މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 90 މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެކަނި އެ މިނިސްޓްރީއަށް 205 މައްސަލަ ހުށަހަޅާފައިވެއެވެ.

މި ގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަ ކަމަށާއި މިބާވަތުގެ 25 މައްސަލައެއް ވަނީ ހުށަހަޅާފައި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެެވެ.

މީގެ އިތުރުން، ޖިސްމާނީ އަނިޔާގެ 19 މައްސަލައަކާއި، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 16 މައްސަލައާއި އިހުމާލުގެ 15 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ފަސް މައްސަލަ އާއި ނަފްސާނީ އަނިޔާގެ ހަތަރު މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓާނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ތިން މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ މި ދިޔަ މަހުގެ ތެރޭގައި ހުށަހަޅައިފާ ވަކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ މައްސަލަކަމަށާއި މިބާވަތުގެ 16 މައްސަލަ ވަނީ ހުށަހެޅިފަވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން، ޖިސްމާނީ އަނިޔާ ކުރުމުގެ 15 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ތިން މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ އެއް މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ އެއް މައްސަލަ ވަނީ ހުށަހަޅާފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 24 މައްސަލައެއް އޮކްޓޫބަރު މަހުގެ ތެރޭގައި ހުށަހަޅާފައިވާ އިރު މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ، ހަޟާނާތުގެ ފަސް މައްސަލަ، ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ ފަސް މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ ތިން މައްސަލަ ހިމެނޭ ކަމަށް މައުލޫމާތު ދިނެވެ.

މީގެ އިތުރުން، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 21 މައްސަލަ ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ ހުށަހަޅާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 14 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ ތިން މައްސަލަ ހިމެނެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން ދެ މައްސަލައެއްގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 15 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެގޮތުން ރުޅިގަދަވުން ނުވަތަ ރުޅި އިސްކުރުމުގެ ފަސް މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ ހަތަރު މައްސަލަ، އެހެން ކުދިންނަށް އިންޓާނެޓް މެދުވެރިކޮށް ގަނާ ކުރުމުގެ ތިން މައްސަލަ އަދި ސުލޫކީ މައްސަލައިގެ ތިން މައްސަލައެއް ހިމެނެއެވެ.
މި ދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 164އަށް އަރާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ މަހު ދައުލަތަށް އަލަށް ހަތަރު ކުއްޖަކު ނެގިފައިވާއިރު، ތިން ކުއްޖަކު އާއިލާއަށް ރީއިންޓާގްރޭޓް ކުރެވި، އެއް ކުއްޖަކު ވަގުތީ ގޮތުން ކުދިން ބަލާ މީހުންނަށް ފޮސްޓާކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.