ކައުންސިލްގެ ރައީސްކަން ކުރެއްވުމުގެ ފުރުސަތު އެހެން ކައުންސިލަރުންނަށް ފަހިކޮށް ދެއްވުމަށް ފުވައްމުލަކު ދޫޑީހަމު ކައުންސިލްގެ ރައީސް މަގާމުން ކައުންސިލަރަކު އިސްތިއުފާ ދެއްވައިފި އެވެ.

ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަށް ވެސް ކައުންސިލުގެ ރައީސްކަމަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވެވީ ދޫޑިގަމު ކައުންސިލްގެ ރައީސް އަހުމަދު ޝަރީފެވެ.

އޭނާ މަގާމު ދޫކޮށްލެއްވެވީ ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި އެއް އަހަރާއި ތިން މަސް ދުވަހު ހުންނެވުމަށްފަހު އެވެ.

ޝަރީފު މިއަދު ވިދާޅުވީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަށް ވެސް ރައީސް ކަމުގެ މަގާމު އަދާ ކުރެއްވުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްގެ ރައީސްކަން ކުރުމުގެ ފުރުސަތު އެހެން މެންބަރުނަށް ދިނުމަށްޓަކައި އިސްތިއުފާދެއްވެވީ އެއްވެސް ބަޔަކާ މަޝްވަރާ ކުރުމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ.

"އެއްވެސް މައްސަލައެއް ޖެހިގެނެއް ނޫން އަޅުގަނޑު އިސްތިއުފާ ދިނީ އަކީ. އަޅުގަނޑު އިސްތިއުފާ ދިނީ އެހެން މެންބަރުންނަށް ވެސް ކައުންސިލްގެ ރައީސްކަން ކުރެވޭނެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ބޭނުމުގައި. އެއީ އަޅުގަނޑު އަމިއްލައަށް ފެނިގެން ނިންމި ނިންމުނެއް،" ޑީއާރްޕީގެ މެޖޯރިޓީ އޮންނަ ދޫޑިގަމު ކައުންސިލުގެ ރައީސް ކަމުން އިސްތިއުފާދެއްވި ޝަރީފު ވިދާޅުވި އެވެ.

އެ ކައުންސިލްގެ ނައިބު ރައީސް ޖާދުﷲ އަލީ މިއަދު ވިދާޅުވީ ރައީސްގެ މަގާމުން ޝަރީފު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މެންބަރުންގެ ޖަލްސާއެއް ބާއްވަން އަދި ޝެޑިއުލް ނުކުރާ ކަމަށެވެ.

ކައުންސިލުގެ އެހެން މެންބަރުންނަށް ކައުންސިލުގެ ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު ދޭންވެގެން ރ. އިނގުރައިދޫ ކައުންސިލުގެ ރައީސް ވެސް މިދިއަ ހަފުތާގައި ވަނީ މަގާމު ދޫކޮށްލައްވާފަ އެވެ.