"އިންސާނާ އެންމެ ހިތާމަކުރާނެ ކަމަކީ ދުނިޔޭގައި ދުވަސްތައް ބޭކާރުކޮށްލެވުނީމައެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ މަގުސަދަކީ އަޅުކަން ކުރުމެވެ. ނަމަވެސް މިޒަމާނުގައި އަޅުކަމަށް ދެވޭ ވަގުތު މަދުވެ ބޭކާރު ވާހަކަތަކުގައި ވަގުތު ދުއްވާލުމާއި ސިޔާސީ ހަރަކާތްތާއިި ކުޅިވަރާއި ސޯޝަލް މީޑިއާ އަދި ނިދުމުގައި ދުވަސްތައް ހޭދަކޮށްލަނީއެވެ. އަމިއްލަ ނަފުސާއި ސުވާލުކޮށްލާށެވެ. ޚުޝޫއަތްތެރިކަމާއެކު ކުރެވުނީ ކިތައް ނަމާދުހެއްޔެވެ؟ ގުރުއާން ކިޔަވަން ހޭދަކޮށްލެވެނީ ކިހާ އިރެއްހެއްޔެވެ؟ ވެލީގެ ދާނުގައި ނިދަންޖެހޭ ދުވަހަކުން ހިތާމަކުރުމުގެ ބަދަލުގައި ދެމިގެންވާ ހަޔާތުގެ އުފަލާއި ނަސީބަށް މަސައްކަތްކުރާށެވެ."

***

"އައްޒަހްރާ ކުކުޅު ފިހަން އަވަނަށް ލުމަށްފަހު ބޭރަށް ނުކުމެ އާއްމުކޮށް އިންނަ ސޯފާގޮނޑީގައި ޖައްސައިލިތަނާ ކާރެއް މަޑުކޮށްލުމުން ބަލަން ހުރެވުނެވެ. ކާރުން ދެއަންހެނުން ފޭބިއެވެ. ނިގާބުގައި ހުރި އަންހެންކުއްޖަކާއި ދުވަސްވީ އަންހެނެކެވެ. ދެމީހުން ފެނުމާއެކު އައްޒަހްރާއަށް އެއީ ކޮންބަޔެއްކަން އެނގި އެދިމާލަށް ހިނގައިގަނެވުނީ ފުޅާ ހިނިތުންވުމަކާއެކުގައެވެ. ހުރިހާ ލޮޑުކަމެއްވެސް ފިލިފަދައެވެ.

"އައްސަލާމް އަލައިކުމް.."

"ވައަލައިކުމުއްސަލާމް....."

"ސަބީހާއްތާ. އަދީނާ..ކިހިނެއްތަ؟" އައްޒަހްރާ ދެމީހުން އެއްފަހަރާ ގެނެސް މޭގައި ޖައްސައިލަމުން މަރުހަބާ ކީއިރު އަޑުގައި އޯގާތެރިކަންވިއެވެ. އަދީނާ މޫނުބުރުގާ އަޅާކަން ކުރިން އެނގިފައި ނުވިޔަސް އެކުއްޖާ ހެދުން އަޅާފައި ހުރިގޮތް ފެނި އައްޒަހްރާގެ ހިތުގައި އޮތް އިހުތިރާމްއާއި ގަދަރު އުފުލުނެވެ. އޭނަގެ ދަރިފުޅު ޒަވިއާރަށްޓަކާ މިވަރުގެ ބައިވެރިޔެއް ނުލިބޭނެއެވެ.

"އަލްހަމްދުލިﷲ...އަހެދް ކިޔަނީ.....އަދީނާއަކީ މަންމަގެ ނަން........."އަހެދްގެ އަޑުވެސް ކަންފަތަށް މާމުއި އެޅުންފަދައެވެ.

"މަތީބަޔަށް އަރަން ސަބީހާއްތައަށް އުދަގޫވާނެކަން ވިސްނިގެން ތިރީ ބައިން ކޮޓަރިއެއް ތައްޔާރުކުރީ.. ތަންކޮޅެއް އެތެރޭގައި ހުންނާނީ..މިގަޑީގައި ފިރިހެންކުއްޖެއް އެހީވާން ނެތްކަން ދެރަ.."ފެންޑާގައި ހުރި ދެ ދަބަހުގެ އަތްގަނޑު ދަމައިލަމުން އައްޒަހްރާ ބުނެލިއެވެ. އަހެދް ކަންބޮޑުވުމާއެކު އަވަހަށް ގޮސް އައްޒަހްރާ އަތުން ދަބަސްއަތުލިއެވެ." ޒަހްރާއްތާ..ހަމަ ރަގަޅުވާނެ. އަޅުގަނޑު މި ދަބަސް ގެންގޮސްލާނަން.."

އައްޒަހްރާގެ ހިތް ތައުރީފުން ފުރުނެވެ.

އަހެދްއާއި ސަބީހާ ގޮވައިގެންގޮސް ކޮރިޑޯ ހުރަސްކޮށް ކަނައްފަރާތަށް އަނބުރައިލުމުން ގޭގެ ތަނަވަސްކަން އަހެދްއަށް އިހުސާސްކުރެވި މާޝާﷲއޭ ބުނެލެވުނެވެ.

"އެހެން ކުދިން ކޮބާތަ ޒަހްރާދައްތަ؟އަޅުގަނޑަށް އެނގިފައިވާގޮތުން އަޅުގަނޑުގެ އުމުރުގެ އަންހެންކުއްޖެއްވެސް ހުރޭ..."

"އާސީން މެޑިސިން ހަދަން ބޭރުގައި ވީ...މިވަގުތު ޖޫރީ ނޫނީ މިގޭގައި ފިރިހެންދަރިން ދިރިއުޅެނީ. އެކަމަކު ގިނަވަގުތު އެކުދިން އުޅޭނީ ވަޒީފާގައި ނޫނީ ގެއިން ބޭރުގައި. ގޭގައި އުޅުނަސް ކޮޓަރިތަކުން ބޭރަށް ނިކުންނާނީ މަދުން. އެހެންވީމަ އެހެދްއަށް މިނިވަންކަން އޮންނާނެ. އެކޮޓަރިއަކީވެސް ގޭގެ ކޮޓަރިތަކުގެ ތެރެއިން އެންމެ ތަނަވަސް އެއް ބައި.........."

އައްޒަހްރާ ކޮޓަރީގެ ދޮރު ހުޅުވައިލުމުން އެބުނީ ތެދެއްކަން އަހެދްއަށްވެސް ގަބޫލުކުރެވުނެވެ. އޭނަގެ ރަށުގައިވެސް ދިރިއުޅުނީ ތަނަވަސް ގެއެއްގައެވެ. އެކަމަކު މިގެއާއި ކޮޓަރި ފެނުމުން އޭނަގެ ގޭގެ ހައިބަވަންތަކަން ކުޑަވާހާވެސް ފުރިހަމައެވެ. ކޮޓަރިވެސް ހޯލެއްފަދައެވެ. މާސިންގާ އެނދުގެ ވަށައިގެން ތުނި ސަދުވާއެއް ދަމާފައިވާއިރު ޝާހީގޮތެއްވެސް ހުއްޓެވެ. ސޯފާސެޓާއި ބޮޑު ކްލޯޒެޓެކެވެ. ފަތި ޓީވީއެއްވެސް ބިތުގައި ހަރުކޮށްފައިވިއެވެ. ބޮލާއި ދިމާލުން އެލުވާފައިވާ ޗާންދަލިޔާގެ އިތުރުން ރީތި ޑިޒައިންތަކުގެ ކަރަންޓު ބައްތިތައް އޭގެ ފުރިހަމަ ޒީނަތްތެރިކަމާއެކު ވިދަވިދާ ހުރުމުން ތަނުގެ ރީތިކަން އެތައްގުނަ އިތުރުކުރުވައެވެ. ކްރީމާއި ހުދުކުލަ ގުޅުވާފައި ހުރިގޮތް އެހާ ކަމުދިޔައެވެ. ތަރުތީބުކަމާއިއެކު ސާފުތާހިރުކަމުން ބޭނުންނުކުރާ އާ ތަނެކޭ ތަފާތެއްނެތެވެ. ޒަހްރާގެ އިހުސާންތެރިކަމަށް ޝުކުރު ކުރާނެގޮތެއްވެސް ނޭގުނެވެ. އޭނަ މާލެއަށް މިއައީ ގައުމީ ޔުނިވާސިޓީއިން ކިޔެވުމުގެ އިތުރުން ހަވީރު އޮންނަ ގުރުއާން ކްލާހުންވެސް ޖާގަ ލިބިގެންނެވެ. އޮންލައިންކޮށް ކިޔެވުމަށްވުރެ އެގޮތް ރަގަޅުކަމަށް އޭނައަށް ފެނުނީއެވެ. ނަސީބަކުން އޭނައަށް މާމައާއެކު މިކޮޅަށް އަންނާން ވީއިރަށް މާމަގެ އެކުވެރިއެއްގެ ގޭގައި ހުރެވޭނެގޮތް ހަމަޖެހުނީއެވެ. އޭރު އެތަން މިހާ ފުރިހަމަވާނެކަމަކަށް ހިޔެއްނުކުރެއެވެ. ލިބުނު ނަސީބަށް ޝުކުރުގެ ސަޖިދައެއްޖަހަން ބޭނުންވިއެވެ.

