12 Dec 2023, 08:43
﷽
މައިންބަފައިންގެ ލޯތްބަކީ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫނެވެ. އަހަރެންމީ އެފަދަ ބަދުނަސީބުވެރިއެކެވެ. މައިންބަފައިންނާއި އާއިލާގެ މީހުން ތިބެމެ، އެމީހުންގެ ލޯބިން އަހަރެން މިވަނީ މަހުރޫމްވެފައެވެ. ވިސްނާ ވިސްނާވެސް އެހެން އެކަން ވާންޖެހޭނެ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. ކުށެއް ނުކުރަމެވެ. އަހަންނަށް ވީވަރަކުން އެންމެންނަށް އެހީތެރިވެދީ ހަދަމެވެ. ނަމަވެސް ބަދަލުގައި ލިބެނީ މަލާމާތާއި ފުރައްސާރައެވެ. ކޮށްލަނީ ބާކީއެވެ.
ހިތަށް އަރައެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެއްވެސް މީހެއްގެ ލޯތްބާއި އަޅާލުން އަހަރެންނަށް ނުލިބެނީ ކީއްވެ ހެއްޔެވެ؟ މިސުވާލު އަމިއްލަ ހިތާއި ކޮށްކޮށް އަހަރެން މިވަނީ ވަރުބަލިވެފައެވެ. ކެތްތެރިކަން އިސްކުރަން އުޅުނަސް އެކަން ކުރަން އުނދަގޫ ވެއްޖެއެވެ.
ވަރުބަލިވެފައިވާ ހާލު، މާކަނޑުގެ މެދުގައި އަހަރެން ދިޔައީ ފަލިޖަހަމުންނެވެ. ލޯތްބަށް އެދި ސަލާންޖަހާ ހާލު، ނާށިގަނޑު ހިފައިގެންނެވެ. އެކަނި ހާލުގައި ދެވޭ ނުދެވޭއެއް ނޭނގި އަހަރެންގެ ދިރިއުޅުން ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓެމުން ދިޔައެވެ. އެކަނިވެރިކަން މުޅި މީހާ ވަށާލާފައި ވަނިކޮށް، އަމާންކަމުގެ އައްސޭރިއަކަށް އާދެވުނީ ނަސީމްގެ އެހީތެރިކަމާއި އެކުގައެވެ. ނަސީމްގެ ލޯބިން އަހަރެންގެ އުނގު ފުރާލަދިނެވެ. ލޯބީގެ ވައުދާއި އަޙުދުތަކުން ހިނިތުންވާން ދަސްވިއެވެ.
ނަސީމް އަކީ ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހެކެވެ. އިސްވެ، އަހަންނަށް ލޯބި ހުށަހެޅީވެސް ނަސީމްއެވެ. އަހަރެން ހުރީ އިންސާނެއްގެ ލޯތްބަށް ފެން ބޮވައިގަނެފައެވެ. ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައެވެ. އަހަރެން ބޭނުންވީ މިނިވަން މާހައުލެއްގައި އުދުއްސައި ގަންނާށެވެ. މާމެލާމެލީގެ ބަގީޗާތަކުގައި ނިދާލާށެވެ. އަމިއްލަ އާއިލާގެ ކައިރީގައި އަހަރެންނަށް އުޅެންޖެހުނީ ބީރައްޓެއްސެއް ފަދައިންނެވެ. އާއިލާ އާއި ދުރުވާން އަހަރެންނަށް މަޖުބޫރު ކުރުވީ އެސަބަބެވެ.
