19 Dec 2023, 06:40
ދުވަސްތައް ފާއިތުވަމުންދިޔައީ ހީވެސް ނުކުރާހައި އަވަހަށެވެ. އަހަރެންގެ ދަރިފުޅަށް ހަތަރު އަހަރުވީއެވެ. އަހަންނާއި ދޭތެރޭ މަންމަ ދެކޭގޮތް ބަދަލެއް ނުވިއެވެ. އެހެނަސް އެދުރުކަމަށް އަހަރެން ހޭނިއްޖެއެވެ. އެއްޗެއް ބުންޏަސް ބޮޑުކަމަކަށް ނުހަދަމެވެ. ބޭކާރު މީހުން ތިބެންޖެހޭނީ އެމީހުންގެ މަގާމުގައި ކަން އަހަންނަށް ގަބޫލުކުރެވުނީއެވެ.
********
އަނެއްކާވެސް އަހަރެންގެ ދިރިއުޅުމަށް ޒަލްޒަލާއެއް ކުރިމަތިވަނީއެވެ. މިފަހަރު އަހަރެންގެ ދިރިއުޅުމުގެ ބިންގާ އެޅުމަށް އަތުކުރި އޮޅައިލީ މަންމަ އާއި ބައްޕައެވެ. އަހަރެން ކައިވެންޏެއް ނުކޮށް ހުންނާތީ މަންމަމެން ކަންބޮޑުވީއެވެ. އަހަރެން ދެކޮޅެއް ނުހަދަމެވެ. މަންމަމެން ދައްކާ ކޮންމެ މީހަކާއި ކައިވެނި ކުރާނަން ކަމަށް ބުނެ އެއްބަސްވީމެވެ. އަމިއްލައަށް ނިންމި އެއްވެސް ނިންމުމެއް ކާމިޔާބުވެފައި ނުވާތީ އާއި ދިރިއުޅުމުގެ އުއްމީދު ގެއްލިފައިވާތީ އަހަރެން ހުރީ ކޮންމެ ގޮތެއް ވާން ވަރިހަމަކަމަށް ހަޔާތުގެ ލަގަން މަންމަމެންގެ އަތްމައްޗަށް ދޫކޮށްލައިގެންނެވެ.
އަހަރެން ހުރީ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިޔަށް ނަޒަރު ހުއްޓާލާ ކޮންމެ ފަހަރަކު ހިތް އޮބިނޯންނަވަރަށް ތެޅިގަނެއެވެ. އޭސީގެ ފިނިކަމުން ހަށިގަނޑަށް ލިބުނު އެއްވެސް ފިނިކަމެއް ނެތެވެ. މުޅި މީހާ ދާހިއްލަން ފެށުމުން ގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނީމެވެ. އެވަގުތު ދަރިފުޅު އައިސް އަތުގައި ހިފާލިއެވެ. އަދި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
ސިޓިންގްރޫމަށް ނުކުތްއިރު އެތައް ބަޔަކު ގޭތެރޭގައި އުޅެއެވެ. އަހަރެން ފެނުމުން މަންމަ އައިސް އަހަރެންގެ ލަސްކަމުގެ ވާހަކަ އާއި ކަންކަމާއި ފަރުވާކުޑަ ވާހަކަ ދައްކަން ފެށިއެވެ. އަހަރެން އަނގަޔަކުން ނުބުނަމެވެ. ދަރިފުޅުގެ ކޮލުގައި ހިފައިލުމަށްފަހު އަހަރެންގެ ޖާގައިގައި އިށީނީމެވެ. ކައިރީގައި އިނީ ވާންއުޅޭ ފިރިމީހާ ނުޖައިދެވެ. ދެފަރާތުގައި އާއިލާގެ އެތައް ބަޔަކު މޭޒު ވަށާލާފައި ތިއްބެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަހަރެން ފިޔަވައެވެ. ކަރުނުން ދެލޯ ފުރެމުން ދިޔައިރު ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ވަނީ ފުސްވެފައެވެ.
ނުޖައިދަކީ ރަށު މީހެކެވެ. ކައިވެންޏެއް ކުރަނީ މުޅީން އަލަށެވެ. އަހަންނަށްވުރެ ނުޖެއިދު ދޮށީ ހަތަރު އަހަރެވެ. އެ ކައިވެނި މަންމަމެން ހަމަޖެއްސީ ދެފަރާތުގެ އާއިލާ އާއި ވާހަކަ ދައްކައިގެންނެވެ. އަހަރެން ކަހަލަ މީހަކާއި ނުޖެއިދު އިންނަން އެއްބަސްވުމުން ހައިރާންވެސް ވިއެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ.
