ފިލްމު "އެނިމަލް"ގެ އެކްޓަރު ރަންބީރު ކަޕޫރަކީ ހިންދީ ސިނަމާގައި މި ވަގުތު ހުރި އެންމެ މޮޅު އެކްޓަރު ކަމަށް ތެލުގޫ އެކްޓަރު މަހޭޝް ބާބޫ ބުނެފިއެވެ.

ފިލްމު "އެނިމަލް" ސިނަމާތަކުގައި ދެއްކުމުގު ކުރިން ބޭއްވި ޕްރީ ރިލީޒިންގް ހަފުލާގެ ހާއްސަ މެހެމާނު ކަމަށްވާ މަހޭޝް ބުނީ "އެނިމަލް"ގައި ރަންބީރު ދައްކުވައިދިން އެކްޓިންގް އަކީ ފިލްމު "ސަންޖޭ"އަށް ފަހު ރަންބީރުގެ ކެރިއަރުގެ އެންމެ މޮޅު ހުށަހެޅުން ކަމަށެވެ.

ފިލްމު "އެނިމަލް"ގެ ކާސްޓުންގެ އިތުރުން ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކަށް ދައުވަތު ދެވިގެން ބޭއްވި ޕްރީ-ރިލީޒިންގް ހަފުލާގައި މަހޭޝްގެ އިތުރުން ތަޖުރިބާކާރު ޑައިރެކްޓަރު އެސްއެސް ރާޖާ މޮލީ ވެސް ވަނީ ހާއްސަ މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެފައެވެ. ތެލުގޫ ސިނަމާގެ އަގު ބޮޑު އެކްޓަރު މަހޭޝް ބާބޫ ބޮލީވުޑް ފިލްމެއްގެ އިވެންޓަކުން ފެނިފައިވާއިރު ބޮލީވުޑް ފިލްމެއްގައި މަސައްކަތްކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ނެތް ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ސިނަމާތަކަށް "އެނިމަލް" އަންނައިރު ފިލްމުގެ އެޑްވާންސް ބުކިން ހައްދާފައިވާ މީހުންގެ އަދަދު އެތައް ގުނައަކަށް ވަނީ އަރައިފައެވެ.

ތެލުގޫ އެކްޓަރު މަހޭޝް ބާބޫ އަދި ޑައިރެކްޓަރު އެސްއެސް ރާޖާ މޮލީ
ރަންބީރު ކަޕޫރާއި އަނިލް ކަޕޫރު އަދި ބޮބީ ޑިއޯލްގެ އިތުރުން ބަތަލާ ރަޝްމިކާ އަދި ތުރިޕްތީ ދިމްރީ މުހިއްމު ރޯލެއް ކުޅޭ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާ އެކެވެ.

ކާމިޔާބު ފިލްމުތައް ކަމަށްވާ "އަރުޖުން ރެއްޑީ" އަދި "ކަބީރު ސިންގް"ގެ ޑައިރެކްޓަރު ސަންދީޕް ރެއްޑީގެ މި ފިލްމަކީ ޓީ-ސީރީސްގެ އުފެއްދުމެކެވެ.

ބައްޕައަކާއި ފިރިހެން ދަރިއެއްގެ ދެމެދުގައި އޮންނަ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުން ބޮބީ ޑިއޯލް ފެންނާނީ ނުބައިނުބައި މީހެއްގެ ރޯލުންނެވެ.