އަމިއްލަ އާއިލާގެ ފަރާތުން ނުލިބުނު ލޯތްބާއި އަޅާލުން އަހަންނަށް ދިނީ ނަސީމްއެވެ. ދުރުގައި ހުއްޓަސް، އަހަރެންނަށް އެކަން އިހުސާސްނުވާ ވަރަށް ލޯބިދެއެވެ. ވަޒީފާގެ ވަގުތުތައް ފިޔަވައި އެހެން ހުރިހާ ވަގުތަކީ ނަސީމް އަހަންނަށް ހުސްކުރާ ވަގުތެވެ. ލޯބީގެ ބަސްތަކުން ހިތް ފޮޅުވައިދެއެވެ. މަޖާ ވާހަކަތައް ކިޔައިދީ ހެއްވާލައެވެ. ދުވަސްކޮޅެއްވީއިރު، އަހަންނަށް ނަސީމް އާއި ނުލައި ނޫޅެވޭނޭ ވަރަށް ލޯބީގެ އަވައިގައި ޖެހުނެވެ. ކައިރީގައިވާން ބޭނުންވިއެވެ. އެލޯބި ތާއަބަދަށް ލިބުން އެދެވެން ފެށުނެވެ. ހައްލަކަށް އަހަންނަށް ފެނުނީ ކައިވެނީގެ މަތިވެރި ގުޅުމެވެ.
އަހަރެން ހުރީ ކައިވެނި ކުރެވޭނޭ އުމުރު ހަމަ ނުވެގެންނެވެ. ކައިވެންޏަށްފަހު، ރަށުން ދާން އަހަރެން ހުރީ ނިންމައިގެންނެވެ. އެތަނެއްގައި އަމިއްލަ އެއްވެސް އުފާވެރިކަމެއް ނުވާތާކު، ހުންނަން ބޭނުންވާނީ ކާކު ހެއްޔެވެ؟ ކައިވެންޏަށްފަހު ނަސީމް އާއިއެކު އެރަށަށް ބަދަލުވުން އެއީ ނަސީމްވެސް ބޭނުންވި ގޮތެވެ. އުމުރުން އަށާރަ އަހަރު ފުރުނުތަނައި އަހަންނާއި ނަސީމްގެ ކައިވެނި ކުރެވުނެވެ. ލޯބީގެ އެތައް އަހުދުތަކާއި ވައުދުތަކެއް ވަމުންނެވެ. އަހަރެންގެ ހުވަފެންތަކުގައި ކުލަޖެހުނީއެވެ. ކައިވެންޏަށްފަހު ދިރިއުޅުން ބަދަލުކުރީ އަހަރެން ބޭނުންވި މަންޒިލަށެވެ. ފިރިމީހާގެ ރަށަށެވެ.
ދިރިއުޅުމުގައި އަހަރެންވެސް ފޮނި އުއްމީދުތަކެއް ކުރީމެވެ. ހާސިލުކުރަން ބޭނުންވާ ކިތަންމެ ކަމެއް ހުއްޓެވެ. ކިޔަވައިގެން މޮޅު މީހަކަށް ވުމަކީ އަހަރެން ދުށް ހުވަފެނެކެވެ. ފެހުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަންތަކެވެ. އިންސާނުންގެ ހިތެއް ދުވަހަކުވެސް ނުފުރޭނެއެވެ. އެއްކަމެއް ހާސިލުވުމަށްފަހު އަނެއްކަމެއް ހާސިލުކުރަން ބޭނުންވެއެވެ. ދިރިއުޅުން އާރާސްތުކުރަން އަހަރެންވެސް ބޭނުންވިއެވެ. އަންހެނަކަށްވިޔަސް ކަމެއް ނުކޮށް ރީއްޗަށް ގޭގައި ހުންނާކަށް އަހަރެންގެ ޟަމީރު ތަނެއް ނުދިނެވެ.
