29 Nov 2023, 22:41
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ޖީގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ފަހަތުން އަރައި އާރްބީ ލެއިޕްޒިގް ބަލިކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރި 3-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވަރަށް ފޯރިގަދަ އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ސިޓީއިންނެވެ.
ދެވަނަ ބުރުގެ ޖާގައެއް މި މެޗަށް ނިކުތްއިރު ވެސް ސިޓީއަށް އޮތީ ކަށަވަރުވެފައެވެ. ނަމަވެސް ސިޓީއިން މި މެޗަށް ނިކުތީ މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިއުމުގެ އަމާޒުގައެވެ
މި މެޗު ސިޓީއިން ފެށީ ވަރަށް ފޯރިއާއެކުއެވެ. އެގޮތުން ރެފްރީގެ ފުރަތަމަ ކަށިގަނޑާއެކު ސިޓީއިން ލެއިޕްޒިގްގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ.
ނަމަވެސް ލެއިޕްޒިގް ފެނުުނީ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތް ތަނެވެ. މި ގޮތުން ސިޓީއިން އުފައްދަމުންދިޔަ ހަމަލާތަށް ވަރަށް ފުރިހަމައަށް އެ ޓީމުން ދިފާއުކޮށްފައިވެއެވެ.
އެއާއެކު މެޗުގެ 13ވަނަ މިނެޓްގައި ލެއިޕްޒިގްއިން ވަނީ ލަނޑެއް ޖަހައި މެޗްގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފޯވަޑް ލޮއިސް އޮޕެންޑާއެވެ.
މި ލަނޑާއެކު ސިޓީއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް ލެއިޕްޒިގްގެ ޑިފެންސް ފޫއަޅުވައިލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ 33 ވަނަ މިނެޓްގައި އޮޕެންޑާ ޖަހާދިން ލަނޑާއެކު ލެއިޕްޒިގްގެ ލީޑު ފުޅާކޮށްދިނެވެ،
މި މެޗުގައި ސިޓީގެ ކުޅުން ރަނގަޅުކުރީ ދެވަނަ ހާފުގައި އެ ޓީމަށް ގެނައި ބައެއް ބަދަލުތަކާއެކުއެވެ. މި މެޗުގައި ސިޓީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 54ވަނަ މިނެޓްގައި ޖަހައިދިނީ އާލިން ހާލަންޑްއެވެ.
މި މެޗުގައި ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 70ވަނަ މިނެޓްގައި ފިލް ފޯޑެން ކާމިޔާބު ކޮށްދިން ލަނޑާއެކުގައެވެ. މި މެޗުން މޮޅުވި ލަނޑު މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖަހަދިނީ ބަދަލު ކުޅުންތެރިޔާ ހޫލިއަން އަލްވަރޭޒްއެވެ.
މި ކާމިޔާބީއާއެކު ސިޓީއިން މި ވަނީ ބާކީ އެއް މެޗު އޮއްވައި ގްރޫޕްގެ އެއްވަނަ މަގާމު ކަށަވަރު ކޮށްފައެވެ. އެ ޓީމުން ވަނީ ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް 15 ޕޮއިންޓް ހޯދައިފައެވެ. ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދި ލެއިޕްޒިގްއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.