ސްޕެއިންގެ މަލާގާގައި ކުރިއަށްދިޔަ ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އިޓަލީވިލާތުން ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން އިޓަލީވިލާތުން ހޯދީ ފައިނަލްގައި އޮސްޓްރޭލިއާއާ ބައްދަލުކޮށް ދެ މެޗުން ކުރި ހޯދައިގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އިޓަލީވިލާތުގެ މެޓިއޯ އަނާލްޑީ އާއި ދުނިޔޭގައި 40 ވަނައަށް ރޭންކް ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސީ ޕޮޕިރިންއެވެ.

މިމެޗްގެ ފުރަތަަމަ ސެޓް ވަރަށް ވާދަވެރި ކަމާއެކު ދިޔަ ނަމަވެސް ފަހު ވަގުތު ޕޮޕިރިންއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުމުގެ ސަބަބުން ހަތެއް ފަހަކުން ކާމިޔާބުކުރީ އަނާލްޑީއެވެ. ނަމަވެސް ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ސެޓްގައި ޕޮޕިރިންވަނީ އޭނާގެ މޮޅު ކުޅުން ދައްކާ ފަސޭހަ ކަމާއެކު ދެއެއް ހަޔަކުން ދެވަނަ ސެޓް ކާމިޔާބުކޮށްފައެވެ. އަދި ތިންވަނަ ސެޓް ވަރަށް ވާދަވެރި ކަމާއެކު ގޮސް ހައެއް ހަތަރަކުން ކާމިޔާބުކޮށް އިޓަލީވިލާތަށް މިފައިނަލްގައި އެއް މެޗްގެ ލީޑެއް އަނާލްޑީ ނަގައިދިނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ދެވަނަ މެޗްގައި ވާދަކުރީ މިވަގުތު އެންމެ ފޯމްގައި ހުރިކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ ދުނިޔޭގައި ހަތަރު ވަނައަށް ރޭންކް ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސީނާ އާއި ދުނިޔޭގައި 11 ވަނައަށް ރޭންކް ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯއެެވެ. މިމެޗް ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ސީދާ ދެސެޓުން ކާމިޔާބު ކުރީ ސިނާއެވެ. އޭނާ ފުރަތަމަ ސެޓް ހައެއް ތިނަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓް ގެންދިޔައީ ހައެއް ސުމަކުންނެވެ.

ސިނާ ވަނީ މިމުބާރާތުގެ އިތުރުން އެންމެ ފަހުން ނިމުނު އޭޓީޕީ ފައިނަލްސްގައިވެސް ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި އޭނާ މިގޮތުގައި ހިފަހައްޓާލައިފި ނަމަ ކުރިމަގުގައި ޓެނިހުގެ ދުނިޔޭގައި އެންމެ މަގްބޫލް ނަމަކަށް އޭނާގެ ނަން ވުން ވަރަށް ގާތެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިނާ ހާމަކުރިގޮތުގައި މިމުބާރާތް ކާމިޔާބު ކުރެވުމުން މުޅި ޓީމަށް އާދަޔާ ހިލާފް އުފަލެއް ވަނީ ލިބިފައެވެ. އަދި ޓީމްގެ ކުރިހާ ކުޅުންތެރިންވެސް މިފަހަރުގެ މުބާރާތުގައި އެއްބައިވަންތަކަމާއެކު ހިތްވަރު ގަދަ ކުޅުމެއް ދައްކާފައިވާކަމަށް އޭނާ ހާމަކުރިއެވެ. މިގޮތުން ސެމީފައިނަލްގައި މުބާރާތުން ކެޓުމަށް އެންމެ ޕޮއިންޓަކަށް ގާތްވި ކަމަށާއި ނަމަވެސް އެވަގުތުވެސް ހިތްވަރު އެލުވާނުލާ މަސައްކަތް ކުރުމުގެ ނަތީޖާ މިއަދު މިފެންނަނީ ކަމުގައި ސިނާ ހާމަކުރިއެވެ.

މިކާމިޔާބީއާއެކު އިޓަލީވިލާތުން މިވަނީ ޑޭވިސް ކަޕްގެ ތަށި އެޤައުމުގެ ތާރީހްގައި ދެވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ. އެޓީމް އެންމެ ފުރަތަމަ މިތަށި ކާމިޔާބު ކޮށްފައިވަނީ 1976 ވަނަ އަހަރު ކަމުން މިފަހަރު މިތަށި އިޓަލީވިލާތުން މިއުފުލާލީ 47 އަހަރުގެ މެދު ކެނޑުމަކަށްފަހުއެވެ.