މާމުއި ހަނދުގައި ރަނިކަން ކުރަމުންދިޔަ ދުވަސްތަކަށް އިސާހިތަކު ނިމުން އައެވެ. ޗުއްޓީ ނިންމައި ނަސީމް ރިސޯޓަށް އެނބުރި ދިޔުމުން އަހަރެންނަށް އެކަނިވެރިކަން އިހުސާސްކުރެވެން ފެށުނެވެ. އެކަނިވެރިވާ ކޮންމެ ވަގުތެއްގައި މާޒީގެ ދުވަސްތައް ވަޔާއިއެކު ވިހުރެމުންދާ ފޮތެއްގެ ސަފުހާތަކެއްހެން އަހަރެންގެ ކުރިމަތީގައި ނިއުޅެމުން ދެއެވެ. މަންމަމެންނާއި ވަކިވެގެން ގޮސް، އުފަލުގައި އުޅެވޭނޭ ކަމަށް އަހަރެން އުއްމީދުކުރީމެވެ. ނަސީމްގެ ލޯބި އެހެން ހުރިހާ ކަމެއް ހަނދާން ނައްތައިލަން މަޖުބޫރު ކުރުވާނެކަމުގައި ހީކުރެވުނެވެ. އެހެނަސް ކަންތައްވީ އެހެނެއް ނޫނެވެ. ނަސީމް އާއި ނުލައި މާބޮޑަށް އެކަނިވެރިކަން އިހުސާސްކުރެވެން ފެށިއެވެ.
އަނެއްކާވެސް އަހަރެންގެ ދިރިއުޅުން އުނދަގޫ ހަރުފަތަކަށް ވެއްޓުނެވެ. ކުރީގައި ސައުވީސް ގަޑިއިރު ގުޅައިގެން އޮތަސް އެކަންކަން ބަދަލުވާން ފެށިއެވެ. ފުރަތަމަކޮޅު ހުރިހާ ކަމެއް އަމާން އޮމާންކޮށް ދިޔަނަމަވެސް އިސާހިތަކު ކަންކަން ބަދަލުވިއެވެ. ކައިވެންޏަށްފަހު ދެމީހުން ދެތަނުގައި އުޅުންވީ އަހަންނަށް ބަރުދާސްތުކުރަން އުނދަގޫވި ކަމަކަށެވެ. އަބަދު އިންތިޒާރުކުރެވެން ފެށުނީ ނަސީމްގެ އަޑު ކަންފަތުގައި ޖެހޭނޭ އިރަކަށެވެ. ކައިވެންޏަށްފަހު އެފޯނުކޯލުތައް މަދުވިއެވެ. އެކޯލުތަކަށް ނުނިދާ އިނދެ، އިންތިޒާރުކުރަން މަޖުބޫރުވެއްޖެއެވެ. "ބިޒީ" އެލަފުޒު ނަސީމްގެ ދުލުން އިވުން އާއްމުވިއެވެ. އަހަންނަށް ވިސްނުނީ ކަމެއްނެތި ގޭގައި އިންނަން ޖެހުމުން މާބޮޑަށް ފޫހިވަނީ ކަމަށެވެ. ނަސީމްގެ ކުށް ދައްކައި ކުށްވެރިކުރަން ބޭނުން ނުވާތީ އަހަރެން ވިސްނީ އެގޮތަށެވެ.