ކައިވެންޏަށްފަހު އަހަރެން ބަދަލުވީ ނުޖައިދުގެ ގެއަށެވެ. ރީތި ބޮޑު ގެއެކެވެ. އަހަރެމެން އުޅެން ހަމަޖެހުނީ ތަނަވަސް ކޮޓަރިއެއްގައެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އަހަރެން ގޮސް އެނދުގައި އޮށޯވެލީމެވެ. ދަރިފުޅުގެ ހައްގުގައި އެކައިވެނި ރޫޅިގެން ނުދާނެ ކޮންމެކަމެއް ކުރަން އަހަރެން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. އަހަރެންގެ ފުށުން ގޯސް އެއްވެސް ކަމެއް ނުދައްކާނަމެވެ. އައު ބާބަކުން ހަޔާތް ފަށާނީ އައު ހިތްވަރަކާއި އެކީގައެވެ.
ކައިވެނީގެ ފުރަތަމަ ރޭ އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. އެހެންނަމަވެސް ނުޖެއިދުގެ އިންތިޒާރުގައި އަހަރެން އެތައް އިރަކު ހުރީމެވެ. އެންމެފަހުން އިންތިޒާރުގައި ވަގުތުތައް ގުނަގުނައި އޮއްވައި އަހަންނަށް ނިދުނީއެވެ. ހޭލެވުނީ އަރައިގެން އައި އިރުގެ ދޯދިތަކުން ގައި ފިއްސަން ފެށިހެން ހީވުމުންނެވެ. ހޭލެވުމާއިއެކު އަހަރެން ފުންމައިގެން ތެދުވީމެވެ. ނުޖެއިދެއް ނެތެވެ. ނުޖެއިދު ކޮޓަރިއަށް އައިކަމުގެ އެއްވެސް ނިޝާނެއްވެސް ނުފެނުނެވެ.
ހަފްތާއެއް ވީއިރުވެސް ނުޖައިދުގެ ފުށުން އަހަރެންމީ ނުޖައިދުގެ އަނބިމީހާ އޭ ހީވާކަހަލަ އެއްވެސް އަމަލެއް އަދި އިޝާރާތެއްވެސް ނުފެނުނެވެ. އުޅެނީވެސް އަހަންނާއި ދުރުދުރުންނެވެ. ދެމީހުންނެކޭ ދެބީރައްޓެހިންނެކޭ އެއްވެސް ތަފާތެއް ނެތެވެ. އަހަރެން އެކަނި ހުއްޓައި ފެނިއްޖެނަމަ ނުޖައިދު ބަލަނީ އަވަހަށް އެތަނަކުން ދެވޭތޯއެވެ. އެކަމާއި ވިސްނަންޖެހުމުން އަހަރެން މުޅީން މާޔޫސްވިއެވެ. އެކަނިވެރިވިއެވެ.
ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ދެމީހުންވެސް ދުރުވަމުން ދިޔައެވެ. އަހަންނަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. ދިރިއުޅުމުގައި އަހަރެން އެތައް ފަހަރަކު "ފެއިލް" ވެއްޖެއެވެ. ދެން އެފަދަ ގޮތެއް ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކައިވެނީގެ ގުޅުން ދެމެހެއްޓުމަށް ކޮންމެ ކަމެއް ކުރަންވެސް އަހަރެން ތައްޔާރުވީމެވެ. އަހަރެން ހުރީ ފުރުސަތަކަށް ބަލަބަލައެވެ. ނުޖެއިދު ގެއަށް އަންނަނީ އަހަރެން ނިދާހާއިރު ކޮށްފައިކަމުން އަހަރެން ނުނިދާ ހޭލާ ހުރީމެވެ.
ދަންވަރުގެ ވަގުތެވެ. ނުޖެއިދު އައިސް ދޮރު ހުޅުވާލުމާއިއެކު އަހަރެން ލޯ ހުޅުވައިލީމެވެ. އަހަރެންނާއި ދިމާއަށް ބަލައިލުމެއްވެސް ނެތި، ނުޖައިދު ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ލައިގެން ހުރި ގަމީސް ބާލައި، ކޮނޑުގައި އަޅުވައިލިތަން ފެނިފައި އަހަރެން ގޮސް ނުޖައިދުގެ ފަހަތުގައި ހުއްޓުނީމެވެ. އެހަށިގަނޑުގައި ބައްދައިލީ ނުޖައިދު އެކަމަށް ނުވިސްނައި ހުއްޓައެވެ.