"ތައްޔާރުވެލައިގެން ކާން އާދޭ...."

އައްޒަހްރާ ސަބީހާއާއި ލޮލުގެ އިޝާރާތުން ވާހަކަ ދެއްކުމަށްފަހު ބޭރަށް ނުކުމެފައި ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

***

"މަންމާ. ބިރުން ކިރިޔާ ހާޓްއެޓޭކެއް ނުޖެހުނީ....ފްރިޖް ކައިރިން ކަޅުފޮތި ބޮނޑިއެއްހެން ހުރި އެއްޗެއް ފެނުނީ. ދަންވަރު ގަޑީގައި ފްރިޖް ރެއިޑްކުރަން އެހެން ހުންނާނީ ހަންޑިއެއްނު...."އަލްބަން އޭނަގެ މަންމަ ކޮޓަރިއަށް ވަނުމާއެކު ރޭގެ ހާދިސާ ކިޔާދިނެވެ. އައްޒަހްރާ އަލްބާންގެ އަތުގައި ބޮނޑިއެއް އެޅީ ހެމުންނެވެ.

""މި ދަރި އިސްލާހެއް ނުވާނެ...ރަގަޅަށް އެނގޭނެ...މަންމަ ބުނީމެއްނު މާމަގެ އެކުވެރިޔާ ސަބީހާއްތައާއި މާމަދަރި މިގެއަށް އަންނަން އުޅޭ ވާހަކަ.....ކަޅުފޮތިބޮނޑިއެކޭ ކިޔާފައި ތިއުޅެނީ ސަބީހާއްތަގެ މާމަ ދަރިފުޅު އަހަދްއަށް ކަން ޔަގީނޭ.. އަހަދް ނިގާބީއެއްކަން މަންމައަކަށްވެސް ކުރިން ނޭގޭ.....ނިގާބުގައި ތިބީމަ އަންހެންކުދިންނަށް ރައްކާތެރި.މީހުންގެ ބެލުންތަކުން ސަލާމަތްވާނެ. ދީނުގައި ނިވާވެގެން އުޅެން އަންގަވާފައިވާ ހިކުމަތާއިމެދު ދަރިފުޅުވެސް ވިސްނާލަބަލަ....ތިހެން މަލާމާތް ދެން ނުކުރާތި.........."އައްޒަހްރާ ވިސްނާދިނެވެ.

"ކިހިނެއް އެނގޭނީ؟ އައި ތޯޓް ހަމަ ހަންޑިއެއް ކަމަށް..."

"އެއީ މަންމަ ޒަވިއާރަށް ދޭން ގެނައި ހަދިޔާއެއް.."

"ކީއްވެ ހަދިޔާއެކޭ ތިބުނީ މަންމާ؟ އަލްބާން ސުވާލުކުރިއެވެ.

