29 Nov 2023, 22:17
އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ގެންދިއުމަށް ރެއާލް މެޑްރިޑުން މަސައްކަތްކުރަމުން އަންނަަކަމަށް ރިޕޯޓުކޮށްފިއެވެ.
މިހާރު ރެއާލަށް އިރުޝާދުދޭ ކާލޯ އެންޗެލޮޓީ ގެންދިއުމަށް ބްރެޒިލް ގައުމީ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ސީޒަނަށްފަހު އޭނާ ބްރެޒިލް ގައުމީ ޓީމާ ހަވާލުވުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނަމުންދާއިރު، ރެއާލުން ވެސް ދަނީ އާ ކޯޗެއް ޓީމާ ހަވާލުވޭތޯ އެކިއެކި ކޯޗުންނާ މަޝްވަރާ ކުރަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސްކަލޯނީއާއެކު އެންމެ ފުރަތަމަ މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަނީ ރެއާލުންނެވެ. އަދި ރެއާލުން ގެންނާނެ ކޯޗެއް ނިންމާނީ ސްކަލޯނީ ހިމެނޭގޮތަށް ޝޯޓްލިސްޓުކޮށްފައިވާ ހުރިހާ ކޯޗުންނާ މަޝްވަރާކުރުމަށްފަހުކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ދާދިފަހުން ސްކަލޯނީ ވެސް ވަނީ އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދޭން އުޅޭކަމުގެ އިޝާރާތެއް ދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އާޖެންޓީނާއަށް ބޭނުންވަނީ ދާއިމީ ގޮތެއްގައި ޓީމާއެކު ހުރެވޭނެ ކޯޗެކެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި އެކަމާމެދު ފުންކޮށް ވިސްނާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕާއި 2021ގެ ކޮޕާ އެމެރިކާ، އާޖެންޓީނާއިން ކާމިޔާބުކުރީ ސްކަލޯނީގެ އިރުޝާދުގެ ދަށުންނެވެ. ވޯލްޑް ކަޕަށްފަހު މިހާތަނަށް އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗަކުން އާޖެންޓީނާ ވަނީ މޮޅުވެފައެވެ. ވޯލްޑް ކަޕް 2018އަށް ފަހު އާޖެންޓީނާ ގައުމީ ޓީމާ ހަވާލުވި ސްކަލޯނީ އިރުޝާދު ދިން 67 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ ހަ މެޗުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސްކަލޯނީގެ އިތުރުން ރެއާލުން މަޝްވަރާތައް ކުރާ ކޯޗުންގެ ތެރޭގައި ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީ އަދި ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ވެސް ހިމެނެއެވެ.