ނުޖެއިދު ދިޔައީ ސިއްސައިގެންނެވެ. ހަޑި އެއްޗެއް ޖެހުމުން ފޮޅައިލާހެން އަހަރެން ފޮޅުވައިލިއެވެ. ނުޖައިދު އެފަދަ ގޮތެއް ހަދާފާނެކަމަށް އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަމެވެ. ވިއްސައިގެން ގޮސް އަހަރެން ޖެހުނީ މުށިތަކުގެ މަތީގައެވެ. އަނގައިން ނުކުތީ މަޑު އާހެއްގެ އަޑެވެ. ވެއްޓި އުޅަނބޮށި ވިދުނު ގޮތަކުން ހުޅު ނައްޓައިގެން ދިޔަހެން ހީވިއެވެ. އަތުގެ ހުޅުގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރު އަހަރެންގެ ދެލޯ ކަރުނުން ފުރެމުންދިޔައެވެ. އިސްއުފުލައި ނުޖައިދަށް ބަލައިލިއިރު، ފާހާނާއަށް ވަދެ، ދޮރު ލައްޕައިލަނީއެވެ.
އަހަރެން އެގޮތުގައި އިނދެ އެތައް އިރަކު ރުއީމެވެ. ނުޖައިދުވެސް އަހަރެން ބޭނުން ނުވަނީ ހެއްޔެވެ؟ ވީއިރު އަހަރެންނާއި ކައިވެނި ކުރީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ގިސްލުމުގެ އަޑު ގަދަވިއެވެ. ނުރޯން އުޅުނަސް ރޮވުނީއެވެ. ނުޖެއިދު ފާހާނާއިން ނުކުތީ އަހަރެން އެހެން އިންދައެވެ. ނުޖެއިދު ފެނުމުން އަހަންނަށް ބަލައިލެވުނީ ޝަކުވާއިން ފުރިފައިވާ ނަޒަރަކުންނެވެ. އަހަރެންނަށް މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ގައިގައި އުނި ސިފައެއް ހުރީ ހެއްޔެވެ؟ ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ވިޔަސް ނުޖައިދާއި ވާހަކަ ދައްކާނޭ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ.
މާގިނަ ދުވަހެއްނުވެ، އަހަރެންގެ ސުވާލުތަކުގެ ޖަވާބު ލިބުނެވެ. ނުޖައިދަކީ ކޮންކަހަލަ މީހެއްކަން އެނގުމުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ރަށު ތެރޭގައި ނުޖެއިދޭ ކިޔައިގެން މީހުން ފާޑުފާޑުގެ ވާހަކަ ދައްކާ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެން ހަގީގަތް އޮޅުން ފިލުވީ ނުޖައިދުގެ ކައިރިންނެވެ. އަހަންނާއި އެއްވެސް ގުޅުމެއް ބާއްވަން ނުޖެއިދު ބޭނުން ނުވަނީ ނުޖައިދަކީ އަންހެން ކުދިންނާއި ގަޔާވާ މީހަކަށް ނުވާތީއެވެ. ހުރިހާ ދިމާއަކުން ފެނިފައިވާ ކަންކަން ގުޅުވައިލުމުން އަހަރެންގެ ކުރިމަތީގައި ބޮޑުމަންޒަރު ސިފަވެގެން ދިޔައެވެ. އެތައް ދުވަހަކު ނުޖައިދު އެކި ފިރެހެނުން ގޮވައިގެން މަޖާކޮށް ސަރަކާތްޖަހާ މަންޒަރު އަހަންނަށް ވަނީ ފެނިފައެވެ. އެފަދަ ކަމަކަށް ކުރިން ސައްކުވެފައި ނުވާތީ، ނުޖައިދަކީ ކޮންކަހަލަ މީހެއްކަން އަހަންނަށް ނޭނގުނީއެވެ. ނުޖައިދުގެ އާއިލާއިން އަހަރެން ކަހަލަ މީހަކާއި ނުޖެއިދު ކައިވެނި ކުރުވުމުގެ ސިއްރަކީ އެޔެވެ. ބޭނުމަކަށްވީ އާއިލާ ބަދުނާމުން ސަލާމަތްކުރުމެވެ. އެކަން އެނގުމުން އެންމެ ވަގުތުކޮޅަކަށްވެސް ނުޖެއިދާއި އެކުގައި އުޅޭކަށް އަހަރެން ބޭނުމެއް ނުވިއެވެ.
