22 May 2012, 11:44
އަންނަ މަހު ޔޫކްރޭން އަދި ޕޮލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން ސުޕެއިންގެ ގައުމީ ސްކޮޑަށް ޗެލްސީގެ ފެނާންޑޯ ޓޮރޭޒް އާއި ހުއާން މާޓާ ނަގައިފި އެވެ.
ޓްރޭސް އަކީ ޔޫރޯ 2008 ވަނަ އަހރު ސްޕެއިން ކާމިޔާބު ކުރި އިރު ފައިނަލުގައި ޖަރުމަން ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.
ސުޕެއިންގެ ކޯޗް ވިސެންޓޭ ދެލް ބޮސްކޭ، ބުނީ، ޓޮރޭސް އާއި މާޓާއަކީ މިފަހަރުގެ ޔޫރޯގައި ސުޕެއިން ޓީމުގައި ކޮންމެ ހެން ހިމަނަން މަޖުބޫރު ދެކުޅުންތެރިން ކަމަށާއި އެ ދެ ކުޅުންތެރިންގެ ބޭނުން މިފަހަރުގެ މުބާރާތުގައި ވަރަށް މުހިންމު ވާނެ ކަމަށެވެ. އަދި މިވަގުތު ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާފައި ފައިނަލް ސޮކޮޑް މިމަހުގެ 27 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށާއި ފައިނަލް ސްކޮޑުގައި ހިމަނާނީ 23 ކުޅުންތެރިން ކަމަށް ވެސް ބޮސްކޭ ބުންޏެވެ.
ބޮސްކޭ ބުނީ، ޓީމްގެ ފަރިތަކުރުންތައް ފަށާފައިވާ އިރު، އަންނަ ހުކުރު ދުވަހު އޮސްޓްރިއާގައި އޮންނަ ފަރިތަކުރުންތަކުގައި ޓްރޭސް އާއި މާޓާ ބައިވެރިވާނެ ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި ސުޕެއިން ގްރޫޕް ސީ ފަޅިން ވާދަކުރާ އިރު، މި ގްރޫޕްގައި ދެން ހިމެނޭ ޓީމްތަކަކީ އިޓަލީ އާއި އަޔަލެންޑް އަދި ކްރޮއޭޝިއާ އެވެ.
ގްރޫޕް ސީގެ ތިން މެޗެއް 40،000 މީހުންގެ ޖާގައެއް އޮންނަ ޕޮލެންޑްގެ ގްޑަންސްކްގެ ސްޓޭޑިއަމްގައ ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޭޑިއަމްގައި ކުއާޓާ ފައިނަލްގެ މެޗެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ގްރޫޕް ސީގެ އަނެއް ތިން މެޗް ކުރިއަށް ދާނީ 40،000 މީހުންގެ ޖާގައެއް އޮންނަ ޕޮލެންޑްގެ ޕޮޒްނާންގައި ހުންނަ މުނިސިޕަލް ސްޓޭޑިއަމްގަ އެވެ.
ޔޫރޯ 2012ގައި ވާދަކުރާ 16 ޓީމް ވަނީ ހަތަރު ގްރޫޕަކަށް ބަހާލެވިފައިވާ އިރު، ކޮންމެ ގްރޫޕެއްގައި ވެސް ހަތަރު ޓީމެއް ހިމެނެ އެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ވެސް ތިން މެޗެއް ކުޅުމަށް ރޭވިފައިވާ އިރު، ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ޕޮލެންޑާއި، ގްރީސްއާއި، ރަޝިއާ އަދި ޗެކް ރިޕަބްލިކް އެވެ.
ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ނެދަރލޭންޑްސްއާއި، ޑެންމާކާއި، ޖަރުމަން އަދި ޕޯޗުގަލް އެވެ. ގްރޫޕް ސީގައި ހިމެނޭ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ސްޕޭން އާއި އިޓަލީވިލާތާއި ރިޕަބްލިކް އޮފް އަޔާލޭންޑް އަދި ކްރޮއޭޝިއާ އެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ޔޫކްރޭނާއި ސްވިޑަންއާއި ފްރާންސް އަދި އިނގިރޭސިވިލާތެވެ.