22 May 2012, 11:31
ދިރާގް ދިވެހި ލީގުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމަކީ ވީބީ އައްޑޫ އެފްސީ ކަމަށް އީގަލްސްގެ ކޯޗް އިހުސާން އަބުދުލްގަނީ (ސާންތީ) ބުނެފި އެވެ.
ސަން މީޑިއާ ގްރޫޕްގެ ސަންއެފްއެމްއިން ގެނެސްދޭ (ސަންއެފްއެމް ކުޅިވަރު ޕްރޮގްރާމް)ގައި ރޭ ވާހަކަ ދައްކަމުން ސާންތީ ބުނީ، މިދިޔަ ހުކުރު ދުވަހު އީގަލްސް އަތުން 3-6 ލަނޑުން ވީބީ މޮޅުވި މެޗުގައި އީގަލްސްގެ ޑިފެންޑަރުންނަށް މިސްޓޭކްތަކެއް ހެދުނު ކަމަށާއި އަދި އެ މިސްޓޭކްތައް އެގޮތަށް ހެދެން ދިމާވާން މެދުވެރިވީ ވީބީ އަކީ ދަށް ޓީމެއް ކަމަށް ކުޅުންތެރިންނަށް އެ ދުވަހު ގަބޫލު ކުރެވުމުން ކަމަށެވެ. އަދި ލީގުގެ ފެށުން ވީބީން ދައްވި ކަމުގައި ވިޔަސް، މިފަހަރުގެ ލީގުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމަކީ ވީބީ ކަމަށާއި އެކަން އީގަލްސް އަށް މިހާރު ފެނިފައިވާނެ ކަމަށް ވެސް ސާންތީ ބުންޏެވެ.
"ވީބީ އަކީ ލީގުގެ އެންމެ ގަދަ ޓީމް. އަހަރުމެން ނިއުރޭޑިއަންޓު މެޗާއި ވިކްޓަރީ މެޗް އެއްވަރު ކުރެވުނު އިރު ވީބީ މެޗުން ބޮޑު ތަފާތަކުން ބަލިވުން އެއީ ވިސްނާލަން ޖެހޭ ވަރުގެ ކަމެއް. ލީގުގައި ވާދަކުރަނީ މުޅިން ވެސް މޮޅެތި ޓީމްތައް." ސާންތީ ބުންޏެވެ.
ސާންތީ ބުނީ، ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލަނދުގަންނަން ޖެހޭ ވަރުގެ ދައް ނަތީޖާއެއް އަދި ފެނުނީ ވެސް ހަމައެކަނި ވީބީއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށެވެ.
ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމް މޮޅުވެފައި ވަނީ އެއް މެޗުން ނެވެ. އަދި ދެ މެޗުން އެއް ވަރުވެފައިވާ އިރު، ބަލިވީ ވެސް ދެ މެޗުން ނެވެ.
ފަސް މެޗް ކުޅެ، ޖުމްލަ ފަސް ޕޮއިންޓާ އެކު ތާވަލްގެ ފަސް ވަނައިގައި އީގަލްސް މިވަގުތު އޮތް އިރު، އެ ޓީމް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވިޔަންސާ އަތުން މޮޅުވީ 1-0 ލަނޑުންނެވެ. ދެ ވަނަ މެޗުގައި ވިކްޓަރީ އަތުން 1-1 ލަނޑުން އެއްވަރުވި އިރު، ތިން ވަނަ މެޗުގައި ނިއު އަތުން އީގަލްސް އެއްވަރުވީ 1-1 ލަނޑުންނެވެ. ލީގުގައި އީގަލްސް އަށް ބައްޔަކާ ކުރިމަތިލާން ޖެހުނީ މާޒިޔާ އަތުން 2-1 ލަނޑުން ބަލިވި ހަމައިންނެވެ. އަދި ފަހު މެޗުގައި ވީބީ އަތުން އީގަލްސް ބަލިވީ 6-3 ލަނޑުންނެވެ.
ލީގުގައި އީގަލްސް ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ މާދަމާ ހަވީރު އޭވައިއެލްއާ ދެކޮޅަށެވެ. މާދަމާ އޭވައެލްއާ ދެކޮޅަށް އީގަލްސް ނިކުނަ އިރު، މިދެ ޓީމްގެ ދެ މެދުގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. އެގޮތުން ފަސް ޕޮއިންޓާ އެކު ތާވަލްގެ ފަސްވަނައިގައި އީގަލްއޮތް އިރު، އޭވައިއެލް އޮތީ ހަތަރު ޕޮއިންޓާ އެކު ތާވަލްގެ ހަ ވަނައިގަ އެވެ. އަދި މާދަމާގެ މެޗަށް އޭވައިއެލް ނިކުންނަ އިރު، އެ ޓީމް ވަނީ އެންމެ ފަހުން ކުޅުނު މާޒިޔާ މެޗް ކާމިޔާބުކޮށްފަ އެވެ. އެމެޗް އޭވައިއެލް އިން ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ.