ޖަރުމަން ފޯވަޑް ޓިމޯ ވާނާގެ ސޮއި ހޯދުމުގެ މަސައްކަތް މެންޗެސްޓާ ޔުނައިޓެޑުން ފަށާފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

'ސްކައި ސްޕޯޓްސް' އިން ރިޕޯޓުކުރާ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ވާނާ ގެންދިއުމަށް އޭނާ ކުޅެމުންދާ އާރްބީ ލައިޕްޒިގާއެކު މިހާރު ޔުނައިޓެޑުން ވަނީ މަޝްވަރާތައް ފަށައިފައެވެ. ނަމަވެސް އަދި ރަސްމީކޮށް އެއްވެސް ބިޑެއް ހުށަހަޅާފައި ނުވާ ކަމަށް ރިޕޯޓުކުރެއެވެ.

ލައިޕްޒިގްގައި ވާނާ މި ވަގުތު ހުރީ ވެސް ހިތްހަމަޖެހިގެންނެއް ނޫނެވެ. މި ސީޒަނުގެ ޖަރުމަން ބުންޑަސްލީގާގައި ލައިޕްޒިގް ކުޅުނު އަށް މެޗުގެ ތެރެއިން އޭނާއަށް ފުރުސަތު ލިބުނީ އެންމެ ދެ މެޗުގައެވެ. ނަމަވެސް ވާނާ މީގެ ކުރިން ބުނެފައިވާ ގޮތުގައި އެހެން ކްލަބަކަށް ބަދަލުވުމާ މެދު ގޮތެއް ނިންމާނީ މި ސީޒަނަށްފަހުގައެވެ.

ޗެލްސީ ދޫކޮށްލުމަށްފަހު އެނބުރި ލައިޕްޒިގާ ވާނާ ގުޅިފައިވަނީ 2022 ވަނަ އަހަރުއެވެ. ޗެލްސީގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވާނާއަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، އެނބުރި ލައިޕްޒިގާ ގުޅުމަށްފަހު މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކިއެވެ.

އޭނާއަށް އަނެއްކާވެސް ޓީމުން ފުރުސަތު ގެއްލެމުންދިޔައީ މި ސީޒަނުގައެވެ.

ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި ވާނާއަށް ގޯސް ތަޖުރިބާއެއް ކުރެވިފައިވުމުން، ޔުނައިޓެޑުން އަލުން އޭނާގެ ޝައުގުވެރިކަން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. ނަމަވެސް ކުރިއަށް އޮތް ޔޫރޯގައި ޖަރުމަން ގައުމީ ޓީމުން ފުރުސަތު ހޯދުމަށް ކުޅުމުގެ ފުރުސަތުތައް ހޯދުމަށް ވާނާއަށް ވަރަށް މުހިންމުވާނެއެވެ.