27 Nov 2023, 17:14
ދިވެހިން ފޯރުކޮށްދިން އެހީގެ ބާވަތްތައް ގެންދިޔަ ޓްރަކުތައް މިހާރު ޣައްޒާއަށް ވަދެފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ބުނެފިއެވެ.
އައިއޭސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، ޣައްޒާއަށް ވެއްދި ހުރިހާ ޓްރަކެއް ވެސް ފުރަތަމަ ގެންގޮސްފައިވަނީ އިސްރާއީލު ފަޅިއަށެވެ. އިސްރާއިލު ފަޅިއަށް ގެންދިއުމަށް ފަހު އެތަކެތި ބަލައި ފާސްކުރި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެއަށް ފަހު ޣައްޒާއަށް އެ ޓްރަކުތަށް ވެއްދުމުގެ ހުއްދަ ދިނީ, އިސްރާއީލާއި ޣައްޒާ އާއި މިސްރުގެ ބޯޑަރުތައް ގުޅޭ ސަރަހައްދާ ކައިރީގައި އޮންނަ ކަރީމް އަބޫ ސާލިޙް މަގުން ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އައިއޭސީން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި އެ ތަކެތި ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ކަމާ ބެހޭ މުއައްސަސާތަކަށް ފޯރުކޮށްދޭނެ ކަމަށާއި އެތަކެތި ފޯރުކޮށްދޭ މަންޒަރުވެސް ދިވެހިންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ.
ފަލަސްތީނުގައި ހުރި އައިއޭސީގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި މި ޓްރަކުތައް މިސްރު ބޯޑަރު ހުރަސްކޮށް ފަލަސްތީނަށް ވައްދާފައި ވަނީ، މެދުކެނޑުމެއްނެތި 49 ދުވަސްވަންދެން ޣައްޒާއަށް ދެމުންއައި އުދުވާނަށްފަހު ވަގުތީގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލި ދުވަހާ ޖެހިގެން އައި ދުވަހުގައެވެ.
އިތުރަށް އޭނާ ބުނީ އެ ލޮރީތަކުގައި ސިއްހީ އާލަތްތަކާއި ބޭހާއި ކާބޯތަކެތިގެ ބާވަތްތަށް ވެސް ހުރި ކަމަށެވެ. އަދި ރާއްޖެއިން ދިން އެހީތެރިކަމުގެ ސަބަބުން، ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ އެހީތެރިކަމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި، އައިއޭސީއަށް ޝުކުރުވެރިވާނެ ކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.