29 Nov 2023, 08:53
މި އަހަރުގެ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާގައި ބައިވެރިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކެތަރިން ޒީޓާ ޖޯންސް ބޭނުން ވަނީ ފިލްމު " ދަ ލަންޗް ބޮކްސް" ކަހަލަ އިތުރު ފިލްމެއް ކުޅެން ކަމަށް އޭނާ ބުނެފިއެވެ.
އައިއެފްއެފް ރަސްމިއްޔާތު ނިންމުމުގެ ހަފްލާގައި ބައިވެރިވުމަށް އިންޑިއާއަށް ޒިޔާރަތްކުރި ކެތަރިން އާއި ފިރިމީހާ މައިކަލް ޑަގްލަސްއަށް ވަނީ ސަތިޔަޖީތު ރާއި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައެވެ.
އިންޑިއާ އަކީ އަބަދުވެސް ކެތަރިންގެ ހިތުގައި ވަރަށް ހާއްސަ މަޤާމެއް ދެވިފައިވާ ޤައުމެއް ކަމަށާއި "ދަ މާސްކް އޮފް ޒޮރޯ"ގެ ބަތަލާއަށް އެންމެ ކަމުދާ ބޮލީވުޑް ފިލްމަކީ، "އޯމް ޝާންތީ އޯމް" ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ދަރިފުޅު ޑައިލަން ޑަގްލަސްއާ އެކު ވަރަށް ގިނައިން ޝާހްރުކް ޚާންގެ ފިލްމު "އޯމް ޝާންތީ އޯމް" ބަލާފައި ވާނެކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ ކެތަރިން އަކީ ނެށުމަށާއި މިއުޒިކަށް ވަރަށް ލޯބިކުރާ ފަރާތެއް ކަމުން އިނގިރޭސިވިލާތުގައި އެފަދަ ޖޯންރާގެ ފިލްމުތައް އުފައްދާނެނަމަ ކެތަރިން އެންމެ ގިނައިން ފެންނާނީ އެކަހަލަ ރޯލްތަކުން ކަމަށް ވަނީ ބުނެފައެވެ.
ފިލްމު "ދަ ލަންޗް ބޮކްސް" އެންމެ ފުރަތަމަ ކެތަރިން ބެލީ ދިގު ދަތުރެއް ކުރަންޖެހުނު މަތިންދާ ބޯޓެއްގައި ކަމަށާއި އެ ފިލްމު ދެ ފަހަރުމަތިން އޭނާ ބެލީ ފިލްމުގައި ގެނެސްދީފައިވާ ވާހަކަ ރީތިކަމުން ކަމަށް މަޝްހޫރު ބަތަލާ ވަނީ ބުނެފައެވެ.

ކެތަރިން ޒީޓާ ޖޯންސް
އެ ފިލްމުގެ ޑައިރެކްޓަރު ރިތޭޝް ބަޓްރާއާ އިނގިރޭސިވިލާތުގެ ލަންޑަންގައި ބައްދަލުވުމުގެ ފުރުސަތު ލިބުނުކަމަށާއި އެ ފިލްމުގެ ދެވަނަ ބަޔަކަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް ކެތަރިން ވަނީ ބުނެފައެވެ. ފިލްމު "ދަ ލަންޗް ބޮކްސް"އަކީ ކުރީގެ އެކްޓަރު އިރުފާނު ޚާން އަދި ބޮލީވުޑްގެ ބަތަލާ ނިމްރަތު ކޯރު ލީޑް ރޯލް ކުޅެފައިވާ ވަރަށް ރީތި ފިލްމެކެވެ.

ހޮލީވުޑް ބަތަލާ ކެތަރިން ޒީޓާ ޖޯންސް އަދި ފިލްމު "ލަންޗް ބޮކްސް"، "އޯމް ޝާތީ އޯމް"ގެ ޕޯސްޓަރެއް
ކެތަރިން މި ހަފްލާގައި ކިޔައިދިން ގޮތުގައި ޢުމުރުން އެންމެ 18 މަހުގައި އިންޑިއާއަށް ނިސްބަތްވާ ޑޮކްޓަރަކު ބަތަލާގެ ފުރާނަ ސަލާމަތް ކޮށްދިން ކަމަށާއި އޭގެ ފަހުން އިންޑިއާއަކީ ބީރަށްޓެހި ޤައުމެއްގެ ގޮތުގައި އެއްވެސް އިރަކު ސިފަނުކުރެވޭ ކަމަށެވެ.
ކެތަރިންގެ އުއްމީދަކީ ބޮލީވުޑްގެ ފިލްމަކުން ޙަޔާތުގެ ކޮންމެވެސް ހިސާބަކުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމެވެ. އިންޑިއާ އަކީ އެހާވެސް ބަތަލާއަށް ހާއްސަ ޤައުމެއް ކަމަށް ހޮލީވުޑްގެ ގިނަ ފިލްމުތަކުން ފެނިފައިވާ މަޝްހޫރު ބަތަލާ ވަނީ ބުނެފައެވެ.