ސްޓެލްކޯއިން އަލަށް ބެހެއްޓި ދެ ޖަނަރޭޓަރުގެ މަސައްކަތް ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތް ފެންވަރު މަތިކުރުމުގެ ގޮތުން 28 މިލިއަން ޔުރޯ ހަރަދުކޮށްގެން ހިންގާ މަޝްރޫއުގެ ދަށުން ބަހައްޓާފައިވަ ދެޖަނަރޭޓަރު ބޭނުން ކުރުމުން މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބުރާހިމް ރައޫފް މިއަދު ވިދާޅުވީ ޖެނަރޭޓަރުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރ ކުރިން ދީފައިވާ ޝެޑިއުލް މިމަހުގެ 20 ވަނަ ދުވަހު ހަމަވިއިރު ޖަނަރޭޓަރުތަކުގެ
މަސައްކަތްނުނިމި ބޭނުންކުރަން ނުފެށުނީ ޓެކްނިކަލް ބައެއް މައްސަލަތަކެއް ކުރިމަތިވުމުން ކަމަށާއި ނަމަވެސް އެކަންކަން ހައްލުކުރުމަށް ފަހު ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް ކޮންޓްރެކްޓަރ ބުނެފައިވާ ކަމަށެވެ.

"އެބޭފުޅުން ކުރިން ދީފައިވާ ތާރީހަށް ވަނީ މަސައްކަތް ނުނިމިފައި. މިހާރު ދިމާވެފައިވާ ޓެކްނިކަލް މައްސަލަ ތައް ހައްލު ނުކުރެވިއްޖެއްޔާވެސް ފަހަރެއްގެ މަސައްކަތް ޑިލޭވެސް ވެދާނެ. އެބޭފުޅުން މިހާރު ޓޫވީކުސް ތެރެގައި ނިންމާލެވޭނެ ކަމަށް ޝެޑިއުލް ދީފައި ވަނީ،" ރައޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުކަނޑާލަން ޖެހެނީ މާލެއަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭތީ ކަމަށާއި މިހާރު ސްޓޭލްކޯގައި ހުރި ޖަނަރޭޓަރުތަކުން އުފެއްދެނީ 36 މެގަވޯޓްގެ ކަރަންޓު ކަމަށާއި ނަމަވެސް މާލެއަށް 39 މެގަވޯޓްގެ ކަރަންޓު ބޭނުންވާ ކަމަށެވެ.

"މިހާރު ބަހައްޓާ ދެޖަނޭޓަރުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން މިހާރު ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލުކުރެވޭނެ،" ރައޫފް ވިދާޅުވިއެވެ.

ރައޫފް ވިދާޅުވީ އަލަށް ބަހައްޓާ ދެޖަނޭރޭޓަރުން ކުރެ ކޮންމެ ޖަނަރޭޓަރަކުން އަށް މެގަވޯޓްގެ ކަރަންޓު އުފައްދާނެ ކަމަށާއި އޭރުން މާލެއަށް ބޭނުން މިނާވަރަށް އެއްވެސް މައްސަލައެއް ނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.
ސްޓޭލްކޯއިން ބުނެފައިވަނީ ޖަރުމަނމާއި ޑެންމާކުގެ ދެކުންފުނި ގުޅިގެން އުފައްދާ ފައިވާ ޖޮއިންޓް ވެންޗާ ކުންފުނިން 2009 ވަނއަހަރު މަސައްކަތްފަށާފައިވަނީ 18 މަސްދުވަހުގެތެރޭގައި ޕްރޮޖެކްޓް ނިންމަ ގޮތަށް ކަމަށާއި ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން މަސައްކަތް ނުނިމި ލަސްވެގެން ގޮސްފައި ވާކަމަށެވެ.