22 May 2012, 11:39
މިދިޔަ އަހަރު ޒަކާތު ފަންޑުން ލިބުނު ފައިސާއިން ފަގީރުންގެ ބައިގެ ތެރެއިން އަތޮޅުތަކުގެ ފަގީރުންނަށް ބަހަން 26 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުގެ ފައިސާ ބެހުމަށް ފަސް މެންބަރުން ހިމެނޭ ޒަކާތުގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީން ނިންމާފައިވާ ގޮތަށް ފައިސާ ބެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި ތިބި ފަގީރުންނަށް ބަހަން 26258760ރ. ފޮނުވާފައިވާ ކަމަށާއި ކައުންސިލްތައް މެދުވެރިކޮށް އެ ފައިސާ ބެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމާށެވެ.
"ހުރިހާ ރަށެއްގައި އެ ފައިސާ ބަހާ އަދި މުޅިން ނުނިމޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ މާލޭގެ ރަށްވެހިންގެ ތެރެއިން ފަގީރުންގެ ގޮތުގައި 10621 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަށް ބޮލަކަށް 660 ރ. ގެ ރޭޓުން ފައިސާ ބަހާފައިވާ ކަމަށެވެ. މީގެ އިތުރުން ނަން ނޯޓުކުރުމަށް ފަހު ފައިސާއާ ހަވާލުވާން ނުދާ ފަރާތްތަކުގެ ލިސްޓެއް ތައްޔާރުކުރާނެ ކަމަށް ވެސް ބުންޏެވެ.
މިދިޔަ އަހަރު ޒަކާތު ފަންޑަން ލިބިފައިވާ ފައިސާގެ ތެރެއިން ބޮޑެތި ބަލިތަކުގައި ބޭސް ފަރުވާއަށް ބޭނުންވެފައިވާ ފަރާތްތަކުގެތެރެއިން 250 އަށް ވުރެ ގިނަ މީހުނަށް ފައިސާ ދިނުމުގެ އިތުރުން ރާއްޖެއާ ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީ ދިނުމާއި ސްކޯލަޝިޕްގެ ހަ ފުރުސަތެއް ދޭން ވަނީ އިއުލާންކޮށްފަ އެވެ. އަދި ރާއްޖޭގައި ކިޔަވާ ކުދިންގެ ތެރެއިން 500 ދަރިވަރަކަށް ޒަކާތުގެ ފަންޑުން އެހީތެރިވާން ވަނީ ނިންމާފަ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ޒަކާތާއި ބެހޭ ގާނޫނެއް ނެތުމުން ދަތިތައް ދިމާވާ ކަމަށާއި އެފަދަ ގާނޫނެއްގެ ދެލިކޮޮޕީއެއް އެކުލަވައިލުމަށްފަހު ބަންޑާރަ ނައިބުގެ ލަފަޔަށް އެދި މިހާރު ފޮނުވާފައިވާ ކަމަށެވެ.