"ޒަވިއާރުގެ އަންބަކަށްވާން ރަގަޅު އަންހެންކުއްޖެއް..އެކަހަލަ ކުދިން މަދުވާނެ... އަހަދްއާއި ޒަވިއާރު ވަރަށް ގުޅޭ....."

"އަހަދް ކިޔަނީ ފިރިހެނުންނަށް ނޫންތަ މަންމާ...." ޖޫރީ އެތެރެއަށް ވަނެވެ.

"އަދި ޖޫރީއާއިވެސް އަހަދް ބައްދަލެއްނުވޭ ދޯ....ޖޫރީވެސް އެގޮތަށް ބުރުގާ އެޅީމަ ހާދަ ރީތިވާނެއޭ....." އައްޒަހްރާ ހިނިތުންވެލަމުން ޖޫރީގެ އިސްތަށިގަނޑުގައި އިނގިލިތައް ހިންގައިލިއެވެ." މާމަ ގެންގުޅޭ ޖަވާހިރުފަދައިން އަންހެންކުދިންވެސް ތިބެން ޖެހެނީ އެހާ ރައްކާތެރިކަން މަތީގައި. ރަންމުތް ފަދައިން..."

"އަހަދް ބުރުގާ އަޅަނީ ތަފާތުކޮށޭ މަންމަ ބުނީމަ ކިއުރިއަސްވެއްޖެ..."

"ޖޫރީ ގައިގާ ބްލެކް ކުއިލްޓެއް އޮޅާލައިގެން ނުކުތީމަވެސް ހުންނާނީ އަހަދްވެފައި.."އަލްބާން އެއްލޯ މަރައިލިއެވެ.

"އަލްބާން. މަންމަ ކީކޭ ބުނީ؟"އައްޒަހްރާ ލޯ އަޅައިލިއެވެ.

"ސޮރީ މަންމާ އެއީ މަލާމާތެއްނޫން އެކަމަކު ހުރިގޮތަށް ތެދަށް ބުނީ...."

"އަލްބާންވެސް ކައިވެނިކުރާން މަންމަ ހޯދާނީ މޫނުބުރުގާ އަޅާ ކުއްޖެއް...." އައްޒަހްރާ އިންޒާރެއް ދިނެވެ."ޖޫރީ. ހިނގާބަލަ މަންމައަށް އެހީވާން ބަދިގެއަށް....މޭވާކޮޅު ކޮށައިލަދެވޭނެއްނު.."

"ގްރްރރް...ބާބިލް މިސްވަނީ. ކީއްވެ އެކުއްޖާ ދިޔައީ؟މަގޭ އަތް ހަޑިވެދާނެއްނު ވަރަށް ގިނަ ކުދިން ޑިޓާޖެންޓް އެއްޗިއްސަށް އެލާޖިކްވެ އެގްޒީމާއާއި ފަންގަލް އިންފެކްޝަން ހެދޭ. އަބަދު ފެނާއި ކުޅެންޏާ ސަކަރާތްވެދާނެ. އޯލްރެޑީ އަތް ހާދަ ސަކަރާތޭ މަންމާ ޗެކްކޮށްލަބަ.....ވަރަށް ޑްރައި..."ޖޫރީ ބަހަނާއެއް ދެއްކިއެވެ. އައްޒަހްރާއަކަށް ދަރިފުޅުގެ އަތަކުން މައްސަލައެއް ފާހަގައެއްނުވިއެވެ.

"އޭ ޖޫރީ މަކަރު ނަހަދާ މަންމައަށް ހެލްޕްވާން ދޭ ނޫނީ ދެވަނަފަހަރަކުން ވިއްސާރައިގާ ޖެހުނަސް އެހެންކަމެއް ދިމާވިޔަސް ނުދާނަން.."

"މަންމައަށް ހެލްޕްވަނީ އަދި އަލް ބުނެގެނެއްނޫނޭ. އަމިއްލައަށް ކުރާހިތުން ބޭނުންވެގެން މަންމަ ބަސްއަހާތީ މަސައްކަތްކުރަނީ....."ޖޫރީ ނުކުމެގެން ދާން ހިނގައިގަތެވެ.

