ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ އިމްތިޔާޒަށް އަރައިގެން މައްސަލަ ދިރާސާކޮށް ގޮތެއް ކަނޑައެޅުމަށް އިމްތިޔާޒާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

އެއީ، އެމްޑީޕީން އެންމެ ފުރަތަމަ މަޖިލީހުގެ އޭރުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިއިރު، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެ ނަޝީދު ކުޑަ ދަށުގައި އިންނެވުމުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހެޅުއްވި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ މި އަހަރުގެ ޖޫން 19 ގައެވެ. އެއީ، އެމްޑީޕީން އެންމެ ފުރަތަމަ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ދުވަސްވަރެވެ.

އޭރު އެމްޑީޕީން ނަޝީދާއި އީވާގެ މައްސަލަ އެއް ފަހަރައި ހުށަހެޅުމުން ދެ ބޭފުޅުން ވެސް ވަނީ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގެންފައެވެ. އެހެންވެ، ގިނަ ދުވަސްތަކެއް ވަންދެން މަޖިލީސް ހުއްޓިފައި އޮތެވެ.

ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެން ކަމަށް ބުނެ މައްސަލަ ހުށަހެޅުއްވި އިބްރާހިމް ޝަރީފް --- ފައިލް ފޮޓޯ/ މަޖިލިސް

މަޖިލީސް ހުއްޓުމުގެ ސަބަބުން، އެމްޑީޕީން އޭރު ވަނީ ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ތުހުމަތުކޮޮށްފައެވެ. އެކަމަކު، އޭރު މަޖިލީސް ހުއްޓިފައި ގިނަ ދުވަސްތަކެއްވެފައި އޮއްވައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ތެރޭ އެމްޑީޕީން ވަނީ އޭރު ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެން މައްސަލަ މަޖިލީހަށް ބަލައިގެންފައިވާއިރު މިއަދުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ މައްސަލައިގައި ކަނޑައަޅާނެ ގޮތަކާ ގުޅޭ ގޮތުން އެއްވެސް މެންބަރަކު ހިޔާލެއް ހުށަހަޅުއްވާފައިނުވާ ކަމަށެވެ. އަދި، ދެ މެންބަރަކު ހިޔާލެއް ހުށަހެޅި ނަމަވެސް އެއީ ނަޝީދު ރިޔާސަތުގައި އިންނެވިއިރު އެ ކަމަށް ހައްލެއް ހޯދަން ހުށަހެޅި ހުށަހެޅުންތަކެއް ކަމުން މިހާރުގެ ހާލަތާ އެ ހުށަހެޅުންތައް ނުގުޅޭތީ، އިމްތިޔާޒުގެ މައްސަލަ މިއަދު ވަނީ ކޮމިޓީއަށް ފޮނުވައިފައެވެ.

"އިތުރު އެހެން ގޮތަކަށް ހުށަހެޅިފައިނުވާތީ މި މައްސަލަ އަޅުގަނޑު، އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވަން،" އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

އެ މައްސަލަ ކޮމިޓީއަށް ފޮނުވުމުން ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ އެ މައްސަލަ ކޮމިޓީއަށް ނުފޮނުވޭނެ ކަމަށް ވިދާޅުވެ، ނިޒާމީ ނުކުތާއެއް ނަންގަވައިފައެވެ. އިލްޔާސް ވިދާޅުވީ، އިމްތިޔާޒުގެ މައްސަލަ މަޖިލީހަށް އަދި ހުށަހެޅިފައިނުވާ ކަމަށާއި އެހެންވެ، އެ މައްސަލަ ކޮމިޓީއަށް ނުފޮނެވޭނެ ކަމަށެވެ.

އެކަމަކު، އަސްލަމް ވިދާޅުވީ އެ މައްސަލަ މީގެ ކުރިން މަޖިލީހަށް ހުށަހެޅި ބަހުސް ވެސް ކުރެވިފައިވާ ކަމަށެވެ.

"އޭރު ބަހުސް ކުރިއަށް ގެންދެވިފައިވާ މައްސަލައެއް. އޭރު މުޅިން ބަހުސް ނުނިމޭތީ މިއަދު އެޖެންޑާ ކުރެވިގެން މި ދިޔައީ،" އަސްލަމް ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ފުރަތަމަ ހުށަހެޅި މައްސަލަ އިންތިޚާބު ތެރޭގައި އަނބުރާ ގެންދިޔަ ނަމަވެސް އިންތިޚާބު ނިމުމާ އެކު އެމްޑީޕީން އަނެއްކާ ވެސް ވަނީ އެ މައްސަލަ ހުށަހަޅައިފައެވެ. އެ ފަހަރު ވެސް ގަވާއިދުގެ އެކިއެކި މާއްދާތައް ނަންގަވައިގެން މަޖިލީސް ހުއްޓުވިއެވެ.

އެކަމަކު، އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީސް ހުއްޓުވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ނަޝީދު ވަނީ ދޫދެއްވައިފައެވެ. އަދި، ފަހުން މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ.