22 May 2012, 13:33
ދިވެހި އަންހެން ޕައިލެޓަކާއި ކޯޕައިލެޓަކު ތިބެގެން ފުރަތަމަ ފަހަރަށް މޯލްޑިވިއަންގެ ފްލައިޓެއް މާދަމާ ފުވައްމުލަކަށް އުދުހޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
މާދަމާގެ ތާރީހީ ދަތުރަކީ ދިވެހި ރެޑް ކްރެސެންޓުން އަންހެނުން ބާރުވެރި ކުރަން ހިނގާ ޕްރޮގްރާމަށް އެހީވާން ކުރާ ދަތުރެކެވެ. މޯލްޑިވިއަނުން ބުނީ މާދަމާގެ ދަތުރުގެ ޓިކެޓް ފައިސާގެ 25 ޕަސެންޓް ހަދިޔާ ކުރާނީ އެ ޕްރޮގްރާމަށް ކަމަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން މާދަމާ މެންދުރު ފުވައްމުލަކަށް ޝެޑިއުލްކޮށްފައިވާ މޯލްޑިވިއަން ފްލައިޓު އުދުހޭނީ 50 މީހުންނާއެކު އެވެ. މާދަމާގެ އުދުހުމުގައި ފްލައިޓްގެ ޕައިލެޓާއި ކޯޕައިލެޓަކަށް ވެސް ތިއްބަވާނީ އަންހެން ޕައިލެޓުން ކަމަށެވެ.
މާދަމާގެ ދަތުރުގައި ބޭނުން ކުރާނީ މޯލްޑިވިއަންގެ ފްލީޓްގައި އާންމުކޮށް ބޭނުންކުރާ ޑޭޝް މަރުކާގެ ބޯޓެކެވެ. އެ ބޯޓުގައި ކެބިން ކުރޫންނަށް ވެސް މާދަމާ ހަރަކާތްތެރިވާނީ އަންހެނުން ކުރޫއިންނެވެ.
ދަތުރުގެ ޓިކެޓް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އައިލެންޑް އޭވިއޭޝަނުން ވިއްކަން ފެށުމާއެކު މިހާރު ވަނީ ހުރިހާ ޖާގައެއް ވިކިހުސްވެފަ އެވެ. މޯލްޑިވިއަންގެ ދަތުރުތައް ފުވައްމުލަކަށް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ އިތުރުން އިންޑިއާގެ ޓްރެވިންޑްރަމްއަށް ވެސް އުދުހެމުންނެވެ.