22 May 2012, 13:21
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ވަރަށް އަވަހަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އާ ގުޅިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޑީއާރުޕީ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހުޅުމާ އެކު ހަތަރު މެންބަރުން ނުވަތަ ފަސް މެންބަރުން ޑީއާރުޕީ އަށް ސޮއިކުރައްވާނެ ކަމަށެވެ.
"ރައްޔިތުން މަޖިލީހުގެ ތެރެއިން ހަތަރެއް ނުވަތަ ފަހެއް މެންބަރުން އިރާދަކުރެއްވިއްޔާ ދެން ރައްޔިތުންގެ މަޖިލީސް ހުޅުވޭ އިރު ދިވެހި ރައްޔިތުންގެ ޕާޓީ އަށް ސޮއިކުރާނެ،" ޝަރީފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ޑީއާރުޕީގެ 14 މެންބަރުން ތިއްބަވަ އެވެ. އެ ޕާޓީ އަށް އިތުރު ފަސް މެންބަރުން ސޮއި ކުރައްވައިފި ނަމަ އެ އަދަދު 19 އަށް އަރާނެ އެވެ.
ޝަރީފު ވިދާޅުވީ މެންބަރުން ސޮއި ކުރެއްވުމުގެ ކުރީން އިތުރު އެ މައުލޫމާތު ހާމަ ނުކުރައްވާނެ ކަމަށާއި ނަމަވެސް މެންބަރުން ސޮއިކުރެއްވުމަށް ހާއްސަ ރަސްމިޔާތެއް އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެހެން ޕާޓީތަކުން ގިނަ އަދަދެއްގެ ޒުވާނުން ވަރަށް އަވަހަށް ޑީއާރުޕީއާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.
"ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި އެހެން ޕާޓީތަކުން 1000 ވަރަކަށް ބޭފުޅުން ދިވެހި ރައްޔިތުންގެ ޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައި،" އެނާ ވިދާޅުވި އެވެ.
ޑިއާރުޕީ އަށް ފަސް މީހަކު އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. ޑީއާރުޕީން ބުނީ އެމީހުނަކީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި މީހުން ކަމަށެވެ.