ބަދިގެއާއި އަރާ ހަމަވެފައި ޖޫރީ އެހެން އުޒުރެއް ދެއްކިއެވެ. އޭނަ ހޯމްވޯކް ހުންނާނެ ކަމަށާއި އިމްތިހާނެއްވެސް އޮތްކަމުގައެވެ.މަންމަ ވަގުތުން އޭނަ ފޮނުވިއެވެ. ކިޔެވުމަށް ހުރަސް އަޅާނެ އެއްވެސް ކަމަކަށް މަންމަ އެއްބަސްނުވާނެއެވެ. އޭނަ ކޮޓަރިއަށް ދިޔަގޮތަށް ރަޖާގަނޑު ދަށަށް ވަދެ ޑްރާމާ ބަލަން އޮވެވުނީއެވެ. ދެރަވެސްވިއެވެ. މަންމަ އޭނަދެކެ ވާ ލޯބީގެ ފައިދާ ނަގައިގެން މަސައްކަތުން ސަލާމަތްވެގެން އައީއެވެ. ކުށްވެރި އިހުސާސްވެސް ކުރެވުނެވެ. މަންމަ ލައްވާ ކައްކައިގެން ކޮޓަރި ސާފުކޮށްގެން އަރާމުގައި އޮތުމަކީ އިންސާފެއްނޫނެވެ. އޭނަ މިހާ ކަންނެތްވީ ކީއްވެހެއްޔެވެ؟ ހުރިހާކަމެއް ކުރިޔަސް ބަދިގެއަށް ވަނުމަށް އޭނަގެ ޟަމީރުދެކޮޅުހެދިއެވެ. ފިރިހެންކުދިން ފަސޭހަކޮށް އުޅޭއިރު އަންހެންކުދިން ވަކި މަސައްކަތްކުރަން ޖެހޭ ސަބަބެއް އޮތްކަމަށް އޭނަ ނުދެކެނީއެވެ. ޖޫރީ އޭނަގެ މަންމައަށް އެހީތެރިވެނުދިން މައްސަލަ އޭނަގެ ޝަރީއަތުގެ ކޯޓުން ފައިސަލާކޮށް ހުކުމް ބުރަވީ އޭނަގެ ކޮޅަށެވެ. އޭނަ ވަކި މަސައްކަތްކުރާކަށް ނުޖެހެއެވެ. އޭނަ ޖެހެނީ ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަށެވެ. އޭރުން އޭނަ ވަޒީފާއަށްގޮސްގެން މަންމައަށް ޚާދިމާއިން ހޯދަދޭނީއެވެ. މަންމައަށްވެސް ހަޔާތުގެ ބާކީއޮތް އަހަރުތައް އަރާމުގައި އުޅެވިދާނެއެވެ.

***

އައްޒަހްރާއާއި ސަކީނާ ސައިބޯން މޭޒުދޮށުގައި ތިއްބެވެ.ކޮފީއާއި ސައިގެ އިތުރުން ދެތިން ބާވަތުގެ ހެދިކާއާއި ޕިއްޒާވެސް ހުއްޓެވެ. ކުޑަދޮރުގައި ދަމާފައިވާ ތުނި ފަރުދާގައި އިރުގެ އަލި ދޯދިތައް ބޮސްދެމުންދާއިރު ބޭރުގެ ހިތްގައިމު މަންޒަރުވެސް ފެންނާން ހުރުމުން ވަކިން ހިތްގައިމެވެ. ސަކީނާގެ ކުރިމަތީގައި ހުރި ތަށި ފުރެންދެން ކާއެއްޗެހި އަޅާފައެވެ. އަތްގަނޑު ލާފައި ހުރި ސްޕޮންޖް ގޮނޑިއަށް ފިޓްވީގޮތަށް ތެދުނުވެވިދާނެކަމުގެ ބިރުވެސް ސަކީނާގެ ހިތުގައި އުފެދުނެވެ.

