05 Dec 2023, 06:49
"އެއްވެސް އިންސާނަކަށް ބަރޯސާވެ މާ ގާތް ގުޅުމެއް ބޭއްވުމަކީ ހަގީގަތުގައި މާނައެއް ހުރިކަމެއް ނޫނެވެ. ލޯބިވާންވީ ހަމައެކަނި ﷲ ތައާލާއަށްޓަކައެވެ. ﷲއަށްޓަކާ ވެވޭ ލޯބީ ނޫން އެހެން ލޯތްބަކީ ހަގީގަތެއް ނެތް އެއްޗެކެވެ. އަނދިރިވުމުން ހިޔަނިވެސް ތިބާ ދޫކޮށްފައި ދާފަދައިން އެމީހުންވެސް ތިބާ ދޫކޮށްފައި ހިނގައިދާނެއެވެ."
***
"ކެނާން...އާ ޔޫ އޯކޭ؟"
"ނުދަންނަން މާޒް ތިހާ ކޮންސާން ވާކަމެއް....."ކެނާން އެއް ލޯ މަރައިލިއެވެ.
"ކޮންސާންވަނީއެއްނޫނޭ މައި ޑިއާ...މަސައްކަތް ނުވާވަރަށްވިއްޔަ ހަޅޭއްލަނީ؟ކަންފަތް ކައިރީ ގުގުރިޔަސް ތިވަރެއްނުވާނެ.."މާޒިމް ބުމަ ކައިރިކޮށްލިއެވެ.
"ކިއުރިއޯސިޓީ ކިލްޑް ދަ ކެޓް.." ކެނާން ހިނިގަނޑެއް ޖަހައިލިއެވެ."ވެގެން އުޅޭގޮތް ކިޔާދީފާނަމޭ މާޒް ތިވަރު ނުވިޔަސް........."
މާޒިމް ލޯ ކުޑަކޮށްލައިގެން އިނީ ޝައުގެއްނެތް ގޮތަކަށެވެ.
"ރާގީއަކަށް ގުޅީ. ގުޅީމަ އޭނަ ދެއްކި ވާހަކަތަކުން ފޫހިވީ. ފުރަތަމަވެސް ފެށީ ފައިސާގެ ވާހަކަ. ފަސްޖިންނިން މަރާލަން ޖެހިއްޖެއްޔާ ފަސްހާސް ނަގާނަމޯ ބުނީ. އެކަމާ ފައިޓަކަށް ދިޔައީ......"
"ކެނާން ބުނަން ރަގަޅުވާހަކައެއް. ތިއީ ހަމަ ބޭކާރުކަމެއް.. ފޭކްކަމެއް ކޮށް މީހުން ހައްދާލާފައިގެން ފައިސާ އަތުލުން ނޫންކަމެއް ކުރަން އެނގޭ ބަޔެއްނޫން އެފާޑުމީހުންނާއި ކޮންޓެކްޓްކޮށްގެން މިތަނަށް ވައްދައިފިއްޔާ ހާހުން ޖިންނިއާއި އެއްޗެހި ދައްކާނެ. ދެރައީ އެމީހުން ދައްކާ ވާހަކަ ގަބޫލުކުރާ ބަޔަކުވެސް އުޅޭތި...."މާޒިމް ޖޯކެއްޖެހިއެވެ.
"މާޒް..ޑޫ ޔޫ ބިލީވް އިން ގޯޑް؟"
"އޮފްކޯސް......."
"އެހެންވިއްޔާ އެތައް މަޚުލޫގުންނެއް ހެއްދެވިއިރު ލޮލަށް ނުފެންނަ ޖަރާސީމު އެއްޗެހިވެސް ކްރިއޭޓްކުރެއްވި. އެކަމަކު ދޮންބެވެސް ޖިންނިން ނޫޅެއޭ ހީވާގޮތަށް ވާހަކަ ތިހުންނަނީ؟ ދޮންބެ އެކަންޏެއްނޫން. މުސްލިމުންގެ ތެރޭގައިވެސް ގަބޫލުނުކުރާ ބަޔަކު އެބައުޅޭ.ގުރުއާނަށް އީމާން ނުވަނީ؟ ގުރުއާނަކީ ދަ ވޯޑް އޮފް ގޯޑް....ސޯ....."
