މެދުއިރުމައްޗަށް ސުލްހަ ގެނެސް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ކޮންފަރެންސެއް ބާއްވަން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ގޮވައިލައްވައިފިއެވެ.

ކުރިން 1967 ވަނަ އަހަރުގެ މެދުއިރުމަތީ ހަނގުރާމައިގައި އިސްރާއީލުން އަތުލައިގަތް ސަރަހައްދުތައް ކަމަށްވާ ހުޅަނގު އައްސޭރި، ޣައްޒާ އަދި އިރުމަތީ ގުދުސްގައި މިނިވަން ދައުލަތެއް އުފެއްދުމަށް މަގުފަހިވާ މަޝްވަރާތަކެއް ބައިނަލްއަގުވާމީ މުޖުތަމައާ އެކު ކުރުމަށް ފަލަސްތީނު ތައްޔާރަށް އޮތް ކަމަށް އައްބާސް ވިދާޅުވިއެވެ.

އަދި، އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވައިލާ ގޮވާލުން އައްބާސް ވަނީ ތަކުރާރު ކުރައްވައިފައެވެ.

އައްބާސް ނިސްބަތްވެވަޑައިގަންނަވާ ފަލަސްތީނު އޮތޯރިޓީން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއް ހިސާބުތަކުގައި އަންނަނީ ވެރިކަން ކުރަމުންނެވެ. ކުރިން 2007 ވަނަ އަހަރު ޣައްޒާގެ ވެރިކަން ހަމާސް ނަގާފައިވާއިރު، އެ ތަނުގައި ތިބި އިސްރާއީލުން ސިފައިން ވަނީ ބޭރުކޮށްފައެވެ.

"ޓޫ ސްޓޭޓް ސޮލިޔުޝަން"ގެ ބައެއްގެ ގޮތުގައި ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ވެސް ވެރިކަން ކުރަން ޖެހޭނީ ފަލަސްތީނު އޮތޯރިޓީން ކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ކަމަށް ދެކޮޅު ހައްދަވައިފައެވެ. ފަލަސްތީނު ދައުލަތެއް އުފެއްދުމާމެދު ނަތަންޔާހޫ މުޅިން ދެކޮޅެވެ. ފަލަސްތީނު ދައުލަތެއް ގާއިމުކުރުން ހުއްޓުވޭނީ ހަމައެކަނި އޭނާއަށް ކަމަށް ވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލާއި ފަލަސްތީނުގެ އެންމެ ފަހުގެ ސީރިއަސް ސުލްހައިގެ މަޝްވަރާތައް ނިމުމަކަށް އައިސްފައި ވަނީ މީގެ ދިހަ އަހަރަށް ވުރެ ވެސް ކުރިންނެވެ.

ނަތަންޔާނޫ ނިސްބަތްވެވަޑައިގަންނަވާ ލިކުޑް ޕާޓީގެ މެންބަރުންނާ ވާހަކަފުޅު ދައްކަވަމުން މިހެން ވިދާޅުވެފައިވާއިރު، ވެރިކަންކުރާ ލިކުޑް ޕާޓީގެ މަގުބޫލުކަން އިސްރާއީލުގައި ވަރަށް ބޮޑަށް އޮތީ ދަށްވެފައެވެ.