އަހަރެން މާލެދާން ގަސްތުކުރީމެވެ. ފަހާ ކޯހެއް ހަދައިގެން ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ނަސީމްގެ ކައިރިން ހުއްދަ ހޯދައިގެން އަހަރެން މާލެ ދިޔައީ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ފަހާކޯސް ނިމުމަކާއި ގާތްވެފައިވަނިކޮށް އަހަރެންގެ ދިރިއުޅުމުގައި ވަރުގަދަ ރެނދެއް ލިއެވެ. ނަސީމް އަހަރެންނަށް ހަރަދު ނުކުރާތަނުގައި ގުޅައިވެސް ނުލައެވެ. ހާލު ބަލައިލުންވެސް ނަސީމްއަށް ވަނީ ބޮޑުކަމަކަށެވެ. އަނެއްކާވެސް ހިތުގައި އުފެދުނީ އެއް ސުވާލުތަކެކެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެންމެންވެސް އަހަރެން ބާކީ ކޮށްލަނީ ކީއްވެ ހެއްޔެވެ؟
އަހަންނަކީވެސް އިންސާނެކެވެ. ދިރިއުޅުމުގެ މުހުތާދުތައް ފުއްދަން އަހަރެންވެސް ބޭނުންވެއެވެ. ޝަކުވާކުރަން ބޭނުން ނުވިޔަސް ކޮންމެ އިންސާނަކަށްވެސް ކެތް ކުރެވޭނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ ހަރަދު ނުކޮށްގެން އެޝަކުވާ ކުރެވެން ފެށުނެވެ. އަހަރެންނަކީ ނަސީމްގެ އަނބިމީހާއެވެ. ހަރަދު ނުކުރެވެންޏާ އެކީ އުޅުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ ކަންތައްތައް ގޯހުން ގޯހަށް ދިޔަނަމަވެސް އެކީގައި އުޅެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ކެތްކުރަން ދަތިވީ ފިރިމީހާގެ އާއިލާގެ ފިއްތުންތަކާއި ކުރިމަތިވާން ފެށުމުންނެވެ. ދިރިއުޅުމުގެ ފޮނި އުއްމީދުތަކާއިއެކު ކައިވެނީގެ ނަމުގައި ޖަހާލި ގޮށް މޮހިގެން ދިޔައީ އަހަރެން ހީކުރިވަރަށްވުރެ އަވަހަށެވެ. ދިރިއުޅުމުގެ ފޮނި މޭވާއެއް ނުލިބި އުޅެނިކޮށެވެ. ފެނުނީ އަވާމެންދުރެކެވެ. އަހަރެންނާއި އެކުގައި ނޫޅެވޭނެކަމަށްބުނެ ނަސީމް އަހަރެން ވަރިކުރިއެވެ. ދެކޮޅު ހަދައި އާދޭސްކުރާކަށް އަހަރެންވެސް ނުހަދަމެވެ. އަހަރެންނަކީ ނާކާމިޔާބު މީހެއްކަން އަމިއްލަ ހިތަށް ވިސްނައިދެމުން ލިބުނު މިންވަރަށް ޝުކުރު ކުރީމެވެ. ކަންތައް ވީގޮތުން ނަސީމްދެކެ ވީ ފޫއްސަށްވުރެ ބޮޑަށް އަމިއްލަ ނަފުސުދެކެ ރުޅި އާދެވުނެވެ. އަވާމެންދުރަކަށް ތަބާވެވުނީތީ ހިތާމަކުރާ ހާލުގައެވެ.
އަހަރެން އެނބުރި ރަށަށް އައީ ހުސްއަތާއެވެ. އަނެއްކާވެސް ހަމަ އެމަންޒިލަށެވެ. މަންމަގެ ވިހަ ބަސްތައް ކުރިޔަށްވުރެ އިތުރުވިހެން ހީވިއެވެ. ފެންނަ ކޮންމެ ތާކުން ކޮންމެވެސް އެއްޗެއް ބުނެ އަހަރެންގެ ހިތުގައި ޖައްސައެވެ. އެކަނިވެރިވީ ދުވަހު އަހަރެން އިތުރަށް ނިކަމެތިވިހެން ހީވިއެވެ. އަހަރެންގެ ސުންޕާ ކަމާއި ހުރެ، މީހަކާއި އިނދެގެންވެސް ނޫޅެވޭނެކަމުގައި މަންމަ ބުންޏެވެ. ސުންޕާކަމުން އަހަރެންނަށް ކުރެވުނީ ކީއް ހެއްޔެވެ؟ އެހެން ދަރިންނާއި އަހަރެން ތަފާތުކުރަނީ އަހަރެން ސުންޕާކަމުން ހެއްޔެވެ؟ އަހަރެންނާއި އެއްބަނޑު އެހެން ކުދިންދެކެ މަންމަ އެވާ ލޯބި އަހަރެން ދެކެ ނުވަނީ އަހަރެން ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ އެމީހުންގެ އަނބިންދެކެވެސް އަހަންނަށްވުރެ ބޮޑަށް މަންމަ ލޯބިވެއެވެ. ދަރިންގެ މެދުގައި ބަހާ އެއްޗެހިވެސް އަހަރެންނަށް ލިބެނީ އެހެން މީހުންނަށް ދިނުމަށްފަހު ބާކީ ވިއްޔާއެވެ. ކީއްވެ ހެއްޔެވެ؟ ހަމަ އަހަރެންގެ ސުންޕާ ކަމުން ހެއްޔެވެ؟ ހިތްފަޅައިގެން ގޮސް މަރުވާނެނަމަ އަހަރެން މަރުވާނެތާ ކިތަންމެ ދުވަހެކެވެ.
