22 May 2012, 14:59
އެގްރިކަލްޗަރު މިނިސްޓްރީއަށް ނާންގައި އަތޮޅު ކައުންސިލްތަކުން ފަޅުރަށްރަށް ވަރުވާއަށް ލިޔެދެމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެގްރިކަލްޗަރު މިނިސްޓަރުގެ ނައިބު އަލީ ސޯލިހު ސޮއިކޮށް ނެރެފައިވާ ސާކިއުލާ އެއްގައި ބުނަނީ ސަރުކާރުން އަތޮޅު ކައުންސިލްތަކާއި ހަވާލު ކޮށްފައިވާ ރަށް ތަކާއި އެކިއެކި ވުޒާރާތަކާއި ހަވާލު ކޮށްފައިވާ ރަށްރަށްރަށް ވެސް އަތޮޅު ކައުންސިލްތަކުން އިއުލާން ކޮށް ބޮޑު ކުއްޔަށް އެކި ފަރާތްތަކާއި ހަވާލުކުރަމުން ގެންދާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
މިނިސްޓްރީން އެހެން ބުނި ނަމަވެސް އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓްރީން ބުނީ އެއްވެސް ފަރާތަކާ ހަވާލު ނުކޮށް ހުންނަ ފަޅު ރަށްރަށް، އެރަށާ މެދު ސަރުކާރުން ވަކި ގޮތެއް ކަނޑައަޅަންދެން ވަގުތީ ގޮތުން ބެލެހައްޓަން އެރަށެއް ހިމެނޭ އަތޮޅު ކައުން ސިލާއި ހަވާލު ކުރި ނަމަވެސް މިނިސްޓްރީއަށް އެނގުމަކާ ނުލައި އެރަށް ރަށް ވަރުވާއަށް ދޫނުކުރެވޭނެ ކަމަށެވެ.
"... އަތޮޅު ކައުންސިލާއި ހަވާލު ކޮށްފައިވާ ފަޅުރަށެއް އެރަށުގެ ވަރުވާ އާއި އެއްވަރު އަދަދެއްގެ ފައިސާ ދެއްކުން ޝަރުތުކޮށް އެ ކައުންސިލަކުން ވަގުތީ ގޮތުން ބަލަހައްޓަން ހަވާލު ކުރެވިދާނެ. މިގޮތަށް އެހެން ފަރާތަކާ ހަވާލުކުރެއްވި ނަމަވެސް އެރަށެއް ވެސް ބެލެވޭނީ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ރަށެއްގެ ގޮތުގައި. މިގޮތުން ހަވާލުކުރާ ރަށެއް ސަރުކާރުން ވަކިވިކަމަށް ކަނޑައަޅައިފި ނަމަ ރަށް ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ފަރާތުގެ ކިބައިން ވަކިކުރެވޭނެ،" ސާކިއުލާގައި ބުނެފައި ވެއެވެ.
އަދި ބުނެފައިވަނީ ފަޅު ރަށްރަށާއި ބެހޭ ގާނޫނު ބުނާ ގޮތުން ފަޅު ރަށްރަށް އެކި ފަރާތްތަކަށް ލިޔެދިނުމާއި ވަކިކުރުމަކީ އެގްރިކަލްޗަރު މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަމެއް ކަމަށާއި ވަގުތީ ގޮތުން ކައުންސިލްތަކާއި ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަޅުރަށްތައް އެއްވެސް ފަރާތަކާ ހަވާލުކޮށް ކުށްޔަށް ދޫކޮށްގެން ނުވާނެ ކަމަށެވެ.
އެގްރިކަލްޗަރު މިނިސްޓްރީގެ ދަށުގައި ހުރި ފަޅު ރަށްތަކުގެ ތެރެއިން ސަރުކާރުގެ އެކި މިނިސްޓްރީތަކާ ހަވާލުކޮށްފައިވާ ރަށްތަކާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތައް ފިޔަވައިި އެހެން ހުރިހާ ރަށެއް އަތޮޅުތަކުގެ އަތޮޅު ކައުންސިލްތަކާ ހަވާލު ކުރީ މިދިއަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެގްރިކަލްޗަރުގެ ދަފުތަރުގައި 953 ފަޅުރަށް އޮވެ އެވެ.