22 May 2012, 15:55
ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މާދަމާ އޭވައެލްއާ ދެކޮޅަށް ނިކުންނަ އިރު، އީގަލްސްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، އިބްރާހިމް އާރިފް(ބަކާ) އާއި އަބްދުﷲ ހަނީފް(ބެންޖޯ) އަށް އަނިޔާ ވެފައިވާ ކަމަށް ކޯޗް އިހުސާން އަބްދުލްޣަނީ (ސާންތީ) ބުނެފި އެވެ.
އޭވައިއެލް މެޗަށް ނިކުތުމުގެ ކުރިން، މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސާންތީ ބުނީ، އޭވައިއެލް އަކީ ވަރަށް ހުނަރުވެރި، ޅަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށާއި އެހެން ކަމުން މާދަމާގެ މެޗު ކާމިޔާބު ކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި މެޗަށް ނިކުންނަ އިރު، މިޑްފީލްޑަރު ބަކާ އަށް އަނިޔާވެފައިވާ ކަމަށާއި އޭނާ އަށް އަނިޔާވެފައިވާ ކަން އެނގުނީ މިއަދު ކަމަށެވެ. އެހެން ނަމަވެސް ބަކާ އަށް މާދަމާގެ މެޗުގައި ކުޅެވޭނެ ކަން މުޅިން ޔަގީން ވާނީ މާދަމާ ކަމަށާއި އަދި ބެންޖޯ އަށް ވެސް ކުޅެވޭނެ ކަން ޔަގީން ވާނީ މާދަމާ ކަމަށެވެ.
"އޭވައިއެލް އާއި އީގަލްސްއާ ދެމެދު އޮތީ އެއް ޕޮއިންޓުގެ ތަފާތު. އޭވައިއެލްއަކީ ހީނުކުރާވަރުގެ ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެއް،" ސާންތީ ބުންޏެވެ.
ސާންތީ ބުނީ، ލީގުގެ ފުރަތަމަ ބުރުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ތާވަލްގެ ފަސް ވަނާގައި އީގަލްސް އޮތް ނަމަވެސް މާދަމާގެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި ގަދަ ހަތަރެއްގައި އޮންނަން ބޭނުން ނަމަ އޭވައިއެލް އަތުން މޮޅެއް ބޭނުންވާ ކަމަށެވެ. އަދި އެންމެ ފަހުން ވީބީއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިފެންޑަރުންނަށް މިސްޓޭކްތަކެއް ހެދުނު ކަމަށާއި މަދަމާގެ މެޗުގައި އެކަން ތަކުރާރު ނުކުރުމަށް ޓީމުން ސަމާލުކަމެއް ދޭނެ ކަމަށް ވެސް ސާތީ ބުންޏެވެ.
ލީގުގައި އީގަލްސް އެންމެ ފަހުން ވީބީއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމް ބަލިވީ 3-6 ލަނޑުން ނެވެ.
އީގަލްސްއާ ދެކޮޅަށް ނިކުންނަ އިރު އޭވައިއެލްގެ އެސިސްޓެންޓް ކޯޗް އަބްދުﷲ ރަޝީދު ބުނީ، މާދަމާގެ މެޗަށް ނިކުންނާނީ އީގަލްސްއަކީ ވަރުގަދަ ޓީމެއް ކަން ދަނެ، މޮޅެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ. އަދި އީގަލްސްގެ ހުރިހާ އެޓޭކެއް ރާވަނީ މެދުތެރެއިން ކަމަށްވީ އިރު، އެކަމަށް ވެސް އޭވައިއެލް އިން ސަމާލުކަމެއް މާދަމާގެ މެޗުގައި ދޭނެ ކަމަށް ރަޝީދު ބުންޏެވެ.
"އީގަލްސްގެ ފޯވާޑް ލައިނަށް ވެސް މާދަމާގެ މެޗުގައި ހާއްސަ ސަމާލްކަމެއް ދޭނެ. އަނިޔާގެ މައްސަލަތައް ވެސް ޓީމުގައި އެބައުޅޭ. އެގޮތުން އަނިޔާގެ ސަބަބުން މާދަމާގެ މެޗުގައި ނިމާ އަށް ނުކުޅެވޭނެ." ރަޝީދު ބުންޏެވެ.
އީގަލްސްއާ ދެކޮޅަށް އޭވައިއެލް މާދަމާގެ މެޗަށް ނިކުންނައިރު އެ ޓީމް އޮތީ ހަތަރު ޕޮއިންޓާ އެކު ތާވަލްގެ ހަ ވަނައިގަ އެވެ.