22 May 2012, 15:39
ފުރުގާނު މިސްކިތުގައި ޝައިހު އިލްޔާސް ހުސައިން ދެރޭ މަތިން ދަރުސް ދެއްވާފައި ވަނީ ހުއްދަ ނުނަންގަވާ ކަމަށާއި މާލޭގެ މިސްކިތްތަކުގައި ދީނީ ދަރުސާއި ތަގުރީ ދޭ ފަރާތައް ކައުންސިލްގެ ހުއްދަ ނަގަންޖެހޭ ގޮތަށް މިނިސްޓްރީއާ ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމާ ހިލާފު ނުވުމަށް އެ ކައުންސިލުން އެދެފި އެވެ.
މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދަށް ސިޓީ ކައުންސިލުން މިއަދު ފޮނުވި ސިޓީއެއްގައި ބުނަނީ މިސްކިތްތައް ބަލަހައްޓަން އެ ކައުންސިލާ ހަވާލުކޮށްފައިވާ އެއްބަސްވުމުގައި ދީނީ ތަގްރީރު ކުރުމާއި ދަރުސް ދިނުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާ ފަރާތްތައް ދަރުސް ދެއްވުމުގެ ކުރިން ކައުންސިލްގެ ހުއްދައަކަށް އެދެންޖެހޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ދީނީ ދަރުސް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ހުރިހާ ފާރާތްތަކަށް ވެސް މިހާތަނަށް އެ ހުއްދަ ދީފައިވާނެ ކަމަށާއި ނަމަވެސް އެ ކައުންސިލްގެ ހުއްދަ ނެތި ބައެއް ފަރާތްތަކުން ދަރުސް ދެމުންދާ ކަމަށް ވެސް އެ ސިޓީގައި ބުނެ އެވެ. ފުރުގާނު މިސްކިތުގައި އިލްޔާސް ދެ ރޭ މަތިން ދަރުސް ދެއްވީ ވެސް ހުއްދަ ނުހޯއްދަވާ ކަމަށާއި ގަވާދާއި ހިލާފަށް ދީނީ އިލްމްވެރިން އަމަލު ކުރައްވާނަމަ އެއިން ރަނގަޅު ނަތީޖާއެއް ނުފެންނާނެ ކަމަށް ވެސް މި ސިޓީ ބުނެ އެވެ.
"މިކަމުގެ ސަބަބުން މުޖުތަމައަށް މަގު ދެއްކުމުގައި ތިއްބަވާ ދީނީ އިލްމްވެރިން އެ ދައްކަދެނީ ނުބައި މިސާލެއް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ދެންނެވީމެ،"
މިސްކިތައް ބެލެހެއްޓުމުގައި ސިޓީ ކައުންސިލުން ކަންކުރާ ގޮތް ކަމުނުދާ ކަމަށްވާނަމަ މަޝްވަރާކޮށްގެން އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށްވެސް އެ ސިޓީގައި ބުނެ އެވެ.
ދީނީ ތަގުރީރު ކުރުމާއި ވައުޒު ބުނުމުގެ ހުއްދަ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން ލިބިފައިވާ އެއްވެސް ފަރާތަކަށް އިތުރަށް ކައުންސިލުތަށް މެދުވެރިކޮށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި ދަރުސް އިންތިޒާމުކުރާ ފަރާތަކުން އެކައުން ސިލަކަށް އެކަން އެންގުމުން ފުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ.