22 May 2012, 13:08
ކ. ދިއްފުށިން މަސްވެރިކަމަށް ނުކުމެ އުޅުނު އެރަށުގެ ދޯންޏަކަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. ހޮނުގެ ހާދިސާ ހިނގި އިރު ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ދިއްފުށިން 17 މީހުންނާއެކު މިދިޔަ ބުދަ ދުވަހު މަސްވެރިކަމަށް ނުކުތް އެރަށު "އަމާޒު 8" ކަށް ހޮނު އެޅީ ލ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކަށިދޫ އާއި ގުރައިދޫ ދޭތެރޭގެ ފަޅުގައި އޮއްވާ ރޭ ދަންވަރު އެވެ.
ދޯނީގެ ކެޔޮޅު ދިއްފުށީ މާހާ، އަބްދުﷲ އިމާދު މިއަދު ބުނީ އިއްޔެ އިރު އޮއްސުނީއްސުރެ މޫސުން އޮތީ ވަރަށް ގޯސް ކޮށް ކަމަށާއި މޫސުން ބޮޑަށް ގޯސްވީ މެންދަމު 12:00 ޖަހާއެހާކަންހާއިރު ކަމަށެވެ. އޭރު ވެސް ވަރަށް ބާރަށް ގުގުރާ ވިދަމުން ދިޔަ ކަމަށާއި ދޯންޏަށް ހޮނުއެޅީ ރޭ މެންދަމު ގާތްގަނޑަކަށް ދޭއް ޖަހާއެހާކަންހާއިރު ކަމަށެވެ.
އޭނާ އަދި ބުނީ ހޮނުއެޅީ ދޯނީގެ އެންޓަނާ އަށް ކަމަށާއި އެ ހާދިސާގައި ދޯނީގައި ހުރި ހުރިހާ އިލެކްޓްރޯނިކް ސާމާނުތަކެއް ހަލާކުވެފައި ކަމަށެވެ.
"މި ހާދިސާގެ ސަބަބުން ދެ ލައްކައެއްހާ ރުފިޔާގެ ގެއްލުން ވަނީ ލިބިފައި،" އޭނާ ބުންޏެވެ.
ހޮނު އެޅި މަންޒަރު އޭނާއަށް ވަރަށް ރީއްޗަށް ފެނުނު ކަމަށާއި އެ ހާދިސާގައި ބުރައިގެން އައި ކަންޏަކުން ދޯނީގެ ފަޅުވެރިއެއްގެ ފައިގައި ޖެހުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ގާތްގަނޑަކަށް 96 ފޫޓުގެ އެ ދޯނީގެ ހުރިހާ ފަޅުވެރިންތައް އެހާދިސާ ހިނގި ވަގުތު ތިބީ ދޯނީގެ ވީލް ހައުސްއިން ބޭރުގައި ސިޓިން ރޫމްގެ ތެރޭގަ އެވެ.
"ހޮނު އެޅީ ހަމަ ސީދާ ދޯނީގައި ހަރުކޮށްފައި ހުންނަ ސެޓް އެންޓަނާއަށް، ދޯނީގެ ވީލް ހައުސް އަށާއި، މަތީ ސަންޑެގު ބަޔަކަށާއި، ވަށައިގެން ހުރި ޕްލާސްޓިކް ދޮރުތަކަށާއި، ވައިރިންނަށާއި އިލެކްޓްރޯނިކް ހުރިހާ ސާމާނަކަށް ގެއްލުންވި، ރޮލެއް ނުވޭ، މުޅި ތަނުން އަލިފާން ކަނި ބުރަބުރާ ހުރީ،" އިމާދު ބުންޏެވެ.
މި ހާދިސާގައި ދޯނީގެ ބަނޑު ފިލާއިން އަށް އިންޗި އަށް އިންޗީގެ ތަންގަނޑެއް "ފިސް ފައިންޑާ" ހަރުކޮށްފައި ހުރި ދިމާލުން ފަޅައިގެން ގޮސް، ދޯނީގެ ތެރެއަށް ލޮނުވަދެފައިވާ ކަމަށްވެ އެވެ. ނަމަވެސް އެދޯންޏަކީ ފައިބަރުން ހަދާފައި ހުރި ދޯންޏަކަށްވުމުން ދޯނީ އަޑިއަށް ނުދާ ކަމަށްވެސް ބުންޏެވެ.
ކެޔޮޅު ބުނީ ދޯނީގެ އިންޖީނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އިންޖީނު ސްޓާޓްކޮށްގެން މިހާރު އެދޯނި ލ. މާވަށު ފަޅުތެރެއަށް ވައްދާފައިވާ ކަމަށެވެ.
މާވަށު ކައުންސިލްގެ ނައިބް ރައީސް ހުސެއިން ނިޒާމް ވެސް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ދޯންޏެއް އެރަށުގެ ފަޅުތެރޭގައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ގިނަ ބަޔަކު އެ ދޯންޏަށް ލިބިފައިވާ ގެއްލުންތައް ބަލާލުމަށްޓަކައި ދޯންޏަށް އަރާފައިބަމުން އަންނަ ކަމަށެވެ.