22 May 2012, 11:58
މަޝްހޫރު "ޑެލް" ބްރޭންޑްގެ ޕްރޮޑަކްޓްތައް ރާއްޖޭގައި ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުންގެ ތެރެއިން އެންމެ ރަނގަޅު ކުރިއެރުމެއް ހޯދާ ފަރާތްތަކަށް ޑެލް ކުންފުނިން ދޭ އެވޯޑް، "މޯސްޓް ވެލިއުބެލް ޕާޓްނާ" އެވޯޑް ރާއްޖޭގެ މެކްސްކޮމް ޓެކްނޮލޮޖީސްއަށް ދީފި އެވެ.
އެ އެވޯޑް މެކްސްކޮމްއާ ހަވާލުކުރީ، މެލޭޝިއާގެ ކުއާލަލަމްޕޫރުގައި މި މަހުގެ ނުވަ އަކުން 10 އަކަށް ބޭއްވި ދެކުނު އޭޝިއާގެ "ޑެލް ޗެނަލް ސަމިޓް" ގަ އެވެ. މެކްސް ކޮމްގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހަންމަދު ފަޒީލެވެ.
މި އެވޯޑަކީ އަހަރަކު އެއްފަހަރު ޑެލްގެ ޕާޓްނަރުންގެ ތެރެއިން ހޮވޭ ފަރާތަކަށް ދޭ އެވޯޑެކެވެ.
މެކްސްކޮމްގެ ޑައިރެކްޓާ ބިޒްނަސް ޑިވެލޮޕްމަންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ މި އެވޯޑަކީ އެ ކުންފުނީގެ ވިޔަފާރިއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެވޯޑްގެ ސަބަބުން ވިޔަފާރީގައި ހިތްވަރު އާވެގެން ހިނގައްޖެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޑެލްއިން ކަނޑައަޅާފައިވާ މިންގަޑުތަކުގައި ހިފެހެއްޓުމުގެ ޝަރަފާ ހިތްހަމަޖެހުމެއް މި ލިބުނީ. އަޅުގަނޑުމެން އަސްލު މިކުރަނީ ވަރަށް ބުރަ މަސައްކަތެއް، އަޅުގަނޑުމެންގެ މުވައްޒިފުންގެ ތަމްރީންކޮށް ހިދުމަތް އެއް ކޮލިޓީ އެއްގައި ބެހެއްޓުމުގެ ނަތީޖާ މިއީ،" ފިރުޝާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ދޭ ހިދުމަތްތައް މިހާރަށްވުރެ ތަރައްގީ ކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި ކުންފުނީގެ އަޒުމަކީ ކަސްޓަމަރުންނަށް ފައިދާ ހުރި ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
ކުޑަގޮތަކަށް 2005 ވަނަ އަހަރު ފެށި މެކްސްކޮމް އިން މިހާތަނަށް ވިއްކަމުން އައީ ޑެލްގެ އެންޓަޕްރައިސަސް އިކްޕްމެންޓްސް އެވެ. އެއީ ސާވާ އާއި އޮފީސްތަކަށް ބޭނުންވާ ހެވީ އިކުއުޕްމަންޓްތަކެވެ.
ފިރުޝާން ވިދާޅުވީ މިއަހަރު ތެރޭގައި ޑެލްގެ ޔޫސާ ރޭންޖްގެ ޕްރޮޑަކްޓްތައް ވިއްކަން ފަށާނެ ކަމަށާއި ޔޫސާ ރޭންޖްގައި ހިމެނެނީ ލެޕްޓޮޕް އަދި ޑެސްކްޓޮތައް ކަމަށެވެ. މެކްސްކޮމް ޑެލްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓަކަށްވީ 2009 ވަނަ އަހަރު އެވެ.