"ތިހެން ނޫނޭ ނުބުނަން. މިބުނަނީ ޖިންނިން އަހަރެމެން ތެރެއަކު ނޫޅެއޭ..."
"އުޅޭ..."
"ހެކި ދައްކާ..."
"އޯލްރައިޓް..ރާގީއަކަށް ވި ދުވަހަކުން ގަރީނާއާއެކު އަދި ޖިންނިއެއް ގެނެސް ކުރިމަތީގައި ބަހައްޓައިގެން ވާހަކަ ދައްކުވާނަން..އައި ޕްރޮމިސް..އެނގޭތަ؟ މާޒްވިލާގައި ހިނގި އެކްސިޑެންޓަކީވެސް ޖިންނިއެއްގެ އަމަލު..."
މާޒިމް މަލާމާތުގެ ގޮތަކަށް ހީލިއެވެ.
"މާލެ ތެރެއިން ހިނގާ ކޮންމެ އެކްސިޑެންޓެއްވެސް ދޯ....އިންފެކްޓް ދުނިޔެއިން ހިނގާ ކޮންމެ ނުބައިކަމެއްވެސް މިތިކަލް ކްރީޗާއެއްގެ ބޮލުގައި އަޅުވަންވީ؟"
"މަޖަލެއްނޫން.........." ކެނާން ލޯހަނިކޮށްލައިގެން ބަލަން އިނީ މާޒިމްއަށް ހެކިދައްކަން ކެތްމަދުވެފައެވެ.
ވެމްޕަޔަރާއި ޒޮންބީއަކީ އަސްލެއްނެތް އެއްޗެއް ކަމުގައިވިޔަސް ޖިންނި ޝައިތާނންނަކީ ހަގީގަތެކެވެ. އިސްލާމްދީން އައުމުގެ ކުރިންވެސް އަރަބިންވެސް ޖިންނިންނަށް އީމާންވެއެވެ. ޖިންނިނަށް ސިފަ ބަދަލުކުރުމުގެ ކުޅަދާނަކަން ދެއްވާފައިވާއިރު އިންސާނުންނާއި އަޅާބަލާއިރު ބާރުގަދަވުމާއި ހަލުވިކަން އެތައް މިންވަރު އިތުރެވެ. ނަފްސާނީ ބަލިތައް ޖެއްސުމުގައިވެސް ޖިންނިންގެ ދައުރެއްވެއެވެ. ނަމަވެސް ސައިންސްވެރިންނަށް އެކަން ސާބިތުކޮށްނުދެވެނީ ހެކި ނުފެންނާތީއެވެ. އިންސާނުންނަށް ފެންނަ އެފަދަ ކޮންމެ ކަމެއް ނިންމަމީ "ހެލުސިނޭޝަން"އެއްގެ ގޮތުގައެވެ. ބައެއް އިންްސާނުންގެ އުސޫލަކީވެސް ލޮލަށް ނުފެންނަ އެއްޗެއް ނެތްކަމަށް ނިންމުމެވެ. މާޒިމްއަކީ އޭގެ އެކެކެވެ. ދެބެންގެ ޚިޔާލު ތަފާތުވަނީ ހަމައެކަނި ޖިންނިންގެ މައްސަލަތަކުގައެއްނޫނެވެ.