"އިއްޔެވެސް ޕްލާސްޓިކް ގޮނޑިއެއް އަޑުކިޔާފައި ފަޅައިގެން ދިޔައީ. ގޮނޑިތައްވެސް ހަދާފައި ހުންނަލެއް ދެރަވަރުކަމުން........."ސަކީނާ ކުށްވެރިކުރީ ގޮނޑިއެވެ."މިގޮނޑި ތަންކޮޅެއް ވަރުގަދަ...ހައިވަކަރުތަ؟"

"އާނ...އާދައިގެ ޕްލާސްޓިކް ގޮނޑިއާއި ބަލާއިރު ވަރުގަދަވާނެ.."

"ސަބީހާއްތައާއި އަހަދް ކޮންތަނަކަށް އެދިޔައި؟ ހާދަ އަވަހަށް ބީރައްޓެހިކަން ކެނޑުނީ...."

"އެހެނެއްނޫން. ސަބީހާއްތަ ޑޮކްޓަރަށް ދައްކަންވެގެން ގެންދިޔައީ.....ބޮލުގައި ރިއްސާތީޔޯ..އަހެދް މާމައަށް ވަރަށް އަޅާލާ..ހިންޏެއް ދަތް އެޅިޔަސް ގެންދާނެކަން ނޭގޭ. އެވަރަށް މާމައިންނާއި އަޅާލާ ހެޔޮ ދަރިން މިޒަމާނުގައި މަދުވާނެ............"

"މަދުވާނެ....އަބަދު ދުނިޔެ އަތަށް ލައިގެން އުޅޭ ބަޔަކަށް މާމައަކަށް ވަގުތު ދެވޭކަމަކަށް ނުވާނެ. މަވެސް އެގޭތެރޭގައި އެކަނިވެރިވެފައި ހަމަ ހުންނަނީ..މާމަ ދަރިން ނެތްނަމަ އަދި ވަކިން ފޫހިވާނެ. އެދަރިންކޮޅު ނެތްނަމަ..........ކީކޭ ބުނާނީ.....ޒަހްރާދައްތައަށް މިފަހަރުވެސް އުމްރާއަކަށް ނުދެވުނެއްނު.....އެނގޭތަ؟" ސަކީނާ އޭނަގެ އަވަށްޓެރިންގެ ތެރެއިން އުމްރާއަށް ފުރާމީހުންގެ ނަމާއި ވަނަވަރު ކިޔަންފެށިއެވެ." އަލްބާން އެކިޔަނީ ކޮން ގައުމަކަށް ޗުއްޓީ ހަދަންދާ ވާހަކަތަ؟"

"އިޓަލީއާއި ޖަރުމަނަށޯ. ޒަހްރާއްތަ ދާހިތެއްނުވޭ.."އައްޒަހްރާގެ ހުވަފެނަކީ އުމްރާއަށް ދެވުމެވެ. ތަންކޮޅެއް ކުރިން ހައްޖު ދަތުރެއްވިޔަސް އެހަނދާންތައް ސިކުނޑީގައި ފަނޑުވެ އަލުން އެ މާތްބިމަށް ދެވުމުގެ އުއްމީދު އޭނަގެ ކެތްތެރިކަން ކޮޅުންލާވަރުކޮށްލައިފިއެވެ. ސަކީނާ ގާތު އުމްރާގްރޫޕެއް ހަދަން ޚިޔާލުކުރާ ކަމަށް ހިއްސާކުރަން އުޅެފައިވެސް ސަކީނާގެ ޚަސީލަތް ހުންނަގޮތް ހަދާންވެ ލަފުޒުތައް ދިރުވައިލިއެވެ. ސަކީނާއަށް ސިއްރު ހިފެހެއްޓުމަކީ ވެވޭނެކަމެއްނޫނެވެ. އެއީ ހުޅުވިފައިވާ ފޮތެކެވެ.

"ޒަހްރާދައްތާ. އަދި ހަނދާން ނެތުނީ....ސިއްރެއް އެބައޮތް...."ސަކީނާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ.

"ޔަގީން ޒަހްރާދައްތައަށް މި ޚަބަރު އިވުނީމަ އިނާމެއް ދޭނެ..."

"ބުނެބަލަ."

ނުނިމޭ