30 Nov 2023, 19:50
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ސީގައި ރެއާލް މެޑްރިޑާއި ނަޕޯލީ ބައްދަލުކުރި މެޗު ރެއާލް ކަމިޔާބުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ފަހަތުން އަރައި 4-2ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވަދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ރެއާލުންނެވެ.
ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުކުރީ ނަޕޯލީއެވެ. އެގޮތުން ނަޕޯލީއިންވަނީ މެޗުގެ ނުވަވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑުނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއޮވާނީ ސިމޯނީއެވެ.
ނަމަވެސް މި ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ރެއާލުންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮޑްރިގޯއެވެ. އަދި މެޗުގެ 22ވަނަ މިނެޓްގައި ޖޫޑް ބެލިންހަމް ޖަހައިދިން ލަނޑާއެކު ރެއާލުން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ.
މި ލަނޑާއެކު ބެލިންހަމްވެގެން ގޮސްފައިވަނީ ރެއާލަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ވެސް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި މެޗުގައި ނަޕޯލީއިން ކާމިޔާބުކުރި ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 47ވަނަ މިނެޓްގައި އަންޑްރޭ ފްރޭންކް ޒަމްބޯ އެންގުއިސާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
އެއާއެކު ރެއާލްއިން ދެވަނަ ފަހަރަށް ލީޑު ނަގައިފާވަނީ މެޗުގެ 84ވަނަ މިނެޓްގައި ނީކޯ ޕާޒް ޖަހައިދިން ލަނޑުންނެވެ. މި މެޗުގައި ރެއާލުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ހޮސެލޫއެވެ.
މި ކާމިޔާބީއާއެކު ރެއާލުން މިހާރުވަނީ ގްރޫޕް ސީގައި މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް 15 ޕޮއިންޓް ހޯދައިފައެވެ. އަދި ނަޕޯލީ އުޅެނީ ހަތް ޕޮއިންޓާއެކު ދެވަނައިގައެވެ.