***
މަދީނާ އޭނަގެ ބޭބެމެން ދެއްކި ވާހަކަތަކާއިމެދު ވިސްނަން އިނެވެ. ޖިންނިޝައިތާނުންނަކީ ޔަގީނުންވެސް ޝައުގުވެރި މަޚުލޫގެކެވެ. ދެރައީ ލޮލަށް ނުފެންނަކަމެވެ. ހަންގަނޑުގައި ބިލިއަނުން ޖަރާސީމު އުޅޭކަމަށް ބުނެފިއްޔާ އަބޫޖަހުލުމެންކަހަލަ ޖާހިލަކު ގަބޫލުނުކޮށްފާނެއެވެ. ނަމަވެސް އޭނަ ޔަގީނުންވެސް ގަބޫލުކުރެއެވެ. ޖަރާސީމް ހަމުގައި ދިރިއުޅެންޏާ ޖިންނިން ނޫޅެންވީ ސަބަބަކީ ކޮބާހެއްޔެވެ؟ މަދީނާ އޭނަގެ ދޮން އަތުކުރިއަށް ބަލައިލިއެވެ. އޮމާންވެފައި ސާފު ހަންގަނޑެކެވެ. އެކަމަކު ލޮލަށް ނުފެންނަ މަޚުލޫގުންތަކެއްގެ ވެށްޓެވެ. އޭނަ ލޯޝަންލާން އިންދެ ކުރަމުން ދިޔަ ޚިޔާލުތައް ދަތުރުކުރީ އުވައިސްއާއި ދިމާލަށެވެ. އަވަސްއަވަހަށް ހެދުންތައް ލައިގެން ހިނގައިގަތްތަނާ ކުޑަދޮރަށް ހިޔަންޏެއް އެޅުނެވެ. އުވައިސް އަންނަނީ ބާވައެވެ. މި މީހެއްގެ އުދަގޫވެސް އިންތިހާއަށް ބޮޑެވެ. އުވައިސްގެ އުދަގުލާއިހެދި ބިރުން ހިތް ފަޅައިގެންދާއިރުވެސް އެހެން އިންސާނަކާއި ހިއްސާކުރަން އޭނަވަނީ ނުކުޅެދިފައެވެ. ހިތް އަވަސްވުމާއެކު ފުންމައިގެން ގޮސް ދޮރު ހުޅުވައިލިއިރު ސޯފާގައި އިނީ ކެނާންއެވެ. ޓީވީ ޗެނެލްތައް ބަދަލުކޮށްކޮށް އިންއިރު ސޯފާމަތީގައި ހުރި ޗިޕްސްދަޅު ހުސްވަމުންދިޔައެވެ.
"ކުޑަބޭ...."
"ޔެސް......."
"މަންމަގެ ރިޕޯޓްތައް ދެކުނިންތަ؟"
"ނޫން....އެއީ ކޮން ޒަމާނެއްގެ ކަމެއް....ކިހިނެއް ކުޑަބެއަށް އެނގޭނީ.."
"ދޮންބެ އަތުގައި ރިޕޯޓްތައް ހުރި. މަންމަގެ ބައްޔަކަށް ސްކިޒޮފްރީނިއާ އޮތީ..އެހެންވީމަ ގުރައިދޫއަށް މަންމަ ލާފައި ހުރީތަ؟"
""މަންމަ މޫދަށް ގެއްލުނީ..."
"އުރުޖުވާންގެ މާމައަށް ކަމެއް އެނގިގެން ނޫނީ އެވަރުގެ އެއްޗެއް ބުނާނެހެން ހިޔެއްނުވޭ. ވަރަށް ރީތިކޮށް ބުންޏޯ މަންމަ ވީ ގުރާދޫގައޭ. އެތަނަށްގޮސް ޚަބަރު ބަލައިލުމުން ގެއްލޭނެ އެއްޗެއްނެތް..ކުޑަބެމެންނަށް މިވަރުން ކޮންވިންސްނުވަންޏާ އަޅުގަނޑު އެކަނި ހިނގައިދާނަން..........."މަދީނާ އޭނަގެ އިސްތަށިގަނޑުގެ ބުޅިކޮޅެއް އިނގިއްޔަށް އޮޅާލައިގެން އިނދެ ދުރަށް ހުސްކަމުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އިނެވެ.