ނުޖައިދުގެ ކައިރިން ވަރިވީ އަހަންނެވެ. އެފަދަ މީހަކާއިއެކު ދިރިއުޅުމެއް ވޭތުކުރާނެހައި ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ހަރާބުވެގެންދާނީ ހަމަ އަހަރެންގެ ދިރިއުޅުމެއް ނޫން ހެއްޔެވެ؟ އަހަރެން އެނބުރި އަމިއްލަ އާއިލާގެ ކައިރިއަށް އައިއިރު، ދިރިއުޅުމުގެ އުއްމީދު ގެއްލިއްޖެއެވެ. ހަޔާތުގައި އަހަރެން ނެގި ކޮންމެ ފިޔަވަޅެއް އަހަރެންގެ ބަދުނަސީބުކަން ދައްކަމުން ދިޔައެވެ. މަރުވާނެނަމައޭ އަހަރެންގެ ހިތަށް އެރި އަދަދެއް ނޭނގެއެވެ. އެހެނަސް ދަރިފުޅަށްޓަކައި އަހަރެންނަށް ކެތްކުރަން މަޖުބޫރެވެ. އަހަރެން ނެތް ދުނިޔެއެއްގައި އެދަރިފުޅުގެ ހުންނާނީ ވަކި ކާކު ހެއްޔެވެ؟
ވިސްނާ ވިސްނައި އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށް ނުލެވެއެވެ. އަބަދުމެ ބޮލުގައި ރިއްސަނީއެވެ. ކޮޅަށް ހުރުމަށް ދަތިވަނީއެވެ. ތަންމަތީގައި އޮތުން އާއްމުކަމަކަށް ވެއްޖެއެވެ. ބޭނުންވަނީ އެކަނިވާށެވެ. އެންމެންނާއި ދުރަށް ގޮސް ފަހުނޭވާ ދޫކުރާށެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅޭނެހައި ހިތްވަރެއް އަހަރެންގެ ގަޔަކު ނުހުރެއެވެ. "ކައިވެނި" އެލަފުޒު ދެކެވެސް އަހަރެން މިއަދު ޖެހިލުންވެއެވެ. އެއަޑު އިވުނަސް އަހަރެން ހޮޑުލަވައިގަނެއެވެ.
އާދައިގެ މަތިން އަހަރެން ވަޒީފާއަށް ދިޔަ ދުވަހެކެވެ. ކުރަންހުރި މަސައްކަތްތައް ނިންމާލާފައި އަހަރެން ގޮސް އޮށޯވެލީ ސިއްޚީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ޖޯއްޔެއްގައެވެ. ކައިރީގައި ހުރީ ބޮޑު ހިތި ގަހެކެވެ. ގަހުގެ ހިޔާ ލިބިފައި އޮތްނަމަވެސް ކޮންމެވެސް ވަރަކަށް ކޮކާ އަވި، އަހަރެންގެ މޫނަށް އެޅިފައި ހުއްޓެވެ. ދެލޯ މަރާލައިގެން އަހަރެން އޮތްއިރު، ހިތަށް ސިފަވަމުންދިޔައީ އުސް ފަރުބަދައެކެވެ. އަހަރެން ހުރީ ފަރުބަދައިގެ އެންމެ މަތީގައެވެ. އެހެން ހުރެ، ތިރިއަށް ބަލައިލެވުނެވެ. އެވަގުތު ފާޑަކަށް ސިހިފައި ފުންމައިގެން ތެދުވެވުނެވެ.
މިއީ އަހަރެންގެ ވާހަކައެވެ. އެތައް ދުވަހަކު ހިތުގައި ފޮރުވައި ރައްކާކޮށްފައިވާ ހަގީގަތެވެ. އަހަރެންގެ ތަގުދީރުގައި މިނޫން ގޮތެއް ނެތެވެ. ނަސީބުގައި އުފަލެއް މިންވަރު ކުރެއްވުން ނުވަނީއެވެ. ފުރާނަހުރެ، ހަށިގަނޑުގެ ދިރުން މިވަނީ ގެއްލިފައެވެ. ދިރިމިހުރީ ހަމައެކަނި ދަރިފުޅަށްޓަކައެވެ. މާޒީ ހަނދާން ނައްތާލާފައި ކުރިޔަށް މިދަނީ އެދަރިފުޅުގެ ހައްގުގައެވެ. މިއީ މިގަލަމުން ބަޔާންކުރާ މިހިތުގެ ޝަކުވާއެވެ. ދުވަހަކުވެސް މިފަދަ ދުވަހެއް އެހެން މީހަކަށް ނުދެއްކެވުން އެދި ދުޢާ ކުރަމެވެ. ހިތުގެ އެންމެ ފުންމިނުން އަބަދުވެސް އެންމެންނަށް ހެޔޮދުޢާ ކުރާ ހާލު އަހަރެންގެ ހަޔާތުގެ ހިތްދަތި ސަފުހާތައް ލައްޕައިލަމެވެ.
