27 Nov 2023, 14:38
ސްޕެނިޝް ލަލީގާގައި ކަޑީޒްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
ކަޑީޒްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ރެއާލުން މެޗުގެ ލީޑު ނަގައިފާވަނީ މެޗުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮޑްރިގޯއެވެ. ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ރޮޑްރިގޯއެވެ. މިއީ ރޮޑްރިގޯ ޖެހިޖެހިގެން ރެއާލަށް ލަނޑު ޖަހައިިދިން ތިންވަނަ މެޗެވެ.
މެޗުގައި ރެއާލްގެ ފަހު ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި ޖަހައިދިނީ ޖޫޑް ބެލިންހަމްއެވެ. މިއީ އޭނާ މި ސީޒަންގައި ރެއާލަށް ކާމިޔާބުކޮށްދިން 13 ވަނަ ލަނޑެވެ. މި ސީޒަންގައި ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑުން ރެއާލަށް ބަދަލުވެ، ބެލިންހަމް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެެވެ.
މި ނަތީޖާއާ އެކު ރެއާލް މިހާރު ވަނީ 14 މެޗުން ލިބިފައިވާ 35 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައަށް އަރައިފައެވެ.
ނަމަވެސް މިރޭ ކުރިން ތާވަލުގެ އެއްވަނައިގައި އޮތް ޖިރޯނާ ކުޅޭ މެޗު ކާމިޔާބު ކޮށްފި ނަމަ އެ ޓީމަށް އަނެއްކާ ވެސް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މެޗުން ބަލިވުމުން ކަޑީޒް އުޅެނީ 10 ޕޮއިންޓާ އެކު ތާވަލުގެ 16 ވަނައިގައެވެ.