"ޕެކްކޮށް ނިމިއްޖެތަ؟"
މަދީނާ ބޯ ޖަހައިލިއެވެ. ކެނާންވެސް މައުޟޫ ބަދަކުކޮށްލަން މޮޅެވެ.
"ފުރަތަމަ މާޒްވިލާއަށް ބަދަލުވެ ހަމަޖެހިލައިގެން ތިކަމާ އުޅެމާ...ދޮންބެއަށް ސިއްރުންދާން ޖެހޭނީ. ބުނަން ވާހަކައެއް. މަންމަ ސްކިޒޮފްރީނިއާއޭ ކިޔައިގެން އުޅުނަސް އެއީ ހަގީގީ ވާހަކައެއްނޫން. މަންމައަށް މީހަކު ސިހުރުހެދީ..އެގެއަށްވެސް ސިހުރުހަދާފައި ހުރީ އެހެންވެ މަންމައަށް އެހުރިހާ ކަންތަކެއް ޖެހި ކަނޑަށް އެރޭ ހިސާބަށް ދިޔައީ. ބުނަން މަދީނާ....މަންމަ ދުނިޔޭގައި ހުރިކަމަށް ނިންމަން އަދި މާ އަވަސް. އެ އުއްމީދުގައި ތިބެ ގުރާދޫއަށް ދިޔުމުން މާޔޫސްވެދާނެ. އަހަރެމެންނަށް އެނގިފައި އޮތީ މަންމަ ނިޔާވީކަމަށް އެހެންވީމަ އެގޮތަށް ގަބޫލުކުރާނީ..........................."
މަދީނާ ދެކޮޅު ހަދަން އުޅެފައިވެސް ހިމޭންވިއެވެ.
"ނޯ ވޮރީސް. މަދީނާ ގޮވައިގެން ކުޑަބެ ދާނަން. މަންމަ ދުނިޔޭގައި ހުރެއްޖެއްޔާ މޮޔައިންގެ މަރުކަޒަކަށް ލައިގެން ހުންނަން ކުޑަބެ ބޭނުންވާނެހެން ހީވޭތަ؟"
މަދީނާ އޭނަގެ ކުޑަބެއަށް އިތުބާރުކުރިއެވެ. ކެނާން އެކަންޏެއް ނޫނެވެ. މާޒިމްވެސް މަންމަގެ މަރުގެ ސިއްރު ހޯދަން ނުފޮރުޅާނެ ގާކޮޅެއް ނުބާއްވާނެއެވެ. ނަފްސާނީ ޑޮކްޓަރަކަށްވީވެސް މަންމައަށްޓަކައެވެ.
"ތެންކިއު..."މަދީނާ ކެނާންގެ އަތާއި އަތް ޖެހިއެވެ.
***
މަދީނާ ފޮތްފިހާރައަށް ވަދެފައި ދެފޮތެއް ގަނެލިއެވެ. ސްކިޒްފްރީނިއާއާއި ބެހޭގޮތުން ލިޔެފައިވާ މަޝްހޫރު ފޮތަކާއި ޖިންނި ދުނިޔޭގެ ވާހަކަ ހުރި ފޮތެކެވެ. ސްކިޒޮފްރީނިއާއަށްވުރެ އޭނަވެސް ޝައުގުވެރިވީ ޖިންނިންގެ ދުނިޔެއަށެވެ. ދީނުގައި ޖިންނިންނާއި ބެހޭގޮތުން ލިޔެފައި ހުރި ފޮތް ކިޔަން ފަށާފައި ޔޫޓިއުބުން ވީޑިއޯއެއް ބަލަންފެށުމުން ހިތް ބިރުގަންނަގޮތްވިއެވެ. ރުގުޔާ ކުރުމާއި ބަގަރާސޫރަތް ކިޔެވުމުން ކުރީކޮޅު ޖިންނިން ރުޅިގަދަވެ އުދަގޫކުރާކަން އެނގުނެވެ. ރާގީއަކާއި ނުލާ އެކަހަލަ ކަމެއްކުރަން އޭނައަށްވެސް ކެރޭނީ ކިހިނެއްހެއްޔެވެ؟ އިރުއޮއްސި އަނދިރިކަން ވެރިވާން ފެށުމުން ގެންފައިވާ ބިރު އިތުރުވިއެވެ. އެހެން އޮތްވާ ސީލިން މަތިން ކޮންމެވެސް އެއްޗެއް ކަހާ އަޑު އިވެންފެށިއެވެ. ވަކި އަޅަނީ ހެއްޔެވެ؟
"ދޮންބެ....ކުޑަބޭ..."މަދީނާ ހަޅޭއްލަވައިގަތެވެ.