********
އަތުގައި އޮތް ފޯނު ރިންގްވާން ފެށުމުން އަހަރެން ބަލައިލީމެވެ. ގުޅީ ކުޑައިރުގެ ރަހުމަތްތެރިއެކެވެ. ރާއްޖެއިން ބޭރުގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހު ރަށަށް އައީއެވެ. އެންމެ ފުރަތަމަ ކަމަކަށް ހޯދީ އަހަރެންގެ ނަންބަރު ކަމުގައި ބުންޏެވެ. ރިފާޢު ފެނުމުން އަހަރެންނަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ކުޑައިރު އެހާ ގާތްކޮށް އުޅެފައި ދެމީހުން ކުއްލިއަކަށް ވަކިވާންޖެހުނީ ރިފާޢު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުންނެވެ.
ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އަހަރެންނާއި ރިފާޢު އާއި ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެގެން ދިޔައެވެ. އަހަރެންގެ ދަރިފުޅަށް ރިފާޢު އެބަހައްޓާ ހާއްސަގޮތް ފެނި އަހަރެންގެ ހިތުގައި ރިފާޢުއަށް ހާއްސަ ގަދަރެއް ދެވުނެވެ. ދެއާއިލާގެވެސް ރުހުމާއިއެކު އަހަރެމެންގެ ކައިވެނި ކުރެވުނެވެ. ލޯބީގެ އަހުދުތަކެއް ނުވަމުއެވެ. އަހަރެންގެ ހާލާއިމެދު ރިފާޢު ހަމްދަރުދީވީއެވެ. އެކުވެރިއަކަށްވީތީ އެހާލުގައި އުޅޭތަން ބަލަން ކެތްނުވާނެ ކަމުގައި ބުންޏެވެ. ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ދެމީހުންވެސް އުޅުނީ ދުރުދުރުންނެވެ. އެކަކު އަނެކަކާއި ކައިރިވާކަށް ނުކެރެއެވެ. ގާތް ރަހުމަތްތެރިންނަށްވީތީ، އެފަދަ ގުޅުމެއް ކުއްލިއަކަށް ފަށަން ވުމުން ހާސްވީއެވެ.
ކައިވެންޏަށްފަހު އަހަރެންނާއި ދަރިފުޅު ގޮވައިގެން ރިފާޢު ބަދަލުވީ ރާއްޖެއިން ބޭރަށެވެ. ކިޔެވުމުގެ ބާކީބައި ފުރިހަމަކުރުމުގެ މަގުސަދުގައެވެ. ދެން އަހަރެންގެ ހަޔާތުގައި ހޭދަވެގެން ދިޔައީ ދުވަހަކުވެސް ނިމުމެއް އަންނަން ބޭނުންނުވާފަދަ އުފާވެރި ދުވަސްކޮޅެކެވެ. ލޯތްބަކީ ކޮބައިކަން އަހަންނަށް ދަސްވީ ރިފާޢުގެ ފަރާތުންނެވެ. ހަޔާތުގައި ދިމާވެފައިވާ ހިތާމަތަކުން އަރައިގަނެވި، އުފަލުން ހިތް ފުރި، ބަންޑުންވިއެވެ. އަހަރެންގެ ހަޔާތަށް ބަހާރު މޫސުން އައީއެވެ. ރިފާޢުގެ ލޯބީގެ އެތައް ހަދިޔާތަކެއް އަހަރެންނަށް ލިބެމުންދިޔައެވެ. ދުވަހަކުވެސް އަގުނުކުރެވޭނޭފަދަ ލޯބިވެތި ވަގުތުތައް ދެމީހުން އެކުގައި ހޭދަކުރީމެވެ. އެކަކު އަނެކަކާއިއެކު ހޭދަކުރާ ވަގުތަކީ ހާދަބޮޑު ހަދިޔާއެކެވެ. ފައިސާގެ އަގުބޮޑު ހަދިޔާތަކަށްވުރެ އެކީ ހޭދަކޮށްލެވޭ ވަގުތުތަކުގެ އަގު މާ ބޮޑެވެ.
