22 May 2012, 13:08
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު އެމްޑީޕީގެ ހަރަކާތްތައް ހިނގައިގަތީ ލޮނުޒިޔާރަތްކޮޅުގައި ޖެހި ރީނދޫ ކޭމްޕްތަކުގެ ތެރޭގަ އެވެ. ނަމަވެސް މާޗް 19، 2012ގައި ސިފައިނާއި ފުލުހުން ކޭމްތެރެއަށް ވަދެގަނެ ޓެންޓްތައް ރޫޅައިލައި އެމްޑީޕީގެ "ޔެލޯ ފޯސް" އެ ސަރަހައްދުން ފައްސާލުމުން އެމްޑީޕީ އަށް ސިޔާސީ ހަރަކާތްތައް އަލުން ވިލަރެސްކޮށް ތަރުތީބު ކުރީ ދަރުބާރުގެ ފުރަގަހަތުގައި އޮންނަ އުސްފަސްގަނޑު މާލޭ ސިޓީ ކައުންސިލުން އެ ޕާޓީއަށް ދޫކޮށްލުމުންނެވެ. އުސްފަނޑު އެމްޑީޕީއަށް ދިނީ ދިގު މުއްދަށެވެ. އެންމެ ފަހުން އުސްފަަސްގަނޑު ވެސް ވެގެން ދިޔައީ ބޮޑު މައްސަލަ ގަނޑަކަށެވެ. އުސްފަސްގަނޑުގެ މައްސަލައިގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުސިލާއި ހައުސިން މިނިސްޓްރީއާ ދެމެދު އަރާރުން ގަދެވެ، އެންމެ ފަހުން ވަނީ "ގަދަހިފުމަކަށް" ދާންޖެހިފަ އެވެ.
ސިޓީ ކައުސިލުން އުސްފަސްގަނޑު އެމްޑީޕީއަށް ދޫކޮށްލުމުން ވެރިރަށް މާލޭ ބޮޑު ސަރަހައްދެއް ވަކި ޕާޓީއެއްގެ ހަރަކާތްތަކަށް ދޫކޮށްލާފައި އޮތުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ސަރުކާރު ހިންގުމުގައި މިވަގުތު ތިއްބެވި މަސްއޫލުވެރިން ވަނީ ދެކެވެ. އެހެން ކަމުން ކެބިނެޓުން ވަނީ އެ ބިން މައި ސަރުކާރުގެ ބެލެނިވެރިކަމަށް ގެންދަން ނިންމާފަ އެވެ.
ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އުސްފަސްގަނޑު ހައުސިން މިނިސްޓްރީ ހަވާލުކުރަން ހައުސިން މިނިސްޓްރީ ދިޔައީ އެ ކައުންސިލާ ވާހަކަ ދައްކަމުންނެވެ. ވާހަކަ ދައްކައިގެން މިހާތަނަށް ވެސް އަލި މަގެއް ނުފެނުމުން ސިޓީ ކައުސިލްގެ ދަފުތަރުގައިވާ ބިންތަކުގެ ލިސްޓުން އުސްފަސްގަނޑު އުނިކޮށް އެ ބިން ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމުގެ އެންމެ ފަހު މަރުހަލާ ފުރިހަމަ ކޮށްދިނުމަށް ހޯމް މިނިސްޓްރީން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.
އުސްފަސްގަނޑުގެ މައްސަލައިގައި ސަރުކާރުގެ ވާހަކަތަކަށް ސިޓީ ކައުންސިލުން މިހާތަނަށް ވެސް ދީފައި ވަނީ "ފިނި" ޖަވާބެކެވެ. އަބަދު ވެސް އެންމެ ޖުމްލައަކަށްވާ ގޮތަށް ބުނަމުން ގެންދަނީ "އުސްފަސްގަނޑު ހަވާލު ކުރެވެން ނެތް" ކަމަށެވެ.