ދެމީހުން އެއްކޮށް އައީ ދެތިން ސިކުންތުތެރޭގައެވެ.
"ޝްޝްޝް.."މަދީނާ ތުންފަތުގައި އިނގިލި ކުރި ޖެއްސިއެވެ. އޭނަ އިޝާރާތުން އެންގީ ހިމޭނުން ތިބެ އަޑު އެހުމަށެވެ.
ފަސްމިނިޓްވާންދެން ހިމޭންކަން ފެތުރިފައި އޮތެވެ.މާޒިމް ސުވާލުގެ ނަޒަރަކުން ބަލަން ހުރިތަން ފެނި މަދީނާ ސިޓިންރޫމަށް ނުކުތެވެ.
"ސީލިންމަތިން އެއްޗެއް ވަކިއަޅާ ހަމަ ހީވީ ރޫމަށް ފުންމާލަފާނެހެން...."މަދީނާ ވައިއަޑަކުން ބުނެލިއެވެ.
"ރިއަލީ؟"މާޒިމް ބުމަ އަރުވައިލިއެވެ.
"ހޫމް....އިންޓެލިޖެންޓް އެއްޗެއް ވީމަ ނޫނީ އެގޮތަށް އަދި ދޮންބެމެންނަށް ގޮވީމަ އޭތި ހިމޭންވާންވީ ސަބަބެއްނެތް........ވަރަށް ބިރުގަނޭ................."
"މަދީނާ ކޮއްކޮއަށް ނޭގޭތަ މަތީ ބައިގާ މީހުން އުޅޭކަން؟ މި ރޫމާއި ދިމާލަށް މަތީގައި ހުރި ރޫމުގައި އުޅޭ ފެމިލީވެސް އިރާކޮޅު ނުނިދާނެ.އެމީހުންވެސް އެކިކަހަލަ މަސައްކަތް ކުރާނެ. ކާށި ގާނާ..އިވޭ ކޮންމެ އަޑަކީ ކްރީޗާއެއް އުޅޭކަމުގެ ހެއްކެއްނޫން...މިރޭ ބިރުވެރި ފިލްމެއް ބެލީތަ؟"
"ލައްބަ ނޫން....އެހެން ރޭވެސް ފިލްމު ބަލަން އެކަމަކު މިއީ އަލަށް ދިމާވި ކަމެއް..."
"މަދީނާ. ކުރުސި ކިޔަވައިގެން ނިދީމަ ތި ޝައިތާނުންގެ އުދަގޫތަކުން ސަލާމަތްވާނެ.."ކެނާން ބުނެދިނެވެ.
"ތިހުރިހާކަމެއްގެ ހައްލު ބުނެދެންތަ؟"މާޒިމް ފުން ނޭވާއެއްދޫކޮށްލިއެވެ. މަދީނާއާއި ކެނާންގެ ސަމާލުކަން އެދެބެންގެ ބޭބެއަށް ހުއްޓުނެވެ.
ނުނިމޭ