ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރިއަށް ގެންދާ ތަހުގީގު ކުރިއަށް އޮތް 20 ދުވަހުގެ ތެރޭ ނިންމައިލެވޭނެކަމަށް އެ ކޮމިޝަނުން ބުނެފައިވާކަމަށާއި، އެހާ ހިސާބުން ގެދޮރުވެރިންގެ ސްކީމުގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތްކުރާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް 20 ދުވަހުގެ ތެރޭ ގެދޮރުވެރިންގެ ސްކީމާ ގުޅޭގޮތުން ކުރަމުން އަންނަ ތަހުގީގު ނިންމައިލާނެކަމަށް އެ ކޮމިޝަނުން ބުނެފައިވާކަމަށެވެ. އަދި އެ ކަމުގެ މަޝްވަރާތައް މިހާރު ކުރެެވެމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލައިގައި ޖިނާއީ ތަހުގީގެއްކުރަމުން އަންނަނަމަ ފަހަރުގައި މުއްދަތު އިތުރުވުން އެކަށީގެންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޭސީސީއާ މަޝްވަރާކޮށްގެން އޭސީސީން ވިދާޅުވަނީ 20 ދުވަހުގެ ތެރޭގައި ސްޓޭޖް 1ގެ ތަހުގީގުތައް ނިމޭނޭ. އެހެން ނަމަވެސް ވިދާޅުވީ ޖިނާއީ ތަހުގީގެއްކަމުގައިވާތީ ހެކީގެ ސައްހަކަން ކަށަވަރުކުރުމަށް ޓަކައި މި ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ޕޯޓަލްގެ ފްލެޓްތަކާ ބެހޭ ބައިން މި ކޮމިޝަނަށް ދޭ އެކްސެސް ފިޔަވައި އެހެން ފްލެޓްތަކުގެ އެކްސެސް ވަގުތީ ގޮތުން ކަނޑައިލަންވާނޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވެ މިނިސްޓަރު ހައިދަރުުވަނީ ޖިނާއީ ތަހުގީގެއްނަމަ ހޭދަވާނެ މުއްދަތު އިތުރަށް ސާފުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން އާންމުކޮށްފައިވާ ލިސްޓުތަކަށް މިހާތަނަށް 7،000 ޝަކުވާ ލިބިފައިވާކަމަށެވެ.

އެހެންވެ އޭސީސީން އެ ކަން ހުއްޓައިލަން އަންގައިފައިވުމާއި، އޭރުގެ އިންތިޚާބީ ސަރުކާރުން އެ މަސައްކަތް މަޑުޖައްސައިލަން އެދިފައިވަނިކޮށް އެ ކަން ކުރިއަށް ގެންގޮސްފައިވުމަކީ މިހާރުގެ ސަރުކާރުގެ މައިގަނޑު ކަންބޮޑުވުންކަމަށް ފާހަގަކުރެއްވިއެވެ.

އޭސީީސީން މިނިސްޓްރީއަށް އެންގީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުށަހެޅި ހުރިހާ ފޯމުތަކާއި އެ ފޯމުތަކާއެކު ހުރި ހުރިހާ ލިޔުންތަކާއި، މިނިސްޓްރީން އެކަމުގައި ކުރި މަސައްކަތްތައް ފެންނަހެން ޕޯޓަލަށް އެކްސެސް ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެ މައުލޫމާތު އުނިއިތުރު ނުކުރެވޭނެހެން އެ ޕޯޓަލްގެ އެކްސެސް ހަމަޖައްސައިދިނުމަށް ވެސް އޭސީސީންވަނީ އެދިފައެވެ.

މީގެ އިތުރުން ގެދޮރުވެރިޔާގެ މަސައްކަތް ހުއްޓައިލީ މި ސަރުކާރުން ނޫންކަމަށާއި އެއީ އޭސީސީގެ އެންގުމަށް، އާ ސަރުކާރު ހަވާލުވިއިރު ވެސް ހުއްޓައިފައި އޮތް ކަމެއް ކަމަށް މިނިސްޓަރުވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.

"ދެން މި މަސައްކަތަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެންގުމަށް މިހާރު ހުއްޓައިލައިފައި މަސައްކަތަކަށްވާތީ ދެން އަލުން މި މަސައްކަތް ފެށޭނެ ގޮތެއް ހޯދޭތޯ އަޅުގަނޑުމެން އެންޓި ކޮރަޕްޝަން ކޮމިޝަނާ ބައްދަލު ވެސް ކުރިން،" މިނިސްޓަރު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓު ވެގެން ދިޔައީ ގިނަ ބަޔަކު ނުރުހުންވި ލިސްޓަކަށެވެ. އެހެންވެ، އެ ލިސްޓުތައް ބާތިލްކުރުމަށް ވެސް މީގެ ކުރިން ރައްޔިތުން ގޮވައިލިއެވެ.