ނ. އަތޮޅުގެ ރިސޯޓަކަށް ދިޔަ މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓެއް ފެނިގެން އެމީހާ ހައްޔަރުކޮށް، މަސްތުވާތަކެތި ކަމަށް ޝައްކުވާ ޕެކެޓަކާއެކު ހުޅުމާލޭ ފެރީ ޓާމިނަލުން މީހަކު ހައްޔަރުކޮށްފި އެވެ.

ނ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިއަދު ހައްޔަރު ކުރީ ނ. މާޅެންދޫ ނޫވިލު، އާދަމް އީސާ 36، ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އޭނާ ދަތުރުކުރި ލޯންޗު އެ ރިސޯޓުގެ ފަޅުތެރެއަށް މަޑުކުރި ވަގުތު ފުލުހުން ލޯންޗަށް އެރުމާއެކު އަތުގައި އޮތް ޕެކެޓް އެއްލާލާފައިވާ ކަމަށެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓަކާއެކު ހުޅުމާލެއިން ވެސް މިއަދު މެންދުރު ހައްޔަރު ކުރީ ހއ. ހޯރަފުށި ސޮބާހާ މަންޒިލް، ހަސަން ފައިސަލް 19، ކަމަށެވެ. މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓް ފެނޫނީ ފައިސަލްގެ ހަށިގަނޑު ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

ފަހަކަށް އައިސް ނ. އަތޮޅުގެ ރަށްތަކުން އެއަތޮޅުގެ ރިސޯޓުތަކަށް މަސްތުވާތަކެތި ގެންދަން މަސައްކަތް ކުރަނިކޮށް މީހުން ހައްޔަރުކޮށްފައި ވެއެވެ. އަދި މިއީ ފާއިތުވި ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަނަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީ 10 ވަނަ އޮޕަރޭޝަނެވެ.