މާލޭގެ މޭޔަރު އަލިމަނިކު (މައިޒާން އަލިބެ) ވިދާޅުވި ގޮތުގައި އުސްފަސްގަނޑު އެމްޑީޕީ އަށް ދޫކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށެވެ. އެއީ މިހާރުގެ ސިޔާސީ ހާލަތަކަށް ބަލާ އިރު އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ވެސް މޭޔަރު ދެކެވަޑައިގަންނަވެ އެވެ. އަދި ސިޓީ ކައުންސިލުގެ މެޖޯރިޓީ އަށް ވެސް ފެންނަނީ އެގޮތެވެ.
މޭޔަރާއި ސިޓީ ކައުންސިލުގެ މޭޔަރު ވިދާޅުވާ ވާހަކަ މުޅިއަކުން ފެން ނުހިފެއެކޭ ވެސް ނުބުނެވޭނެ އެވެ. މިސާލަކަށް ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެ އެހެން ހުރިހާ ޕާޓީތަކެއް އިއްތިހާދުވެ ސަރުކާރު ހިންގުމުގެ ތެރޭގައި އޮތް އިރު މިހާރުގެ އިދިކޮޅު ޕާޓީއަކަށް ވެފައި ވަނީ އެމްޑީޕީ އެވެ. އެ ޕާޓީއަކީ ވެސް ދިވެހި ދައުލަތުގެ މުއައްސަސާއެކެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަން އަދި ޕާޓީގެ ހަރަކާތައް ހާއްސަކޮށް އިދިކޮޅުގައި އޮވެގެން ފާރަވެރިވާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ ހަރަކާތްތައް އެކަށީގެންވާ ގޮތުގައި ހިންގަން ޖާގަ ލިބެން ޖެހޭނެ އެވެ. އެމްޑީޕީއަށް ދޫކޮށްފައިވާ ބިމެއްގައި ސިޔާސީ ގޮތުން އެޕާޓީ ގައުމަށްޓަކައި އުފުލަން ޖެހޭ ޒިންމާގެ ބަދަލުގައި އެހެން ހަރަކާތެއް ހިންގާ ނަމަ އެއީ މައްސަލައެކެވެ. އެކަމަކު އެކަން ހިނގަނީ މުޅިން އެހެންތޯ ސަރުކާރުގެ ވާހަކައަކު ރީއްޗަކަށް ސާފެއް ނުވެ އެވެ. އަނެއްކޮޅުން އެމްޑީޕީން އުސްފަސްގަނޑު ބޭނުން ކުރަނީ ސިޔާސީ ޕާޓީއަކުން އެކަން ކުރަން ޖެހޭ ގޮތަށްތޯ ވެސް ސުވާލު އުފައްދާނެ ޖާގަ ހަމައެކަނި އުސްފަސްގަނޑާ ދިމާއަށް ބަލައިލުމުން ވެސް އުފެދެ އެވެ.
"އަޅުގަނޑުމެނަށް އިނގޭ މާލޭ އެތައް މެންބަރުން ނިސްބަތްވާ އެމްޑީޕީން ސިޔާސީ އެކި އެއްވުންތަކެއް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވާން ފަށައިފި ނަމަ މާލެ ހަލަބޮލި ވެގެންދާނެ ކަން. އެހެންވެ އެންމެ މަސްލަހަތު ރަނގަޅު ގޮތަކަށްވާނީ އުސްފަސްގަނޑު ދޫކޮށްފައި ބޭއްވުން،" އަލިބެ ވިދާޅުވި އެވެ.
އުސްފަސްގަނޑު އަތުނުލެވޭނެ ކަމަށާއި އެތަން ހިމާޔަތް ކުރުމަށް ކުރެވުނު މަސައްކަތެއް ކުރާނެ ކަމަށް ސިޓީ ކައުސިން ބުނެފައިވާއިރު އެ ކައުންސިލުން ވަނީ އުސްފަސްގަނޑު މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ނެގުމަށް ނިންމި މައްސަލަގައި ކޯޓަށް ދާނެ ކަމަށް ވެސް ބުނެފަ އެވެ. އެހެން ނަމަވެސް ހައުސިން މިނިސްޓްރީން ބުނަމުންދަނީ އުސްފަސްގަނޑު އެމްޑީޕީއަށް ދޫކޮށްފައި ވަނީ ސިޓީ ކައުންސިލަށް ދޫކޮށްފައިވާ ބިންތަކާ މެދު އަމަލުކުރަން ޖެހޭ ގޮތައް ނޫން ކަމަށެވެ. އަދި ވަޒީރުން މަޖިލީހުން ނިންމާފައިވާ ނިންމުމަށް ތަބާނުވެ ސިޓީ ކައުންސިލުން ދައްކާ ބަހާނާތަކަކީ ގަބޫލު ކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.