އަހަރެމެންގެ ކައިވެންޏަށް އަހަރުވަނީއެވެ. އެމުނާސަބަތާއި ގުޅުވައިގެން އަހަރެން މިހުރީ ލޯބިވާ ފިރިމީހާއަށް ހަދިޔާއެއް ދިނުމަށް ނިންމައިގެންނެވެ. އިންތިޒާރުގެ ވަގުތުތައް ގުނަގުނައި އިންދައި ރިފާއު އައިސް ގެއަށް ވަނެވެ. ކައިރީގައި ހުރީ އަހަރެންގެ ހަތް އަހަރުގެ ދަރިފުޅެވެ. އެދަރިފުޅުގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ތާއަބަދު ނުފިލައި ހުންނަ ހިނިތުންވުން ރިފާޢުގެ ތުންފަތް މަތީގައިވެސް ވިއެވެ. ރިފާޢު ފުރަތަމަވެސް އައީ އަހަރެންގެ ކައިރިއަށެވެ. ލޯބިން ބައްދައިލިއެވެ. ލައިގެން ހުރި ކޯޓުގެ ތެރެއިން ނެގި ރަތް ފިނިފެންމާ އަހަރެންގެ އަތަށް ލައިދެމުން އުފާވެރި ޙަޔާތަކަށް އެދޭ ކަމުގައި ބުންޏެވެ.
އަހަރެން ހިނިތުންވެލީމެވެ. ރަތްކުލައިގެ ކަރުދާހަކުން ބަންދުކޮށްފައި އޮތް ކުޑަ ޕާރުސަލް ނަގައި ދިއްކޮށްލީ ރިފާޢުގެ މޭގައި ބޯއަޅާލަމުންނެވެ. އެތެރޭގައި އޮތް އެއްޗެއް ފެނުމާއިއެކު ރިފާޢުގެ ލުއި ހިނިތުންވުމުގެ އަޑު މަޑު މިޔުޒިކެއް ފަދައިންގެ އަހަރެންގެ ކަންފަތާއި ހަމައަށް ފޯރިއެވެ. ދެން އިޚްސާސްކުރެވުނީ ރިފާޢުގެ އަތުގެ ބީހުންތަކެވެ. އަހަރެން އުރާލުމަށްފަހު ވައިގެ ތެރޭގައި އަނބުރާލިއެވެ. ނިތްކުރީގައި ބޮސްދިނެވެ. އެއަށްފަހު، ތިރީގައި ބަހައްޓާލިއެވެ. ރިފާޢުއަށް އުޅެފައި ނޫޅެވޭގޮތްވެސް ނޭނގެއެވެ. ގުދުވެ، އަހަރެންގެ ބަނޑުގައި ތުންފަތް ޖައްސައިލިއެވެ.
އާނއެކެވެ. އަހަރެން މިއިނީ ބަލިވެއެވެ. އަހަރެމެންގެ ލޯބީގެ ނިޝާން މިދުނިޔެއަށް އުފަންކުރާ ހިތުން ކެތްތެރިކަން ކޮޅުން ލަނީއެވެ. ބާކީ އޮތީ ހަތް މަސްދުވަހެވެ. މިއަދު އަހަރެން ޖެހިލުމެއް ނުވަމެވެ. މިހިތުގައިވާ ހުރިހާ ޝަކުވާއެއް ބޭރުކޮށްލެވިއްޖެއެވެ. އެޝަކުވާތައް ފޫހިކަމެއްނެތި އަޑުއަހާނޭ ބައިވެރިއަކު ލިބިއްޖެއެވެ. އަހަރެން މިހުރީ އުފަލުންނެވެ. މުޅި ހަޔާތުގައިވެސް ނުލިބުނު ލޯތްބާއި އަޅާލުން މިއަދު އަހަރެންނަށް މިދަނީ ލިބެމުންނެވެ. ހަގީގީ ލޯތްބަކީ މިއެވެ. މިހާރު އަހަރެން އިންތިޒާރުގެ ވަގުތުތައް ގުނަމުން މިދަނީ އަހަރެމެންގެ ލޯބީގެ ނިޝާން މިދުނިޔެއަށް އުފަންވާނެ ވަގުތަކަށެވެ.
(ނިމުނީ)
ނޯޓް: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.