ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ބޮރޫޝިއާ ޑޯޓްމުންޑް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ދެވަނަ ބުރުން ޑޯޓްމުންޑް ޖާގަ ހޯދީ ގްރޫޕް އެފްގައި އޭސީ މިލާނާ ރޭ ބައްދަލު ކުރި މެޗު ކާމިޔާބުކޮށްގެންނެވެ. މިލާންގެ ދަނޑުގައި ކުޅުނު މި މެޗު ޑޯޓްމުންޑް ކާމިޔާބުކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ މިލާނުންނެވެ. އެގޮތުން މެޗްގެ ހަވަނަ މިނެޓުގައި މިލާނަށްވަނީ ޕެނަލްޓީއެއް ލިބި މެޗްގެ ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ.

ނަމަވެސް މިލާންގެ ފޯވަޑް އޮލިވާ ޖިރޫ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވީއެވެ.

އެއާއެކު މެޗްގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައިވަނީ އޭގެ ހަތަރު މިނެޓް ފަހުން ލިބުނު ޕެނަލްޓީއެއްގައި ޑޯޓްމުންޑެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔަބުކޮށްދިނީ މާކޯ ރޮއިސްއެވެ.

މި މެޗުގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 37ވަނަ މިނެޓްގައި ސެމިއުލް ޗުކްވުއޭޒޭ ކާމިޔަބުކޮށްދިން ލަނޑަކުންނެވެ.

ޑޯޓްމުންޑުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 59ވަނަ މިނެޓްގައި ޖެމީ ބައިނޯ ގިޓެން ޖަހައިދިން ލަނޑުންނެވެ. އެ ޓީމުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 69ވަނަ މިނެޓްގައި ޖަހައިދިނީ ކަރީމް އަޑެޔެމީއެވެ.

މެޗުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިފައިވެއެވެ.

މި ކާމިޔާބީއާއެކު ޑޯޓްމުންޑްވަނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ގްރޫޕް އެފްގެ އެއްވަނައަށް ޖެހިލައިފައެވެ.

މި މެޗުން ބަލިވި ނަމަވެސް މިލާނަށް ވެސް އަދި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ނުގެއްލެއެވެ. މިލާން މިވަގުތު އުޅެނީ ފަސް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.