އެންބީއޭ ބާސްކެޓު ބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސްއިން އެޓްލާންޓާ ހޯކްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މި މެޗު ސެލްޓިކްސްއިން ކާމިޔާބުކޮށްފައިވަނީ 113 ޕޮއިންޓް 103 ޕޮއިންޓުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޖޭސަން ޓޭޓުމްއެވެ. ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓު ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ޓްރެއި ޔަންގެވެ.

މުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސްއާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗު 119 ޕޮއިންޓު 97 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބާވުލްވްސްއެވެ. އެ މެޗުގައި ވުލްވްސްގެ އެންތަނީ އެޑްވާޑްސްވަނީ 24 ޕޮއިންޓު ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ހަތް އެސިސްޓު ކޮށްފައެވެ. އަދި، ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓު ހޯދައިދީ ހަތަރު ރީބައުންޑު ނަގައިދީ ތިން އެސިސްޓް ދިން ޖަރެން ޖެކްސަން ޖޫނިއާއެވެ.

މީގެ އިތުރުން، މިލްވައުކީ ބަކްސްއާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާޒް ބައްދަލުކުރި މެޗު 108 ޕޮއިންޓު 102 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. ބަކްސްއަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓު ހޯދައިދީ 16 ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ. އަދި، ޓްރެއިލް ބްލޭޒާޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ 12 އެސިސްޓް ދިން މެލްކޮމް ބްރޮގްޑަންއެވެ.

މުބާރާތުގައި ކުޅުން އެހެން މެޗުތަކަށް ބަލާލާއިރު އޯލާންޑޯ މެޖިކާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 130 ޕޮއިންޓު 117 ޕޮއިންޓުން މެޖިކް ކާމިޔާބު ކުރިއިރު އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 132 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ.

ބްރޫކްލިން ނެޓްސްއާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 118 ޕޮއިންޓް 109 ޕޮއިންޓުން ނެޓްސް ކާމިޔާބުކުރިއިރު ކްލީވްލަންޑް ކެވެލިއާސްއާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗު 105 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބު ކުރީ ކެވެލިއާސްއެވެ. އަދި، ފީނިކްސް ސަންސްއާއި ނިއުޔޯކް ނިކްސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ.