ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި މެންޗެސްޓާ ޔުނައިޓެޑާއި ގަލަތަސަރާއި ބައްދަލުކުރި މެޗުގައި އެއްވަރުވެއްޖެއެވެ.

ގަލަތަސަރާއީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ގަލަތަސަރާއީއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާތަކެއް އުފެއްދީ ޔުނައިޓެޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ 11ވަނަ މިނެޓުގައި ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލެހަންޑްރޯ ގާނާޗޯއެވެ. އަދި އޭގެ ހަތް މިނެޓް ފަހުން ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިލަނޑާއެކު ގަލަތަސަރާއީގެ ސަޕޯޓަރުންގެ އަޑު ކުޑަކޮށް މަޑު ވެގެންދިޔަ ނަމަވެސް އެ ސަޕޯޓަރުންނަށް ދިރުން ގެނެސްދިނީ މެޗުގެ 29ވަނަ މިނެޓްގައި ހަކީމް ޒިޔެޗް ލަނޑެއް ކާމިޔާބުކޮށް ދެ ޓީމްގެ ދެމެދުގައިވާ ފަރަގު ކުޑަ ކޮށްދިނުމާއެކުގައެވެ.

މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބުނު ނަމަވެސް ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ނުފެނެއެވެ.

މި މެޗުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗުގެ 55ވަނަ މިނެޓްގައި ޖަހައި އަނެއްކާ ވެސް ދެ ލަނޑުގެ ލީޑު އެ ޓީމަށް ނަގައިދިނީ ސްކޮޓް މެކްޓޮމިނޭއެވެ.

ގަލަތަސަރާއީގެ ދެވަނަ ލަނޑު މެޗުގެ 62ވަނަ މިނެޓްގައި ޖަހައިދިނީ ވެސް ފުރަތަމަ ލަނޑު ޖަހައިދިން ޒިޔެޗްއެވެ. ނަމަވެސް މި ލަނޑު ޔުނައިޓެޑް ކޮޅަށް ވަނުމުގައި ޔުނައިޓެޑްގެ ކީޕާ އަންޑްރޭ އޮނާނާގެ މިސްޓޭކް ހިމެނޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އަދި މި މެޗުގެ ނަތީޖާ ގަލަތަސަރާއީއަށް ހަމަހަމަ ކޮށްދިނީ މެޗުގެ 71 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ ކެރެމް އަކްތޫރްކޮގްލޫ ކާމިޔާބުކޮށްދިން ރީތި ލަނޑުންނެވެ. މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެ ދެ ޓީމުން ވެސް މޮޅުވުމަށް އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

މި މެޗު އެއްވަރު ވުމުން ގަލަތަސަރާއީ އުޅެނީ ކުޅުނު ފަސް މެޗުން ލިބިފައިވާ ފަސް ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ޔުނައިޓެޑް އޮތީ އެއް ޕޮއިންޓް ފަހަތުން ހަތަރު ވަނައިގައެވެ.