރިންގެ މައްސަލަކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ދިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި މަސްވެރިއަކު ހިއްސާކުރި ސިޓީގައި ވަނީ، މަސްވެރިންނަށް ވެލެއްވި ވައުދުތައް މިނިސްޓަރު ހަނދުމަ ނެތީތޯ ސުވާލު ކުރައްވައިފައެވެ.

"އަޅުގަނޑުމެން މަސްވެރިން މިހާރު ތިބެނީ އަނގަޔާއި އަތާ ދިމާނުވެފައެވެ. ކުދިންގެ ޓީއުޝަން ފީ، އަދި އިންޓަވަލް، ގުރުއާން ކްލާސްތަކުގެ ފީ ނުދެއްކިފައެވެ. ގޭގެ ކަރަންޓް ބިލް، އަދި ފޯނު ބިލްތައް ނުދެއްކިފައެވެ. ނަމަވެސް މަނިކުފާނަށް ދައުލަތުގެ ހަޒާނާއިން ދަނީ ހުރިހާ އިނާޔަތްތައް ލިބެމުންނެވެ،" އެ ސިޓީގައިވެއެވެ.

މި ސިޓީއަށް ޖަވާބު ދެއްވާ ޝިޔާމް ވިދާޅުވީ އެތައް މަސްވެރިންނެއްގެ ކަންބޮޑުވުންތައް މީސްމީޑިއާގައި ހިއްސާކޮށްދިނީތީ އުފާކުރާ ކަމަށެވެ. އަދި، މި ސަރުކާރަކީ ދައްކާ ވާހަކަ ހަނދާން ނެތޭނެ ބައެއް ނޫންކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް މުއިއްޒުގެ ސަރުކާރުން ހޯދައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން، ޝިޔާމް ވިދާޅުވީ، މި ސިޓީ މީސްމީޑިއާގައި ހިއްސާކުރި މަސްވެރިޔާއާ ގުޅާ ވާހަކަ ދެކެވިފައިވާ ކަމަށެވެ. ގިނަ ކަންކަމަކީ ވާހަކަ ދައްކައިގެން ހައްލުހޯދޭނެ ކަންކަން ކަމަށާއި އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކެމްޕެއިންތެރޭ ރައީސް މުއިއްޒު ވިދާޅުވީ، ބޮޑު ކަންނެލި ގަންނަ އެންމެ ކުޑަ އަގަކީ 80 ރުފިޔާކަމުގައި ހަދައިދެއްވާނެ ކަމަށެވެ. އަދި، މަސް ގަންނަ އެންމެ ކުޑަ އަގަކަށް 20 ރުފިޔާ ހަމަޖައްސައިދޭނެ ކަމަސް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ކުރީ ސަރުކާރުން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރަން ވެސް ނިންމިއެވެ.

އެކަމަކު، މަސް ކިރާފައި އެއަށް ފައިސާ ނުލިބި ގިނަ ދުވަސްވުމަކީ މަސްވެރިން އަބަދު ވެސް ފާޅުކުރާ ކަންބޮޑުވުމެކެވެ.