ކޯޓުގައި މާލޭ ސިޓީ ކައުންސިލް ތަމްސީލުވުމެއް ނެތި އުސްފަސްގަނޑު ރޫޅާލުމަށް ފުލުހުން އެދިފައިވާ އަމުރު ނެރެގެން ނުވާނެ ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލުން ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވުމުން މާލޭގެ މޭޔަރު މައިޒާން އަލިމަނިކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

ގާނޫނީ ވަކީލުންނާ އެކު މިއަދު 10:00 އަށް ކޯޓަށް ހާޒިރުވުމަށް ފަހު ކޯޓުން ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރު ވިދާޅުވީ މިއަދު ކޯޓަށް ހާޒިރުކުރީ ކޯޓުގައި ސިޓީ ކައުންސިލް ތަމްސީލުވުމެއް ނެތި އުސްފަސްގަނޑު ރޫޅާމުގެ އަމުރެއް ނުނެރުމަށް އެ ކައުންސިލުން ކޯޓަށް ސިޓީ ފޮނުވުމުން ކަމަށާއި ދެ ވަކީލުންނާ އެކު ކޯޓަށް ވަޑައިިގަތުމުން ބައްދަލު ކުރެއްވީ އެ ކޯޓުގެ ރަޖިސްޓްރާ އަލީ އާދަމް ކަމަށެވެ.

"މިއަދު ކޯޓަށް ހާޒިރުކުރީ ސިޓީ ކައުންސިލް ތަމްސީލުވުމެއް ނެތި އުސްފަސްގަނޑު ރޫޅާލުމުގެ އަމުރެއް ނުނެރުމަށް ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވުމުން،" އަލިބެ ވިދާޅުވި އެވެ.

ރަޖިސްޓްރާއާ ހަވާލާދީ މޭޔަރު ވިދާޅުވީ ކޯޓުން އަމުރު ނެރޭނީ ހަމަޖެހިފައިވާ އުސޫލުން، ގާނޫނާއި ގަވާއިދާ އެއްގޮތަށް އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހު ކަމަށް ރަޖިސްޓްރާ ވިދާޅުވި ކަމަށެވެ. އަދި މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން ދެކޭ ގޮތް ބެލުމަކާ ނުލައި ކޯޓުން އެފަދަ އަމުރެއް ނެރެގެން ނުވާނެ ކަމަށް ކައުންސިލުން ސިޓީއެއް ފޮނުވި ސަބަބު ރަޖިސްޓާރާ އަށް ދަންނަވާފައިވާނެ ކަމަށެވެ.

އުސްފަސްގަނޑު ރޫޅާލުމުގެ އަމުރަކަށް ފުލުހުން ވަނީ ކޯޓުގައި އެދިފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިދިޔަ އާދީއްތަ ދުވަހު ވިދާޅުވީ އެފަދަ އަމުރަކަށް ކޯޓުގައި އެދިފައި ވަނީ ހޯމް މިނިސްޓްރީ އިން އަންގާފައިވާ ގޮތަށް އުސްފަސްގަނޑު ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ފުލުހުން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ކަމަށެވެ.