22 May 2012, 10:36
ސަންޢާ (މޭ 22) : ޔަމަންގެ ވެރިރަށް ސަންޢާގައި އިއްޔެ ގޮއްވާލި ބާރުގަދަ ކާރުބޮމުގެ އަމާޒަކީ އެޤައުމުގެ ދިފާޢީ ވަޒީރާއި ސިފައިންގެ އިސް ޖެނެރަލުން އަވަހާރަކޮށްލުން ކަމަށް އަލްޤާޢިދާ ޖަމާއަތުން ނެރުނު ބަޔާނެއް ބުނެފިއެވެ.
އަލްޤާޢިދާގެ ބަޔާން ބުނިގޮތުގައި މިއީ އެޖަމާއަތުގެ ހަނގުރާމަވެރިން މެރުމަށް އެމެރިކާއާ ގުޅިގެން ޔަމަން ސަރުކާރުން ދެމުންގެންދާ ވަރުގަދަ ޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުންދިން ޙަމަލާއެއްކަމަށާއި ޔަމަންގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އޮފިސަރުންތަކެއް މަރާލުމަށް ވެސް މީގެ ދެ ދުވަސްކުރިން އެ ޖަމާއަތުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ޔަމަން ސަރުކާރުން ގެންދަނީ އެޤައުމުގެ ދެކުނުގެ ޒެންޖިބާރު ސަރަޙައްދުގަޢާއި ޖަޢާރުގައި ޙަރަކާތްތެރިވާ އަލްޤާޢިދާގެ ހަނގުރާމަވެރިންގެ ދުވަސް ދުއްވާލުމަށް މަސައްކަތްކުރަމުންނެވެ.
މިގޮތުން ޔަމަންގެ އެދުމުގެމަތިން އެމެރިކާގެ މަތިންދާބޯޓުތަކުން އެސަރަޙައްދަށް ވައިގެ ޙަމަލާތައް ތަކުރާރުކޮށް ދެމުން ގެންދާއިރު ޔަމަން ސިފައިން ގެންދަނީ އެއްގަމުން ވަރުގަދައަށް ޙަމަލާތައްދީ ހަނގުރާމަކުރަމުންނެވެ. މިޙަމަލާތަކުގައި އަލްޤާޢިދާއަށް ނިސްބަތްވާ ހަނގުރާމަވެރިންގެ އިތުރުން ޢާންމުން މަރުވަމުންދާ ކަމުގެ ރިޕޯޓްތައްވެސް ލިބިފައިވެއެވެ. ޔަމަންގެ ސަރުކާރުން އެމެރިކާ ސިފައިންގެ ޢަސްކަރީ އެހީ ހޯދަމުންގެންދާ މައްސަލާގައި ރައްޔިތުންގެ ނުރުހުންވެސްވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. ޚާއްސަކޮށް އެމެރިކާ ސިފައިންގެ ފައުޖުތައް ޔަމަންގެ ބިމުގައި ހަރަކާތްތެރިވާ މަންޒަރު ފެނުމުން އާންމުންގެ ރުޅިވެރިކަންވަނީ ރައީސް ޢަބްދުރައްބުމަންސޫރު ހާދީ އަށާއި ދިފާޢީ ވަޒީރު މުޙައްމަދު ނާސިރު އަޙްމަދަށާއި ސިފައިންގެ އިސްއޮފްސަރުންނަށް އަމާޒުވެފައެވެ.
ޔަމަންގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިން ޖެހުނު ކޮންމެތަނަކުން މެރުމަށާއި އެމެރިކާ ސިފައިންނާ ދެކޮޅަށް ޢާންމު ޖިހާދަކަށް ރައްޔިތުން ނުކުތުމަށް ޔަމަންގެ ދީނީޢިލްމުވެރިންގެ ތެރެއިން 150 ޢިލްމުވެރިއަކު ދާދިފަހުންވަނީ ފަތުވާއެއް ވެސް ނެރުއްވާފަ އެވެ. އަނެއްކޮޅުން ޔަމަންގެ ރައީސް ޢަބްދުރައްބު މަންސޫރު ހާދީ ވަނީ ޔަމަންގައި ހަރަކާތްތެރިވާ އަލްޤާއިދާ ޖަމާއަތާ ދެކޮޅަށް ރަޙުމެއްނެތް ހަނގުރާމައެއް އިޢްލާން ކުރައްވާފައެވެ.
ހާދީ ވިދާޅުވީ ޔަމަންގެ ބިމުން އަލްޤާޢިދާ މުޅިން ފުހެލައި ނައްތާލެވެންދެން މިހަނގުރާމަ ކުރިޔަށް ގެންދަވާނެ ކަމަށާއި ޔަމަންގެ ބިމުގައި އަލްޤާޢިދާއަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމުގައެވެ. އިއްޔެގެ ބޮމުގެ ޙަމަލާއާގުޅިގެން އެމެރިކާއިންވަނީ ޔަމަނަށް އަސްކަރީ ފަންނީއެހީ ދިނުމަށް ހުށަހަޅާފައެވެ. ޔަމަންގެ ދެކުނުގައި އަލްޤާޢިދާއާ ދެކޮޅަށް އެމެރިކާ އާއި ޔަމަން ގުޅިގެން ކުރަމުންގެންދާ ހަނގުރާމައިގެ ސަބަބުން އެސަރަޙައްދުތަކުގެ ރައްޔިތުންވަނީ ވަރަށްބޮޑަށް ޙާލުގައި ޖެހިފައެވެ. – އަލް ޖަޒީރާ