އަހަރެންގެ ހަޔާތުގެ ދިރުން ގެއްލިއްޖެއެވެ. އުއްމީދުގެ ކަނިކޮޅު ނިވެމުން ދަނީއެވެ. ރޭގަނޑުގެ ނިދި ގެއްލިއްޖެއެވެ. ދެލޮލުން ކަރުނަ ނުހިކެއެވެ. ދުނިޔޭގައި ހުރުމުގެ އުއްމީދު މުޅިހެން ގެއްލިފައި ވަނިކޮށް ޖީހާން އާއި ދިމާވީ ދަތުރުވަރެއްގައި ރަށަށް އައިސް އުޅެނިކޮށެވެ. ޖީހާން ހުރީ އަހަރެންގެ ގޭގައެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ޖީހާން ހަދިޔާކޮށްލަނީ ރީތި ހިނިތުންވުމެކެވެ. އެހިނިތުންވުން އަހަރެންގެ ހިތަށް ނޭނގޭ ފިނިކަމެއް ލިބެމުން ދިޔައެވެ. އަހަރެންނަކީ ހަމުގެ ކުލަ އަލި ފިރެހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތިކަމެއް ލިބިފައިވާ މީހެއްކަމަށް ގިނަ މީހުން ބުނެއުޅެއެވެ. ޖީހާންވެސް އެރީތިކަމުގެ ޖާދޫގައި ޖެހުނީޔޯލައެވެ. އަހަރެންނަށް އިސްވެ ލޯބި ހުށަހެޅީ ޖީހާންއެވެ. ޖީހާން އަކީ ތިން އަހަރުގެ ކުއްޖެއްގެ ބައްޕަކަން އަހަރެންނަށް އެނގުނީ ލޯތްބަށް އެދި ޖީހާން ދިއްކޮށްލި އަތުގައި ހިފައިލި ފަހުންނެވެ. ކުރީގެ އަނބިމީހާ ވަރިކޮށްފައި ހުރުމުން އަހަރެން އެކަން މާބޮޑު މައްސަލައަކަށް ނުހަދަމެވެ. ދަރިފުޅު އުޅެނީ މަންމަ އާއިއެކުގައި ކަމުން އަހަރެންގެ ދިރިއުޅުމަށް އެކަމުންވެސް އަސަރު ނުކުރާނޭކަން އެނގޭތީއެވެ.
ކައިވެންޏަށްފަހު އަހަރެން ބަދަލުވީ ޖީހާންގެ ރަށަށެވެ. ފޮނި އުއްމީދުތަކެއް ކުރީމެވެ. ނަމަވެސް އެގެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އަހަރެންގެ މޫނުމަތި މިލައިގެން ދިޔައެވެ. ޖީހާންގެ މަންމަ އަހަރެންދެކެ އައިސްފައި ހުރީ އަމަށަކު ރުޅިއެއް ނޫނެވެ. ތުން އަނބުރައިލިގޮތުންވެސް އަހަރެންގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ހިތަށް އެރިއެވެ. އެންމެން އަހަރެންދެކެ އެހާ ރުޅި އަންނަނީ ކީއްވެ ހެއްޔެވެ؟ އަހަރެން އެއިން މީހަކަށް ކުރީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެންގެ ހިތުގައި އެންމެންނަށްވެސް ވަނީ ހެޔޮ ދުޢާއެވެ. ނަފުރަތުގެ ކުޑަވެސް މިންވަރެއް ނުވެއެވެ.
