ދިހަ މެޗަށް ސަސްޕެންޑްކޮށް 5000ރ. އިން ޖޫރިމަނާ ކުރި ކުރިމަކީ ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ގޮތުން އެފްއޭއެމްގެ ރައީސް އަލީ އާޒިމާއި ނައިބު ރައީސް ހިޔަލީ މުހައްމަދު ރަޝީދު ގަސްތުގައި ކުރިކަމެއް ކަމަށް ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.

ސަތޯ 10 މެޗަށް ސަސްޕެންޑްކޮށް 5000ރ. އިން ޖޫރިމަނާ ކުރީ ލީގުގައި މި މަހުގެ 14 ވަނަ ދުވަހު ވެލެންސިޔާއާ ދެކޮޅަށް ވީބީ ކުޅުނު މެޗަށް ފަހު، ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކެއް ދަނޑުތެރޭ ހިންގައި މެޗުގެ އޮފިޝަލުންނާ ދިމާކޮށް، އެފްއޭއެމްގެ އޮފިޝަލަކަށް ހަމަލާދިން ކަމަށް ބުނެ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން ނެވެ.

ސަންއެފްއެމްގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސަތޯ ބުނީ، އޭނާގެ މައްޗަށް އެފްއޭއެމް އިން ކުރި ސަސްޕެންސަނަކީ މާކުރިން ރޭވިގެން، މީހަކު ބުނި ބުނުމަކަށް ރައީސް އާލީ އާޒިމާއި ނައިބު ރައީސް ހިޔަލީ ގަސްތުގައި ކުރި ކަމެއް ކަމަށެވެ. އަދި ސަސްޕެންޑް ކުރުމުގެ ކުރިން އައްޑޫގެ ވިޔަފާރިވެރިންގެ ތެރެއިން ބައެއްގެ ކާރީ ސުޒޭނަށް ފަހު ދެން އެންމެ އަވަހަށް ސަސްޕެންޑް ކުރާނީ ސަތޯ ކަމަށް އާޒިމް ވިދާޅުވި ކަމަށް ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސަތޯ ބުންޏެވެ.

"ސަސްޕެންޑް ކުރަންވީމަ ކުރަނީ. އެފްއޭއެމްއަށް ގެންގޮސް އަޅުނގަޑާ އެންމެ ކުޑަމިނުން ސުވާލެއް ވެސް ނުކުރޭ. ކިހިނެއް ހިނގިކަމެއްތޯ އެންމެ ކުޑަމިނުން ބެލުނީއެއް ނޫން. މިއީ ހަމަ ކުރިއަށް އޮތް އިންތިހާ ބަށް ނުފޫޒް ފޯރުވުމުގެ ގޮތުން އާޒިމް ކުޅޭ ގޭމެއް،" ސަތޯ ބުންޏެވެ.

ސަތޯ ބުނީ، ވިބީ އަކީ ހަތް މިލިއަން ރުފިޔާގެ އަގު ބޮޑު ޓީމެއް ކަމަށާއި އެހެން ކަމުން ވިޔަންސާ އަދި އޭވައިލެއަށް ދިމާވާ ޕްރެޝަރަށް ވުރެ، މާ ބޮޑެތި ޕްރެޝަތަކާ ކުރިމަތި ލާންޖެހޭ ކަމަށެވެ. އަދި އެހެން ސަސްޕެންޑް ކޮށްލިޔަސް ޓީމަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވީބީގެ ޓިކެޓް ހޯދައިގެން ރައީސް ކަމަށް ވާދަކުރާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދަށް ވީބީގެ ފުރިހަމަ ތާއީދު އެބޮތް ކަމަށް ވެސް ސަތޯ ބުންޏެވެ.

ސަތޯ ބުނީ، ލީގުގައި އެންމެ ފަހުން އީގަލްސާއާ ދެކޮޅަށް ކުޅެ، 3-6 ލަނޑުން ވީބީ މޮޅުވި މެޗުގައި ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އަދި އެމެޗުން ލިބުނު ކާމިޔާބީއާ އެކު ތާވަލްގެ ކުރިއަށް ޖެހިލުމުން ޓީމަށް ބޮޑު ހިތް ވަރެއް ލިބިފައިވާ ކަމަށެވެ.

ލީގުގައި ވީބީން މިހާތަނަށް ކުޅުނު ފަސް މެޗުން އެ ޓީމަށް ލިބިފައި ވަނީ ހަ ޕޮއިންޓާ އެކު ތާވަލްގެ ހަތަރު ވަނަ އެވެ.

ލީގުގައި ދެން އެންމެ އަވަހަށް ވެސް ވީބީ މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު މާޒިޔާއާ ދެކޮޅަށެވެ.