28 Nov 2023, 14:18
ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ގެމަނަފުށީ ދާއިރާގެ ޕީޕީއެމް/ޕީއެންސީ، ޓިކެޓު ހޯދަން ޕްރައިމަރީގައި ވާދަކުރައްވަން އުސްތާޒު މުޙައްމަދު މަންޞޫރު އާދަމް ނިންމަވައިފިއެވެ.
މަންޞޫރަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވާސިޓީއިން މަތީ ތަޢުލީމު ހާސިލު ކޮށްގެން ހުންނެވި، ތަޢުލީމީ، އިޖުތިމާޢީ ދާއިރާގެ ގިނަ ތަޖުރިބާ ތަކެއް ވެސް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.
ފިލޯސޮފީ އިން ފިގްހު އެންޑް އުސޫލުލް ފިގްހް އިން ޕީއެޗްޑީ ހައްދަވަމުން ގެންދަވާ އުސްތާޒު މުޙައްމަދު މަންޞޫރު ވަނީ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް އާޓްސް އިން ޝަރީއާވެސް ހާސިލު ކުރައްވައިފައެވެ. މީގެ އިތުރުން ތުރުކީވިލާތާއި، މިސްރާއި، ސައުދީ އަރަބިއްޔާއިން ތަފާތު ތަމްރީނު ޕޮރުގުރާމްތައް ފުރިހަމަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އުސްތާޒް މަންސޫރު ރައީސް މުއިއްޒާ އެކު---
އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޤުރުއާން އެންޑް ސުންނާގައި، ޑީން އެއްގެ ގޮތުގައި މިހާރު މަސައްކަތްކުރާ އުސްތާޒު މަންޞޫރަކީ އިސްލާމިކު ޔުނިވާސިޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވަމުންދާ ހަރުދަނާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވާސިޓީގައި 10 ވަރަކަށް އަހަރު މަސައްކަތްކުރެއްވިއިރު އެ ޔުނިވާސިޓީގެ ސެނެޓް މެންބަރުކަމާއި ފިގުހު ޑިޕާޓުމަންޓުގެ އެޗްއޯޑީކަމާއި، ޕޯސްޓް ޤުރެޖުއޭޓް ސެޓްފިކެޓް ކޮމެޓީގެ ޗެއާގެ ގޮތުގައި ވެސް މަސައްކަތްކޮށްފައި ވެއެވެ.
އުސްތާޒު މަންޞޫރު ފާހަގަކުރެވެނީ ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ދީނަށް ލޯބިކުރާ ހަރުދަނާ ޝަޚްސެއްގެ ގޮތުގައެވެ. އަދި ދިވެހިރާއްޖޭގެ އެކި ރައްތަކުގައި މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ތަފާތު ވޯކްޝޮޕްތަކާއި ކުޅިވަރު ޙަރަކާތްތައްވެސް ހިންގާ އެކުވެރި އެންމެންގެ މިތުރެއްގެ ގޮތުގައެވެ.
އަންނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގެ ގެމަނަފުށީ ދާއިރާގެ ޕީއެންސީ، ޕީޕީއެމް ޓިކެޓުގައި ވާދަ ކުރުމަށްޓަކައި، އެ ޓިކެޓު ހޯދަން ޕާޓީގެ ތެރެއިން ވާދަ ކުރައްވާއިރު އުސްތާޒު މަންޞޫރުގެ އެދުމަކީ ގެމަނަފުށީ ދާއިރާގެ އެންމެހާ ރައްޔިތުންވެސް އޭނާއަށް ވޯޓު ދެއްވުމެވެ.
އުސްތާޛު މުޙައްމަދު މަންޞޫރުގެ ޓީމުގެ ޝިޢާރަކީ މިކަލަ ހޮވަންނާ އުސްތާޒު މަންޞޫރު إن شاء الله.އެވެ.