އަހަރެންނަށް ކަރުނައަޅައި ރޮވުނީ ޖީހާން އަހަރެން ގެންގޮސް ވެއްދި ގުދަނެއްކަހަލަ ކުޑަ ކޮޓަރިގަނޑު ފެނިފައެވެ. ތަޅުންމަތީގައި އަޅާފައި އޮތީ ކުނަލެކެވެ. ފާހާނާއެއް ނެތެވެ. އަލަމާރިއެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް އެކޮޓަރީގައި ނުވެއެވެ. ހިނގައިގަންނަންވެސް ނޭނގިފައި އަހަންނަށް ހުރެވުނީ ކޮޓަރީގެ އެތަންމިތަނަށް ބަލާށެވެ. ތަނަވަސް ދިރިއުޅުމަކަށްފަހު ކުޑަ ގޮޅިއެއްވަރުގެ ކޮޓަރިއެއްގައި އުޅެންޖެހުމުން އަހަރެން މުޅީން މާޔޫސްވިއެވެ. އެވަރުންވެސް ޝަކުވާއެއް ނުކުރަމެވެ. މިންވަރަށް ސުކުރުވެރިވީމެވެ. އެންމެންގެ ދިރިއުޅުން އެއް ފެންވަރެއްގައި ނުހުންނާނެކަން އަހަރެން ގަބޫލުކުރަމެވެ. އަހަރެން ބޭނުންވީ ޖީހާންގެ ލޯތްބެވެ. އެލޯބީގައި ދިރިއުޅުން އާރާސްތުކުރަން މަސައްކަތް ކުރުމަކީ އަހަރެންގެ ޒިންމާއެވެ.
ޖީހާން އުޅެނީ ކައިރި ރިސޯޓެއްގައެވެ. ކަންތައް ގޯސްވީ ޖީހާން ފުރައިގެން ދިޔަ ފަހުންނެވެ. މައިދައިތަގެ ފަރާތުން ހުއްޓުމެއްނެތި ކުރިމަތިލާންޖެހުނު އަނިޔާ ވީ، ބޮޑު ބައްޔަކަށެވެ. ގޭގެ ބަދިގޭގައި ކެއްކުން އަހަރެންނަށް މަނަލެވެ. ގޭގައި ހުންނަ އެއްވެސް އެއްޗެއްގައި އަތެއް ނުލެވެއެވެ. އަހަރެންގެ އަތަކު ފައިސާއެއް ނެތެވެ. އެއްޗެއް ގަނެގެން ކެވޭނެ ގޮތެއް ނެތި ހަށިގަނޑު އަނަރޫފަވާން ފެށިއެވެ. އެހުރިހާ ކަމެއް ޖީހާން އާއި ޚިއްސާކުރާނެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. ނުކައި ހުސްބަނޑާއި ހުރެ، އަހަރެން މަގުމަތިވިއެވެ. ކާއެއްޗެއް ލިބެނީ ކައިރި އަވައްޓެރިޔަކު އެއްޗެއް ދިއްކޮށްލިއްޔާއެވެ. އެކަން ޖީހާންއަށް އެނގުމުންވެސް މާބޮޑު ކަމަކަށް ވިހެނެއް އަހަރެންނަކަށް ހިޔެއް ނުވިއެވެ.