އުސްފަސްގަނޑު ރޫޅައިލުމަށް ފުލުހުންނަށް އަންގާފައިވީ ނަމަވެސް ލޮނުޒިޔާރަތްކޮޅުގެ ކޭމްޕް ރޫޅައިލުމުގައި ފުލުހުން ތަޖުރިބާކުރި ބައެއް ކަންކަމަށް ބަލައި ފުލުހުން މަސައްކަތް ކުރަމުން ގެންދަނީ ގާނޫނީ އިމުގެ ތެރޭގައި އެކަން ކުރުމަށް ކަމަށް އުސްފަސްގަނޑުގެ މައްސަލައިގައި ފުލުހުން އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު ހީވެ އެވެ. އެއީ މިފަދަ ކަންކަމުގައި ފުލުހުންގެ ފަރާތުން އަމަލު ކުރުމުގައި ފެންނަ ރަނގަޅު ނިޝާނެއް ކަމަށް ވެސް މާނަ ކުރެވިދާނެ އެވެ. އެކަމުގައި ފުލުހުން އަމަލު ކުރާނެ ގޮތެއް އެނގޭނީ ކޯޓް އަމުރުރެއް އިޝޫ ކުރާ ހިސާބުންނެވެ. އެހެން ނަމަވެސް މިހާތަނަށް ފުލުހުން އަވަސް އަރައިގެންފައިވާ މަންޒަރެއް ނުފެނެ އެވެ.
އަނެއްކޮޅުން އެމްޑީޕީ އޮތީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އެމްޑީޕީގެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އުސްފަސްގަނޑު ރޫޅާލާފައި އެތަނުގައި ތިބި އެމްޑީޕީގެ މީހުން ގެންދަން ޖެހޭނީ ޖަލަށް ކަމަށެވެ. ބ. ތުޅާދޫގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އުސްފަސްގަނޑު ނުނެގޭނެ ކަމަށާއި ނަގައިފި ނަމަ މިސަރުކާރުގެ ވަޒީރުގެ ގޭގޭ ބޮޑު ކޮޓަރީގައި ކޭމްޕް ޖަހައި އެމްޑީޕީން މުޒާހަރާ ފަށާނެ ކަމަށެވެ. ހަމަ އެއާއެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވެސް ވަނީ ސަރުކާރަށް އިންޒާރުކޮށްފަ އެވެ. އުސްފަސްގަނޑަށް ފުލުހުން ފޮނުވާ ރޫޅައިލައިފިނަމަ އެމްޑީޕީގެ ރީނދޫ ލަޝްކަރު މުޅި މާލޭގައި ކޭމްޕް ކުރާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
އެފަދަ ވާހަކަތައް ކުރިން ވެސް ރައީސް ނަޝީދާއި މޫސަ ވިދާޅުވެފައި އެބަހުއްޓެވެ؛ އެކަމަކު މި ކަމުގައި އެއް ކަމެއް ޔަގީނެވެ. ސަރުކާރު ވެސް އެމްޑީޕީ ވެސް އަދި މާލޭ ސިޓީ ކައުންސިލުވެސް އޮތީ ވާދެދެމުގެ ރޭހުގައި ކޮމެންޓްރީ ދެއްވާއިރު އެމްޑީޕީގެ ހާމިދު އަބްދުލް ޣަފުރު ވިދާޅުވާ ގޮތަށް "ދުލެއްދޭ ގޮތަކަށް" ނޫނެވެ. އެހެންކަމުން އުސްފަސްގަނޑު މައްސަލަ ދާނީ ގަދަހިފުމަކަށެވެ. ކޮންމެ ކޮޅަކަށް ނިމުނަސް ހާމިދު ވިދާޅުވާ ގޮތަށް ނިމޭނޭ "ފިސާރި ވާންދައްކާފައި" އެވެ.