ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބު އަންނަ ޖުލައި މަހު 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިރު، އަމިއްލަ ގޮތުން އެ އިދާރާގެ ނައިބް ރައީސް ކަމަށް މުހައްމަދު ހާނިމް ކުރިމަތިލައްވައިފި އެވެ.

ސަން އޮންލައިނާ ވާހަކަ ދައްކަމުން ހާނިމް ބުނީ، ނައިބު ރައީސް ކަމަށް ކުރިމަތިލީ އަމިއްލަ ގޮތުން ކަމަށާއި އެކަން ކުރަން ނިންމީ ދިވެހި ފުޓްބޯޅަ މިހާރު އޮތް ވަރަށް ވުރެ، ކުރިއަށް ޖެއްސުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ.

ހާނިމްގެ އިތުރުން މެކާނޯގެ ފަރާތުން އެފްއޭއެމްގެ ނައިބް ރައީސްގެ މަގާމަށް މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ކުރިމަތިލައްވާފައިވާ އިރު، ކުލަބް ވެލެންސިޔާ އިން ނާއިބް ރައީސް ކަމަށް ވާދަކުރުމަށް މިހާރުގެ ނައިބު ރައީސް ހިޔަލީ މުހައްމަދު ރަޝީދު ވެސް ވަނީ ނިންމައިފި އެވެ.

އެފްއޭއެމް އިންތިހާބްގައި އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާފައިވާކަން ރަސްމީކޮށް މިހާތަނަށް އިއުލާންކޮށްފައި ވަނީ ދެ ފަރާތަކުންނެވެ. އެދެ ފަރާތަކީ އެފްއޭއެމް މިހާރުގެ ރައީސް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދެވެ. އެފްއޭއެމްގެ ރައީސް ކަމަށް އާޒިމް ކުރިމަތިލެއްވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓިކެޓުގަ އެވެ. އަދި އިލްހާމް ކުރިމަތިލެއްވީ ވީބީ އައްޑޫ އެފްސީގެ ޓިކެޓުގަ އެވެ.

މިފަހަރުގެ އިންތިހާބުގެ ކަންކަން ބަލައި ދިރާސާ ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަން ކޮމިޓީއެއް އެފްއޭއެމް އިން ވަނީ އުފައްދައިފައިވާ އިރު، މިއީ ކުޅިވަރު އެސޯސިއޭޝަންތައް އިންތިހާބުކުރަން ފެށި ފަހުން އެފްއޭއެމް އިން ބާއްވާ ދެ ވަނަ އިންތިހާބެވެ.