ޖީހާންވީ އަހަރެން ހީކުރިވަރަށްވުރެ ކަންނެތް މީހަކަށެވެ. އަދާކުރާ ވަޒީފާގެ އިތުރުން ދިރިއުޅުމުގެ އެއްވެސް ކަމެއް ކުރާކަށް ޖީހާން ބޭނުމެއް ނުވެއެވެ. އުޅެންޖެހިފައިވާ ނިކަމެތި ހާލުން އަރައިގަތުމަށް އިތުރަށް މަސައްކަތްކުރަން ޖެހިފައިވިޔަސް، އެއިން އެއްވެސް ކަމަކާއި ޖީހާން ނުވިސްނާ ކަހަލައެވެ. ވިސްނާ ވިސްނައި އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަދަންވީ ގޮތެއް ނޭނގިފައި ހުއްޓައި އަހަރެން މާބޮޑަށް ބަލިވާން ފެށިއެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނީ އަހަރެން ބަނޑުބޮޑުކަމެވެ.
ބަލިވެ އިނުމުން ހުރިހާ ކަމެއް ރަނގަޅުވެދާނެކަމަށް އަހަރެން ހީކުރީމެވެ. ޖީހާންގެ ފަރާތުން ލޯތްބާއި އަޅާލުމާއި، އާއިލާގެ ލޯބި ލިބޭނޭކަމަށް އުއްމީދުކުރެވުނެވެ. ނަމަވެސް ލިބުނީ އިތުރު ނިކަމެތި ކަމެކެވެ. ދުވަސްފުރައި ވިހޭއިރު، އަހަރެން ކިރިޔާ ދުނިޔޭގައި ހުރިކަން އެކަންޏެވެ. ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ރަނގަޅު ކާއެއްޗެއް ނުކެވޭ ތަނުގައި، ހިތާމަކޮށްކޮށް އަހަރެންގެ ސޫރައަށްވެސް ވަނީ ބަދަލު އައިސްފައެވެ.
ދަރިފުޅު ލިބުނުފަހުން ޖީހާންގެ މިޒާޖަށް ބަދަލުތަކެއް އަންނަން ފެށިކަން އަހަންނަށް ފާހަގަވިއެވެ. ގިނަވަގުތު ފޯނުގައި އޮތުމާއި، އަހަރެންނާއި ދަރިފުޅުގެ ކަންކަމަށް ފަރުވާކުޑަ ކުރަންފެށިއެވެ. ފާޅުގައި އަންހެން ކުދިންނާއި ވާހަކަ ދައްކައި ހަދާކަން އަހަރެންނަށް އެނގުނެވެ. ޖީހާން އަހަރެންދެކެ ފޫހިވީއެވެ. ދެމަފިރިކަމުގެ އެއްވެސް ގުޅުމެއް އަހަރެނާއިއެކު ބާއްވަންވެސް ޖީހާން ފޫހިވާ ކަހަލައެވެ. އަހަރެން ކައިރިވެލިޔަސް ދަނީ ދުރަށެވެ. އެންމެފަހުން އެހަޔާތުން މުޅީންހެން އަހަރެން ދުރުކޮށްލިއެވެ. އެގޮތުގައިވެސް ކެތްތެރިވެވޭނޭ އެންމެ މަތީ ދަރަޖައަކަށް އަހަރެން ކެތްކުރީމެވެ. އިންސާނަކަށްވީތީ، އަހަރެންވެސް ލޯބި ބޭނުމެވެ. ކައިވެނީގެ އުފާތައްވެސް ބޭނުންވެއެވެ.
އަހަރެން ލޯބި ބޭނުންވިއެވެ. ބައިވެރިއެއްގެ ހިމާޔަތާއި އަޅާލުމަށްވުރެ އުފާވެރިކަމެއް ވަކި ކޮބައި ހެއްޔެވެ؟ ދެރަވެ، ހިތްދަތިވާ ވަގުތުތަކުގައި އަބަދުވެސް އެންމެ ގާތުގައި ވަނީ ޝައިތާނާކަން އަހަރެންނަށް އެނގެއެވެ. ހެވާއި ނުބައި އަހަރެންނަށްވެސް ވަކިވެއެވެ. އެހެންނަމަވެސް މާޔޫސްވުމުން އެކަންކަން ގަބޫލުކުރަން ޟަމީރު އެއްބަސް ނުވަނީއެވެ.
(ނުނިމޭ)